15 ޖެނުއަރީ 2019 - 12:33

އިސްލާމްއާބާދު (ޖެނުއަރީ 15) - ތެޔޮ ސާފު ކުރުމަށް 10 ބިލިއަން ޑޮލަރުގެ ކާރުޚާނާއެއް ޕާކިސްތާނުގައި ހެދުމަށް ސައުދީ އަރަބިއާ އިން ނިންމައިފި އެވެ.

މި ކާރުޚާނާ ހަދަނީ އިންޑިއާ ކަނޑުގައި ބޮޑު ބަނދަރެއް ހެދުމަށް ޗައިނާ އިން އެހީވަމުންދާ ދުވަދާރުގަ އެވެ.
ޕާކިސްތާނުން ބުނީ ގައުމުގެ އިގްތިސާދު ހީނަރުވެ ތެލުގެ އަގު މަތިވަމުންދާ އިރު ބޭރުގެ އިންވެސްޓްމަންޓް ކޮންމެހެން ވެސް ބޭނުންވާ ކަމަށެވެ. ޕާކިސްތާނުގެ ދަރަނި ކުޑަކުރުމަށް ސައުދީން ވަނީ ހަ ބިލިއަން ޑޮލަރުގެ ޕެކޭޖެއް ހަމަޖައްސައިދީފަ އެވެ.
"ޕާކިސްތާނަކީ އިގްތިސާދީ ގޮތުން ހަމަޖެހިލައިގެން އޮވެވޭ ގައުމަކަށް ހަދަން ސައުދީން ބޭނުންވޭ. އެހެންވެ ޕާކިސްތާނާ އެކު ޕާޓްނާޝިޕެއްގެ ދަށުން ތެޔޮ ސާފުކުރާ ކާރުޚާނާ ހަދަން ނިންމީ،" ސައުދީ އެނާޖީ މިނިސްޓަރު ޚާލިދު އަލް ފާލިހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އެއްބަސްވުމުގައި ސޮއިކުރުމަށް ޓަކައި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އަންނަ މަހު ޕާކިސްތާނަށް ވަޑައިގަންނަވާނެ ކަމަށެވެ. އެހެން ދާއިރާތަކުން ވެސް ޕާކިސްތާނުގައި ސައުދީން އިންވެސްޓް ކުރާނެ ކަމަށް އެނާޖީ މިނިސްޓަރު ވިދާޅުވި އެވެ.
ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕީއީސީ) މަޝްރޫއަށް 60 ބިލިއަން ޑޮލަރު ޚަރަދު ކުރާނެ ކަމަށް ބެއިޖިން އިން ބުނެފައިވެ އެވެ. މި މަޝްރޫރުގެ ދަށުން ޕާކިސްތާނުގައި ޕަވަ ސްޓޭޝަންތަކާއި ހައިވޭ އާއި ރޭލްވޭ އަދި ބަނދަރުތައް ހަދައިދޭނެ އެވެ.
"ގުވަދާރުގައި ތެޔޮ ސާފުކުރާ ކާރުޚާނާ ހެދުމުން ސީޕީއީސީގެ ޕާޓްނަރަކަށް ސައުދީ ވެސް ވެގެންދާނެ،" ޕާކިސްތާނުގެ ޕެޓްރޯލިއަމް މިނިސްޓަރު ގުލާމް ސަރްވަރު ޚާން ވިދާޅުވި އެވެ.