15 ޖެނުއަރީ 2019 - 05:54

ދެހާސް އަށް ވަނަ އަހަރު އާމިރު ހާން ކުޅުނު ކާމިޔާބު ފިލްމު "ގަޖިނީ" ގެ ދެވަނަ ބައެއް ހަދަން ނިންމައިފި އެވެ
އެ ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ މަދޫ މަންޓޭނާ އާއި އަލޫ އަރުވިންދް މިހާރު ވަނީ "ގަޖިނީ 2" ގެ ނަމުގައި ހިންދީ އަދި ތެލެގޫ ފިލްމުތަކެއް ވެސް އުފައްދަން ނަން ވެސް ރަޖިސްޓްރީކޮށްފަ އެވެ. އެކަމަކު ހިންދީ ފިލްމުގެ ދެވަނަ ބައިން އާމިރު ފެންނާނެކަން އަދި ކަށަވަރެއް ނުވެ އެވެ.
ނަމަވެސް ދާދި ފަހުން އޭނާ ބުނި ގޮތުގައި ފިލްމަކަށް މިހާރު އަންނަނީ ހަށިގަނޑު ވަރަށް ބޮޑަށް ވަރުގަދަ ކުރަމުންނެވެ. މީޑިއާތަކުން ބުނީ އެ ބަދަލު އާމިރު ގެންނަނީ "ގަޖިނީ 2" އަށް ކަމަށެވެ.
"ގަޖިނީ" އަކީ އިންޑިއާގެ ސައުތުގެ ކުޅަދާނަ ޑައިރެކްޓަރު އޭއާރް މުރުގަދޯސް ހަމަ އެ ނަމުގައި 2005 ގައި ގެނެސް ދިން ތަމަޅަ ފިލްމަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މީގައި ކިޔައި ދެނީ ކުރިމަތިވާ ބައްޔެއްގެ ސަބަބުން އެއްކޮށް ހަނދާން ނެތޭ މައްސަލަ ދިމާވާ ވިޔަފާވެރިވެރިއަކަށް ދިމާވާ ހާދިސާތަކެކެވެ.
"ގަޖިނީ" އަކީ ހޮލީވުޑްގެ ޑައިރެކްޓަރު ކްރިސްޓޯފާ ނޯލަން 2000 ވަނަ އަހަރު ގެނެސް ދިން "މެމެންޓޯ" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.
މީގެ ހިންދީ ފިލްމުގައި އާމިރާ އެކު ބަތަލާއިންގެ ރޯލް ކުޅެފައި ވަނީ ތަމަޅަ ފިލްމުގައި ވެސް ބަތަލާގެ ރޯލް ކުޅުނު އާސިން އާއި 2013 ގައި ދަންޖެހިގެން މަރުވި ބަތަލާ ޖިއާ ހާނެވެ.
ޖުމްލަ 65 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި އާމިރުގެ "ގަޖްނީ" އަކީ ބޮކްސް އޮފީހުގައި 232 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.