14 ޖެނުއަރީ 2019 - 13:22

އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) އިން ވަކިކުރި މަޖިލިސް މެމްބަރުންގެ ބަދަލުގައި އެ ތިން މަގާމަށް މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު (ކޮއްކީ) އާއި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އަދި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު މުހައްމަދު ހާނިމް އައްޔަންކޮށްފި އެވެ.
އެފްއޭއެމްގެ އެކްސްކޯ އިން ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އަދި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ޖުލައި 2017 ގައި ވަކިކުރީ ވިދިވިދިގެން ހަ ބައްދަލުވުމަށް ހާޒިރުވެފައިވެފައިނުވާތީ ކަމަށް ބުނެ އެވެ. އެކަމަކު އޭގެ ތެރެއިން އަބުޅޯ އޭރު ވިދާޅުވީ މަގާމުން ވަކިކުރިކަން އޭނާ އަށް އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެކްސްކޯ ޖަލްސާއަށް ހާޒިރުނުވާން ނޯޓިސްއެއް ވެސް ފޮނުވާނުވާ ކަމަށެވެ.
އޭރު އެ ތިން މެމްބަރުން ވެސް ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް ސޮއިކުރައްވައި ސިޔާސީ ގޮތުން "ހޫނުފެނުގަ" އެވެ.
އޭގެ ތެރެއިން އެއް މަގާމަށް ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އުމަރު އައްޔަންކުރި އެވެ. އެކަމަކު ކޮންގްރެސް އިން ފާސްކުރުމުގެ ކުރިން، އޭނާ ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރުމުން ރަސްމީކޮށް މަގާމާ ހަވާލުވެވޭ ގޮތް ނުވި އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ އަލަށް އައްޔަންކުރި ތިން މެމްބަރުންގެ ނަންތަކަށް ވެސް ރުހުން ދޭނީ ކޮންގްރެސް އިން ކަމަށެވެ.
"ކޮންގްރެސްއާ ހަމަޔަށް އެ ބޭފުޅުން ތިއްބަވާނެ އެކްސްކޯ މެމްބަރުންގެ ގޮތުގައި. އެކަމަކު ކޮންގްރެސްގެ ފަހުން ތިއްބެވޭނީ ރުހުން ލިބިއްޖެ ނަމަ. ކޮންގްރެސް ބާއްވާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާން ކުރާނަން،" ޖަވާޒް ވިދާޅުވި އެވެ.
މީގެ ތެރެއިން ޝާފިއު އަކީ އެންމެ ފަހުގެ އިންތިހާބުގައި ރައީސްގެ މަގާމަށް ބައްސާމާ ވާދަކުރެއްވި އަހުމަދު ތޯރިގް (ޓޮމް) ގެ ޓީމުގެ ފަރާތުން ނައިބް ރައީސްގެ މަގާމަށް ހުށަހެޅި ކެންޑިޑޭޓެވެ. އަދި މުފާ ނިސްބަތްވާ އީގަލްސް އަކީ ވެސް އޭރު ޓޮމް އަށް ތާއީދުކުރި ކްލަބެކެވެ.
ޝާފިއު އަކީ ރާއްޖޭގާއި އެންމެ ހަރުދަނާކޮށް ހިންގާ ފުޓްބޯޅަ ކްލަބުގެ ގޮތުގައި މާޒިޔާ އޮތް އޮތުމުގެ މުހިއްމު ހިއްސާދާރެކެވެ. މުފާ އަކީ އީގަލްސް ހިންގުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެކެކެވެ. އެގޮތުން އެ ކްލަބުގައި ޒުވާން ސްކޮޑެއް އެކުލަވާލައި ރާއްޖޭގެ ވަރުގަދަ ޓީމަކަށް ހެދުމުގައި އޭނާގެ ދައުރު ބޮޑެވެ.
ހާނިމް ވަނީ ކުޅިވަރުގެ އިދާރީ އިސް މަގާމްތަކެއް ފުރުއްވައިފަ އެވެ. ފުޓްބޯޅައިގައި އޭނާގެ އެންމެ ބޮޑު އުސް އައްޔަކީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގެ މެނޭޖަރުކަންކުރުމާއި 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ތިން ވަނަ ހޯދި ނިއު ރޭޑިއަންޓުގެ މެނޭޖަރުކަންކުރުމެވެ.
މި ތިން މެމްބަރުންނާ އެކު އެފްއޭއެމްގެ އެކްސްކޯގައި ތިއްބަވާނީ ޖުމްލަ ނުވަ މެމްބަރުންނެވެ. އެއީ ރައީސް ބައްސާމާއި ދެ ނައިބް ރައީސުން ކަމަށްވާ އަހުމަދު ޝަކީބާއި އައިޝަތު ނާޒިމާ އަދި މުހައްމަދު އަލީ އާއި މުއާޒް މުހައްމަދު ރަޝީދާއި މުހައްމަދު ޝިފާއު އެވެ.
މީގެ ތެރެއިން މުހައްމަދު އަލީ އާއި މުއާޒަކީ ވެސް މަޖިލިސް މެމްބަރުންނެވެ.
އެކްސްކޯ އަށް ފުރަތަމަ އިންތިހާބުވެވަޑައިގެން މެމްބަރުންގެ ތެރޭގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ހިމެނެ އެވެ. އޭނާ ވަނީ އިންތިހާބުވުމާ އެކު އިސްތިއުފާ ދެއްވާނެ ކަމަށް ވީ ވައުދާ އެއްގޮތަށް ޖެނުއަރީ 2017 ގައި އިސްތިއުފާ ދެއްވައިފަ އެވެ.
ހުސެއިން ވިދާޅުވީ އެފްއޭއެމްގެ އެ މަގާމަށް ވަޑައިގަތީ ވެސް މިކަމުގައި އަމަލީ ގޮތުން އުޅުމުގެ ޝައުގެއް ހުރެގެން ނޫން ކަމަށާއި ބޭނުންވީ އެފްއޭއެމްގެ ރައީސް ބައްސާމަށް އިންތިހާބު ކާމިޔާބުކޮށްދޭން އެހީވުން ކަމަށެވެ.