14 ޖެނުއަރީ 2019 - 13:20

ޕީޕީއެމް ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކޮށްދޭން އެދި އާންމު މެމްބަރަކު ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު އިބްތިދާއީ ބައްދަލުވުމެއް ބާއްވައިފި އެވެ.
ޕީޕީއެމް ހިންގުން މައުމޫނާ ހަވާލުކޮށްދޭން އެދި އެ ޕާޓީގެ އާންމު މެމްބަރެއް ކަމަށްވާ ލ. ގަން ތުނޑިި، ހަވި، އަލީ އަހުމަދުގެ ފަރާތުން ދައުވާކުރީ ސިވިލް ކޯޓު އެވެ. ނަމަވެސް އެ މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ގެންދިޔައީ އެވެ.
މި ދައުވާއާ ގުޅޭ ގޮތުން އިބްތިދާއީ ބައްދަލުވުމެއް ސުޕްރީމް ކޯޓުން މިއަދު ބާއްވާފައިިވާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުންޏެވެ. މިއީ ލިޔުންތައް ހަވާލު ކުރުން ފަދަ ކަންކަން އޮންނަ މަޖިލީހެކެވެ.
ޕީޕީއެމްގެ މި މައްސަލަ ކުރިއަށް ނުގޮސް ހުއްޓިފައި އޮއްވައި، އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ލީޑަޝިޕް އިސްކޮށް ތިއްބަވައިގެން ޕީއެންސީގެ ނަމުގައި އެހެން ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރިއަށެވެ.
މީގެ އިތުރުން ޕީޕީއެމްގެ ރައީސަކަށް ޔާމީން އައްޔަންކޮށް، އެ ޕާޓީން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ޚާއްސަ ކޮންގްރެސްގެ މައްސަލަ ވެސް މިހާރު އޮޮތީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
އެ ކޮންގްރެސްގެ ނިންމުންތައް ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުން ދެކޮޅު ހެދިޔަސް، ހައި ކޯޓުން އަމުރުކުރީ އެ ނިންމުންތައް ބަލައިގަތުމަށެވެ. ހައި ކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރީ އިލެކްޝަންސް ކޮމިޝަނުންނެވެ.