14 ޖެނުއަރީ 2019 - 13:15

ހއ. އިހަވަންދޫގައި ސުވާލު އުފެދޭ ގޮތަކަށް ތުއްތު އަންހެން ކުއްޖަކު މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ރަށުގައި މަރުވި 19 ދުވަސްވީ ކުއްޖަކު މަރުވި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އެކަމަކު، އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި މީޑިއާ އަކަށް ނުދެ އެވެ.
އިހަވަންދޫން "މިހާރު" އާ ވާހަކަ ދެއްކި ކައުންސިލަރަކު ވިދާޅުވީ، ރޭ ފަތިހު 5:30 ހާއިރު އެ ކުއްޖާ އަށް ގާތުން ދިނުމަށް ފަހު ނިންދެވި ކަމަށެވެ. ކުއްޖާއާ އެކު މަންމަ އާއި ބައްޕަ ވެސް ނިދި ކަމަށާއި ކުއްޖާ މަރުވެފައި އޮތްކަން އެނގުނީ ހެނދުނު ބެލިއިރު ހަރަކާތެއް ނެތި އޮތުމުން ކަމަށެވެ.
އެ ކުއްޖާ ނިންދެވީ ދެމަފިރިންގެ ދެމެދުގަ އެވެ.
"އެ ދެ މީހުން ވެސް ގާތްގަނޑަކަށް ހެނދުނު 7:20 ހާއިރު ހޭލިއިރު ކުއްޖާ ހަރަކާތެއް ނުކޮށް އޮންނަހެން ހީވާތީ މި ނެގީ. ނެގިއިރު މި ފާހަގަވީ ނޭފަތުން ލޭ އައިސް ހުރި ކަން. ދެން ސިއްހީ މަރުކަޒަށް ގެންދިޔައީ ވަގުތުން. ބެލުމަށް ފަހު ޑޮކްޓަރު ނިންމާފައި އޮތީ ގުދުރަތީ މަރެއް ކަމަށް އެއީ،" ކައުންސިލަރު ވިދާޅުވި އެވެ.
މިއީ އެ ދެމަފިިރިންގެ ދެ ވަނަ ކުއްޖާ އެވެ. ފުރަތަމަ ކުއްޖާއަށް ތިން އަހަރެވެ. އޭނާ ނިދަނީ ދައްތައެއްގެ ކައިރީގަ އެވެ.
ކައުންސިލަރު ވިދާޅުވީ ކުއްޖާގެ ބޭރުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށެވެ. އަދި އެ ކުއްޖާ ހުން އައިސް ހުރިހެން ހީވާތީ އިއްޔެ ޑޮކްޓަރަށް ވެސް ދެއްކި ކަމަށް ވިދާޅުވި އެވެ.