ޒިދާން ދިޔައީ ޓްރާންސްފާގެ ބާރު ނުލިބުމުން: ކަލްޑެރޮން
ޒިދާން ދިޔައީ ޓްރާންސްފާގެ ބާރު ނުލިބުމުން: ކަލްޑެރޮން

މެޑްރިޑް (ޖެނުއަރީ 14) – ޒައިނުއްދީން ޒިދާން ރެއާލް މެޑްރިޑުގެ ކޯޗުކަން ދޫކޮށްލީ ޓްރާންސްފާގެ ކަންކަމުގައި ބާރު ހޯދަން ކުރި މަސައްކަތުގައި، ކްލަބުގެ ރައީސް ފްލޮރެންޓީނާ ޕެރޭޒާ ވާދަކުރައްވައި ނާކާމިޔާބުވުމުން ކަމަށް ކްލަބުގެ ކުރީގެ ރައީސް ރާމޮން ކަލްޑެރޮން ވިދާޅުވެއްޖެ އެވެ.

މެޑްރިޑުގެ ކުރީގެ ކުޅުންތެރިޔާ މީގެ ހަތަރު އަހަރުކުރިން އެ ކްލަބުގެ ކޯޗުކަމާ ހަވާލުވެ ޖެހިޖެހިގެން ތިން ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނެވެ. އެކަމަކު އެންމެން ހައިރާންކޮށްލައި އޭނާ ވަނީ ސީޒަން ނިމުމުން އިސްތިއުފާ ދީފަ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ކްލަބް ދޫކޮށްލި އެވެ.

ކަލްޑެރޮން ވިދާޅުވީ ޒިދާނާއި ރޮނާލްޑޯ ދިއުމުން އުފެދުނު ބާގަނޑު ބެއްދުމުގައި މެޑްރިޑް ފެއިލްވެފައިވާ ކަމަށެވެ. ސީޒަން ދެބައިވީއިރު އެ ޓީމު އޮތީ ލީގުގެ ފަސް ވަނައިގަ އެވެ. ޒިދާންގެ ބަދަލުގައި ގެނައި ހުލެން ލޮޕެޓީގަށް ނަތީޖާ ނުނެރެވުމުން ގެނައި ވަގުތީ ކޯޗު ސެންޓިއާގޯ ސޮލާރީގެ ނަތީޖާ ވެސް ރަނގަޅެއް ނޫނެވެ.

"ޒިދާން ބުނަމުން ދިޔައީ ރޮނާލްޑޯ މަޑުކުރުވުމަށް ފަހު ގަރެތު ބޭލް ވިއްކާލަން. އެކަމަކު ޕެރޭޒް ކަންތައް ކުރެއްވީ ޒިދާނުގެ ވިސްނުމާ ދިމާ އިދިކޮޅަށް. ޒިދާން ބޭނުންވީ ކުޅުންތެރިން ގެނައުމާއި ވިއްކުމުގައި ނިންމުންތައް ނިންމޭ ވަރުގެ ބާރެއް ހޯދަން. އެކަމަކު އޭނާ ބޭނުންވި ގޮތަކަށް އެކަމެއް ނުވި. އެހެންވެ އޭނާ ނިންމީ ކްލަބް ދޫކޮށްލަން. އޭނާ ކަންތައް ކުރީ ރަނގަޅަށް،" ކަލްޑެރޮން ވިދާޅުވި އެވެ.