14 ޖެނުއަރީ 2019 - 08:56

ލަންޑަން (ޖެނުއަރީ 14) – ގޯލްކީޕަރު ޑޭވިޑް ޑެހެއާގެ މޮޅު ކުޅުމާ އެކު ޓޮޓެންހަމް ހޮޓްސްޕާސް ރަށުން ބޭރުގައި 1-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުގެ ވަގުތީ ކޯޗު އޮލެ ގުނަ ސޯލްޝެއާ، އެ ޓީމަށް ކޯޗުކޮށްދިން ފުރަތަމަ ހަ މެޗުން ހަ ވަނަ މޮޅު ރޭ ހޯދައިފި އެވެ.
މި ނަތީޖާއާ އެކު ގަދަ ހަތަރަކަށް ވަދެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރަން ޔުނައިޓެޑަށް ވަރަށް ބޮޑު ހިތްވަރެއް ލިބިފައިވާއިރު، ޓޮޓެންހަމުން ޕްރިމިއާ ލީގުގެ ތަށި ހޯދަން ކުރާ މަސައްކަތަށް ވަނީ މަޑުޖެހިލުމެއް އައިސްފަ އެވެ.
ޔުނައިޓެޑް މިހާރު ވަނީ ހަ ވަނައިގައި 41 ޕޮއިންޓް ހަމަކޮށް، ފަސް ވަނައިގައި އޮތް އާސެނަލާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. ހަތަރު ވަނައިގައި 47 ޕޮއިންޓާ އެކު އޮތް ޗެލްސީއާ އޮތީ ހަ ޕޮއިންޓުގެ ފަރަގެކެވެ. ޓޮޓެންހަމް އޮތީ 48 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ދެ ވަނައިގައި 50 ޕޮއިންޓާ އެކު އޮތް މެންޗެސްޓާ ސިޓީން މިރޭ ވުލްވްސް އަތުން މޮޅުވެއްޖެ ނަމަ ފަސް ޕޮއިންޓުގެ ލީޑެއް ދެ ވަނައިގައި ނެގޭނެ އެވެ. އެއް ވަނައިގައި 58 ޕޮއިންޓާ އެކު އޮތް ލިވަޕޫލާއި ޓޮޓެންހަމާ ދެމެދު ނުވަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ޔުނައިޓެޑުގެ ހަމައެކަނި ގޯލް 44 ވަނަ މިނެޓުގައި ޖެހީ ޕައުލް ޕޮގްބާގެ ޕާހަކުން ޒުވާން ފޯވާޑް މާކަސް ރަޝްފޯޑެވެ. އެކަމަކު މި މެޗުގެ ބަތަލަކަށްވީ ގޯލްކީޕަރު ޑެހެއާ އެވެ. އޭނާ ދެ ވަނަ ހާފުގައި އެކަނި ވެސް ޓޮޓެންހަމްގެ 11 ހަމަލައެއް މަތަކުރި އެވެ. ހާއްސަކޮށް ފޯވާޑް ހެރީ ކޭން އާއި ޑެލޭ އަލީ ފޮނުވާލި ބޯޅަތައް ފާހަގަކުރެވުނެވެ.
"މެންޗެސްޓާ ޔުނައިޓެޑުން ކޮންމެ މެޗެއް ވެސް ކާމިޔާބުކުރަން ޖެހޭނެ. އެކަމަކު އެއީ ވާނެ ކަމެއް ނޫން. އެހެންވިޔަސް ވިސްނަން ޖެހޭނީ އެގޮތަށް. އެއީ މި ޓީމުގެ ވިސްނުމަކީ ވެސް،" ޔުނައިޓެޑުގެ ކޯޗު ސޯލްޝެއާ ބުންޏެވެ.
އޭނާ ބުނީ ފުރަތަމަ ހާފުގައި މޮޅަށް ކުޅުނު ނަމަވެސް ދެ ވަނަ ހާފުގައި އޮތީ ޕްރެޝަރުގައި ކަމަށެވެ. އިތުރު ގޯލް ޖަހަން ފުރުސަތުތަކެއް ލިބުނު ނަމަވެސް ޔުނައިޓެޑުގެ ޑިފެންސް ލައިނާއި ގޯލްކީޕަރުގެ ކުޅަދާނަކަމާ އެކު މެޗު ކާމިޔާބުކުރެވުނީ ކަމަށް ބުންޏެވެ.
"ފުރަތަމަ ހާފުގައި މެޗު ނެގޭނެ ވަރަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކުރިން. އެކަމަކު ލަނޑު ނުޖަހަންޏާ ޕްރެޝަރަށް ދާނެ. އަހަރެމެން ޑިފެންސް ކުރިން ވަރަށް ރަނގަޅަށް،" ސޯލްޝެއާ ބުންޏެވެ.