15 ޖެނުއަރީ 2019 - 10:32

ޝާހްރުކް ހާނާއި ޑައިރެކްޓަރު ރޯހިތު ޝެޓީއާ ދެމެދު އޮތް ގުޅުން މިހާރު ހީނަރުވެފައިވާ ކަމަށް ބުނާ ވާހަކަތައް ރޯހިތު ދޮގުކޮށްފި އެވެ.
ރޯހިތު ބުނި ގޮތުގައި އެއްވެސް ކަމަކާ ގުޅިގެން އޭނާ އާއި ޝާހްރުކާ ދެމެދު އޮތް އެކުވެރި ކަމަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނެތެވެ. އަދި ފިލްމެއްގެ މަސައްކަތް އެކުގައި ނުކުރުމުގެ މާނައަކީ ރުޅިވެރިކަން އޮތުން ނޫން ކަމަށް ބުންޏެވެ.
ޝާހްރުކް ވަނީ ރޯހިތާ އެކު ދެ ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ 2013 ގެ ކާމިޔާބު ފިލްމު "ޗެންނައި އެކްސްޕްރެސް" އާއި 2015 ގެ "ދިލްވާލޭ" އެވެ. ޝާހްރުކާއި ކާޖޮލްގެ ޖޯޑު ޒަމާންގަނޑަކަށް ފަހު އަލުން ސްކްރީނުން ފެނިގެން ދިޔަ "ދިލްވާލޭ" އަކީ އުންމީދު ކުރި ވަރުގެ ކާމިޔާބު ފިލްމެއް ނޫނެވެ. އެ ފިލްމަށް ލިބުނު ފިނި ތަރުހީބާ އެކު ރޯހިތާއި ޝާހްރުކްގެ ގުޅުން އެހާ ރަނގަޅު ނޫން ކަމަށް މީޑިއާތަކުން ބުނެ އެވެ. ނަމަވެސް ރޯހިތާ އެކު އިތުރު ފިލްމެއްގައި ޝާހްރުކް މަސައްކަތްކުރަން ބޭނުންވި ނަމަވެސް، ރޯހިތުގެފަރާތުން އެކަމަށް އިޖާބައެއް ނުލިބޭ ކަމަށްވެ އެވެ.
ރަންވީރު ސިންގް ލީޑް ރޯލް ކުޅެ، ބޮކްސް އޮފީހުގައި އަދިވެސް ކާމިޔާބުކަމާ އެކު ހިނގަމުން އަންނަ "ސިމްބާ" އަށް ފަހު، ރޯހިތު މިހާރު އަންނަނީ އަކްޝޭ ކުމާރާ އެކު "ސޫރިޔާވަންޝީ" ކިޔާ ފިލްމެއް ހެދުމުގެ ތައްޔާރީތައް ވަމުންނެވެ.
އެކްޓަރު އަޖޭ ދޭވްގަންގެ ބެސްޓް ފްރެންޑްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ރޯހިތު މިހާތަނަށް ގިނަ ފިލްމުތައް ހަދާފައި ވެސް ހުރީ އަޖޭއާ އެކުގަ އެވެ. އަޖޭ ނޫން އެކްޓަރުންނާ އެކު އޭނާ މަސައްކަތް ކުރަން ފެށީ ވެސް ތަންކޮޅެއް ފަހުންނެވެ.
ޝާހްރުކް މި ފަހުން ކުޅުނު ހުރިހާ ފިލްމުތަކެއް ފްލޮޕްވެފައިވާ އިރު، އޭނާގެ ކެރިއަރުގެ ކުރިގަމާ މެދު ބޮލީވުޑްގެ ހަބަރުތައް ދިރާސާ ކުރާ މީހުން މިހާރު ދަނީ ސުވާލު ވެސް އުފައްދަމުންނެވެ. ޝާހްރުކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކޮށް، ބަލާނެ ބަޔަކު ނުވި "ޒީރޯ" އެވެ.