މައިންބަފައިންގެ އުމުރާ ދަރިންގެ އުމުރާ ގުޅުމެއް ވޭތަ؟
މައިންބަފައިންގެ އުމުރާ ދަރިންގެ އުމުރާ ގުޅުމެއް ވޭތަ؟

ޔުނިވަސިޓީ އޮފް އެސްޓާ މެޑިކަލް ސްކޫލްގެ ތަޖުރިބާކާރުން ވިދާޅުވަނީ މިހެންނެވެ. އުމުރުން 70 އިން މައްޗަށް ދާންދެން ދުނިޔޭގައި އުޅެފައިވާ މީހުންނަށް ލިބިފައިވާ ދަރިން ހާޓް އެޓޭކެއް ޖެހިގެން، މައިންބަފައިން މަރުވި އުމުރުގައި މަރުވުމަށް އޮންނަ ފުރުސަތު އެހެން މީހުންނާ އަޅާބަލާއިރު ކުޑަ އެވެ.

"އަޅުގަނޑުމެންގެ ދިރާސާއިން ދައްކަނީ 70 އިން މައްޗަށް ދާންދެން ދުނިޔޭގައި އުޅެފައިވާ މީހުންނަށް ލިބިފައިވާ ދަރިންނަށް ހާޓް އެޓޭކެއް ޖެހިގެން މަރުވުމަށް އޮންނަ ފުރުސަތު، އެއަށް ވުރެ އުމުރު ކުރު މީހުންނަށް ލިބިފައިވާ ދަރިންނަށް ވުރެ 20 ޕަސެންޓް ކުޑަކަން،" ދިރާސާ ކުރުމުގައި އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށްވާ ލޫކް ޕިލިންގް ވިދާޅުވެފައިވެ އެވެ.

ހާއްސަގޮތެއްގައި، އުމުރު ދިގު މީހުންނަށް ލިބިފައިވާ ދަރިންނަށް ހިތުގެ ބަލިތައް ޖެހުމާއި ފެއިލްވުން އަދި ސްޓްރޯކް ޖެހުމާއި ލޭމައްޗަށް ދިއުން އަދި ކޮލެސްޓްރޯލް މަތިވުމަށް އޮންނަ ފުރުސަތު ވެސް ކުޑަ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

މިއީ މައިންބަފައިންގެ އުމުރުން 80 ނުވަތަ 90 އަހަރު ފަހަނަޅައި ދަންދެން ދުނިޔޭގައި ތިބި މީހުން ސިއްހަތަށް ނުބަލައި ހިތުހުރި އެއްޗެއް ކައި، ދުޅަހެޔޮ ދިރިއުޅުމަކާ ދުރަށް ދާން ދެއްކޭނެ އުޒުރެއް ނޫނެވެ. އަދި މައިންބަފައިން އުމުރު މައްޗަށް ނުގޮސް މަރުވެފައިވާ މީހުން އުންމީދު ކަނޑާލަންޖެހޭ ސަބަބެއް ވެސް ނޫނެވެ.

ޕިލިން ވިދާޅުވީ ކޮންމެ މީހަކީ ވެސް އެ މީހެއްގެ ސިއްހަތަށް ބަލައިގެން ފަރުވާތެރިވެ އުޅޭ މީހެއް ނަމަ މި ދިރާސާގައި ދައްކާފައިވާ ނަތީޖާއާ ދިމާ އިދިކޮޅަށް ކަންތައް ބަދަލު ވެދާނެ ކަމަށެވެ.

"އުމުރު ދިގު މައިންބަފައިންގެ ދަރިން ގިނަ ދުވަހު ދުނިޔޭގައި އުޅޭނެ ކަމަށް ދިރާސާއިން ލަފާކޮށްފައި ވިޔަސް، އުމުރު ކުރު މީހުންގެ ދަރިންނަށް ވެސް ގިނަ ދުވަހު ދުނިޔޭގައި އުޅުމަށް ފުރުސަތު އޮންނާނެ. އެ މީހެއްގެ ސިއްހަތު އޮތީ އެ މީހެއްގެ އަތްމަތީގައި،" ޕިލިންގް ވިދާޅުވެފައިވެ އެވެ.

ދިރާސާކުރެއްވި ބޭފުޅުން ވިދާޅުވެފައި ވަނީ އުމުރު ދިގު މީހުންގެ ދަރިން ގިނަ ދުވަހު ދުނިޔޭގައި އުޅޭ ކަމަށް އަޅާކިޔުންތަކުން ދެއްކި ނަމަވެސް އެއީ ކަށަވަރުކަމާ އެކު ބުނަން އެނގޭ ވަރަށް ވުރެ ނިކަމެތި ގުޅުމެއް ކަމަށެވެ. އެހެންވެ މި ހުރި ގުޅުމަކީ ކޮބައިތޯ ބަލަން އަދި އިތުރު ހޯދުންތައް ހޯދަންޖެހޭ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ. ދިރާސާކުރުމަށް އިނގިރޭސި ވިލާތުގެ، އުމުރުން 55-73 އަހަރުގެ 186،000 މީހެއްގެ މައުލޫމާތު 2006 އިން 2010 އަށް އެއްކުރި އެވެ. މި މުއްދަތުގައި މީގެ ތެރެއިން 4700 މީހަކު މަރުވި އެވެ. މި މީހުންގެ މައުލޫމަށް ބަލާއިރު، ގިނަ ދުވަހު ދުނިޔޭގައި ތިބި މީހުންގެ ދަރިން ވެސް ގިނަ ދުވަހު ދުނިޔޭގައި ތިއްބެވެ. މީގެ ކުރިން ވެސް މަދު އަދަދެއްގެ މީހުން ބައިވެރިކޮށްގެން ހެދި ބައެއް ދިރާސާތަކުން މި ނަތީޖާ ނިކުމެފައިވެ އެވެ.