13 ޖެނުއަރީ 2019 - 14:56

ރަދީފުގައި، ތަރައްގީގެ މާނަ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ބަދަލުކުރަންޖެހޭ ކަމަށް އެ މަނިކުފާނު އިސްވެ ހުންނަވައިގެން އުފައްދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މުއައްސިސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި އަދުރޭ ވިދާޅުވީ ތަރައްގީގެ ވާހަކަތައް ދައްކާ ނަމަ ރައްޔިތުންނަށް އެންމެ ފުރަތަމަ ވެސް ސިފަވާނީ ޔާމީން ކަމަށެވެ. އަދި ތަރައްގީއަށް އެމަނިކުފާނު ކޮށްދެއްވި މަސައްކަތް ރައްޔިތުން ބަލައިގަންނަ ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރަށް ދެ މަސް ވެގެން ދާއިރު ވެސް ތަރައްގީގެ ނަމުގައި އެއްވެސް ކަމެއް ކުރާތީ ނުފެންނަ ކަމަށާއި ފެންނަނީ ތަންތަނުގެ ނަން ބަދަލުކުރުން ފަދަ "ބޮޑެތި މަޝްރޫއު"ތައް ހިންގާތަން ކަމަށް، ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވި ގޮތުގައި، ތަރައްގީ އަކީ ކޮބައިކަން ރައްޔިތުން ތިބީ ފާއިތުވި ފަސް އަހަރު ދަސްކޮށްގެންނެވެ. އެއީ ހުޅުމާލެ ތަރައްގީކުރުމާއި ބްރިޖް އެޅުމާއި ނަރުދަމާއާ ބަނދަރު އެޅުން ފަދަ ކަންތައްތައް ކަމަށް ވިދާޅުވި އެވެ.
މި ވެރިކަމުގައި މިހާތަނަށް ރައްޔިތުން އުއްމީދުކުރި ތަރައްގީގެ އެއްވެސް މަޝްރޫއެއް މިހާތަަނަށް ފެށިގެން ނުދާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ފާއިތުވި ދުވަސްތަކުން ރައްޔިތުންނަށް ފިލާވަޅެއް ލިބިގެންދާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ތަރައްގީއޭ ބުނީމަ އެ ބަސް ރަދީފުގައި ހިމަނާލާފައި ބާއްވަން މި ޖެހެނީ އެއީ ރައީސް ޔާމީން ކަމަށް،" ޕީޕީއެމް ދޫކޮށްލުމަށް ފަހު އަލުން ޕާޓީ އުފެއްދުމުގައި އުޅުއްވާ އަދުރޭ ވިދާޅުވި އެވެ.
މިއީ ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދައިދޭނެ ސަރުކާރަށް ނުވާތީ، އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ މެޖޯރިޓީ ދިވެހި ރައްޔިތުން ފަސޭހަކަމާއެކު ޕީއެންސީ އަށް ދޭނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ޕީއެންސީއަށް ރާއްޖޭގެ އެކި ހިސާބުތަކުން މެމްބަރުން ވަންނަމުން އަންނަ ކަމަށެވެ. އަދި މި ހަފުތާގެ ތެރޭގައި އެ ޕާޓީ އުފެއްދުުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ. އޭރުން ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޕާޓީއަށް އެ ޕާޓީ ވެގެންދާނެ ކަމަށް ވިދާޅުވި އެެވެ.