ކޯޓުތަކުގެ ނިންމުންތައް އާންމުކުރުން ހަރުދަނާ ކުރަން ޖެހިފައި
ކޯޓުތަކުގެ ނިންމުންތައް އާންމުކުރުން ހަރުދަނާ ކުރަން ޖެހިފައި

ގާނޫނު ކިޔަވާ ދަރިވަރުންތަކަކަށް ޖެހުނީ ރާއްޖޭގެ ކޯޓުތަކުން ނިންމާފައި ހުރި ނިންމުންތަކަކާ ބެހޭ ގޮތުން އެސައިންމެންޓެއް ތައްޔާރުކުރާށެވެ. އެކަން ކުރަން ބެލިއިރު ކޯޓުތަކުގެ ބައެއް ނިންމުންތައް ފެންނާކަށް ނެތެވެ. އެހެންވެ ދެން އެކަން ކުރަން ޖެހުނީ ދިގު މަރުހަލާތަކެއް ފުރިހަމަކޮށްގެންނެވެ. މިއީ އާ ކަމެއް ނޫނެވެ.

ކޯޓުތަކުގެ ނިންމުންތައް އާންމުކުރުން ހަރުދަނާ ކުރަން ޖެހިފައި
ކޯޓުތަކުގެ ނިންމުންތައް އާންމުކުރުން ހަރުދަނާ ކުރަން ޖެހިފައި

ކޯޓުތަކުގެ ނިންމުންތައް އާންމުކޮށް ޝާއިއުކޮށްފައި ނުވަތަ ފެންނަން ނެތުމަކީ އަބަދުވެސް ބޮޑު މައްސަލައެކެވެ. ޚާއްސަކޮށް ދުވަސްވީ ނިންމުންތައް އެއްގޮތަކަށް ވެސް އާންމުކޮށްފައެއް ނުހުރެ އެވެ. އެހެންވެ ދެން ޖެހެނީ ނޫސްތަކުގެ އާކައިވްތަކުން އެ މައުލޫމާތު ހޯދާށެވެ. އެކަމަކު އެގޮތަށް ބެލުމުން އޭގެ އެންމެ ފުރިހަމަ މައުލޫމާތެއް ނުލިބެ އެވެ.

ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ ރ. ބުނާ ގޮތުން އާންމުކޮށް ހުޅުވާލައިގެން ބާއްވާ މަޖިލިސްތަކުގައި އިއްވާ ހުކުމްތަކާއި ނެރޭ އަމުރުތައް ބޭނުންވާ ފަރާތްތަކަށް ފެންނަން ހުންނަން ވާނެ އެވެ. ކޯޓުތަކުގެ ގާނޫނުގައި ވެސް ހަމަ މިފަދައިން ބަޔާން ކޮށްފައިވެ އެވެ. އެކަމަކު ގާނޫނުން ލާޒިމްކުރާ ގޮތަށް އެކަން ކުރާ ތަނެއް ނުފެނެ އެވެ.

ނިންމުންތައް އާންމު ކުރުމުގައި އަބަދުވެސް އެންމެ ކުރީގައި އުޅެނީ ހައި ކޯޓެވެ. އެ ކޯޓުން ނިންމާ މައްސަލަތަކުގެ ތެރެއިން ވަރަށް މަދު މައްސަލައެއް ފިޔަވައި އެހެން ހުރިހާ މައްސަލައެއްގެ ނިންމުންތައް ދަނީ ބަރާބާރަށް އާންމު ކުރަމުންނެވެ. އެހެންވެ، ހުކުމްތަކާއި އަމުރުތަކުގެ އާންމުކޮށްފައިވާ އެންމެ ބޮޑު އާކައިވެއް މިހާރު އޮތީ ވެސް އެ ކޯޓުގަ އެވެ. މިހާރު އެ ކޯޓުން ދަނީ ނިންމުންތައް ހިމެނޭ ފޮތެއް ވެސް ޝާއިއު ކުރަމުންނެވެ. ނަމަވެސް އެ ކޯޓުގެ އައްޑޫގައި ހުންނަ ދެކުނު ގޮފިން ނިންމާ ނިންމުންތައް އަދި އާންމެއް ނުކުރެ އެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓުން ވެސް އެ ކޯޓުގެ ނިންމުންތައް އާންމުންނަށް ފެންނާހެން ޝާއިއުކުރެ އެވެ. ނަމަވެސް އެކަމުގައި ކޮންމެވެސް ވަރެއްގެ ލަސްތަކެއް އަންނަކަން ފާހަގަކުރެ އެވެ.

ދަށު ކޯޓުތަކުގެ ތެރެއިން ނިންމުންތައް އެންމެ ގިނައިން އާންމު ކުރަނީ ސިވިލް ކޯޓުންނެވެ. އެ ކޯޓުން ނެރޭ އަމުރުތަކާއި ކުރާ ހުކުމްތައް ދުވަހުން ދުވަހަށް އަޕްޑޭޓް ކުރާއިރު މައްސަލަތައް ނިމޭ ނިސްބަތުން ބޮޑު އަދަދެއް އާންމު ވެސް ކުރެ އެވެ. އެކަމަކު ސިވިލް ކޯޓާއި އެއް މަރުހަލާގެ ކޯޓެއް ކަމަށްވާ ކްރިމިނަލް ކޯޓު އުޅެނީ ވަރަށް ފަހަތުގަ އެވެ. އެ ކޯޓުން އެތައް ހުކުމެއް ކުރާއިރު އެ ނިންމުންތައް އާންމުކުރަނީ ވަރަށް މަދު މައްސަލައެއްގަ އެވެ.

ފެމިލީ ކޯޓާއި ޖުވެނައިލް ކޯޓުން ކުރިއަށް ގެންދަނީ މުޅިން ވެސް ސިއްރު ޝަރީއަތްތަކަށް ވާތީ އެ ދެ ކޯޓުގެ ނިންމުންތައް އާންމެއް ނުކުރެ އެވެ. ދެން އޮތީ މެޖިސްޓްރޭޓް ކޯޓުތަކެވެ. މެޖިސްޓްރޭޓް ކޯޓުތަކުގެ ނިންމުންތައް އެއްވެސް މިންވަރަކަށް އާންމެއް ނުކުރެ އެވެ. އެކަން ކުރާނެ ނިޒާމެއް ވެސް ނެތެވެ. އޭގެ ނަތީޖާއަކީ މެޖިސްޓްރޭޓް ކޯޓުތަކުން ކުރާ ހުކުމްތަކުގެ މައުލޫމާތު ލިބޭނެ އެއްވެސް ގޮތެއް ނެތުމެވެ.

ކުރުކޮށް ބުނާ ނަމަ ނިންމުންތައް އާންމުކުރުން އޮންނަނީ ކޯޓުތަކުގެ އަތްމައްޗަށް މުޅިން ދޫކޮށްލައިފަ އެވެ. އާންމު ކުރަން ބޭނުންވާ ކޯޓުތަކުން އެކަން ކުރަނީ އެވެ. ނުކުރަން ބޭނުންވާ ކޯޓުތަކުން ނުކުރަނީ އެވެ. އެކަމަކު މިއީ ހުރިހާ ކޯޓުތަކެއްގެ މައްޗަށް ގާނޫނު ލާޒިމް ކުރާ ކަމެކެވެ.

އެންމެ ކަންބޮޑުވާން ޖެހެނީ ކޯޓުތަކުގެ ދުވަސްވީ ނިންމުންތައް ފެންނާނެ އެއްވެސް ގޮތެއް ނެތުމުންނެވެ. ދުވަސްވީ ހުކުމްތަކުގެ ތެރޭގައި މުހިންމު އުސޫލުތައް ކަނޑައަޅާފައި ހުންނަ ނިންމުންތައް ހުއްޓަސް އާންމުކޮށް ލިބޭކަށް ނުހުރެ އެވެ. ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުންނަށް އެފަދަ ނިންމުންތައް ފަސޭހައިން ބެލެން އެވެ. އެކަމަކު އާންމު ރައްޔިތުންނާއި ވަކީލުންނަށް އެކަން ކުރެވެން އޮންނަނީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ވަކި ފޯމެއް ހުށަހަޅައިގެން މަރުހަލާތަކެއް ފުރިހަމަކޮށްގެންނެވެ.

އެކަމަކު މިއީ ގާނޫނުއަސާސީގައި އެކަން ކުރަން އޮތް ގޮތެއް ނޫނެވެ. ގާނޫނުއަސާސީ އާއި ކޯޓުތަކުގެ ގާނޫނުގައި ވެސް އޮންނަނީ ކޯޓުތަކުގެ ނިންމުންތައް "ފެންނަން ހުންނަވާނެ" ކަމަށެވެ. އެކަމަށް ބޭނުންވާ މީހާ ވަކި ފޯމެއް ހުށަހަޅައިގެން މަރުހަލާތަކެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަކަށް ބުނެފައެއް ނެތެވެ. ދުވާލަކު އެތައް މައްސަލައެއް ކޯޓުތަކުން ނިންމާއިރު ކޮންމެ މައްސަލައެއްގެ ނިންމުން ހޯދަން އަބަދު ފޯމް ހުށަހެޅުމަކީ ވެސް ކުރަން ފަސޭހަ ކަމަކަށް ނުވާނެ އެވެ.

ރާއްޖޭގެ ހުރިހާ ކޯޓެއްގެ ނިންމުންތައް އެއް ވިއުގައަކުން ފެންނާނެ ގޮތް ހަދަން ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މީގެ ދެތިން އަހަރު ކުރިން ނިންމި އެވެ. ފަހަރެއްގައި އެ ވިއުގައަކީ ހަމައެކަނި ހުރިހާ ކޯޓުތައް ގުޅުވާލުން ކަމަށް ވެދާނެ އެވެ. އެއިން އާންމުންނަށް އަދި އެއްވެސް ފަސޭހައެއް ނުވެ އެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ މީޑިއަ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިހާރު ވެސް ކޯޓުތަކުން ނިންމުންތައް ދަނީ އާންމު ކުރަމުންނެވެ. އަދި މިހާރަށް ވުރެ ވެސް ފަސޭހައިން އެކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް ކޯޓުތަކުގެ ނޯޓިސް ބޯޑްތަކުގައި އާންމު ކުރަމުންދާނެ، އެކަން އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްތައް އެބަ ދޭ. އޭގައި ވެސް ހުންނާނެ ދެއްތޯ ޓެކްނިކަލް ދަތިތަކެއް. އެކަން ވެސް ހައްލުކުރަން މަސައްކަތް ކުރަމުންދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ކޯޓުތަކުގެ ނިންމުންތައް އާންމުކުރަން ބައިނަލްއަގްވާމީ މުއާހަދާތަކުން ވެސް ބާރު އަޅަ އެވެ. ބައިނަލްއަގްވާމީ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ މުއާހަދާ އާއި ޔޫރަޕްގެ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާ އިން ވެސް އެކަން ލާޒިމް ކުރެ އެވެ. އެ މުއާހަދާތަކުގައި އެކަން ލާޒިމްކުރަނީ ނިންމުންތައް އާންމު ކުރުމަކީ ހާމަކަމާއި އިންސާފުވެރިކަމާ އެކު ޝަރީއަތް ހިންގުމުގެ ބައެއްގެ ގޮތުގައި ބަލާފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށްވާ އިންޑިއާގެ ސުޕްރީމް ކޯޓަށް ބެލިޔަސް އެ ކޯޓުގެ ނިންމުންތައް ދުވަހުން ދުވަހަށް އާންމުކުރެ އެވެ. ބައިނަލްއަގްވާމީ ކޯޓުތައް ކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އާއި ބައިނަލްއަގްވާމީ ޖިނާއީ ކޯޓު ފަދަ ތަންތަނުން ވެސް ވަރަށް ޚާއްސަ ހާލަތްތަކުގައި މެނުވީ އެ ކޯޓުތަކުގެ ނިންމުންތައް ބަރާބަރަށް އާންމުކުރެ އެވެ. މިއީ ނަމޫނާއެއް ގޮތުގައި ބަލަން ޖެހޭ ކަންކަމެވެ.

ކޯޓުތަކުގެ ހުރިހާ ނިންމުންތައް އާންމު ނުކުރެވިދާނެ އެވެ. ޖިންސީ މައްސަލައެއްގައި އަނިޔާ ލިބުނު މީހާގެ މައުލޫމާތު ހާމަވެދާނެތީ އެފަަދަ މައްސަލައެއްގެ ނިންމުން އާންމު ނުކުރެވިދާނެ އެވެ. ގައުމީ ސަލާމަތާ ބެހޭ ސިއްރު މައުލޫމާތު ހިމެނޭ ނިންމުންތައް ވެސް އާންމު ނުކުރެވިދާނެ އެވެ. އަދި ކުޑަކުދިންގެ މައްސަލަތަކާއި އާއިލީ މައްސަލަތަކުގެ ނިންމުންތަކަކީ ވެސް ސިއްރެކެވެ. އެއީ މިހާރު ވެސް ގާނޫނުއަސާސީގައި އެކަން އޮތް ގޮތެވެ. އެކަމާ މެދު ދެބަސްވުމެއް ނެތެވެ.

އެކަމަކު އާންމުކޮށް ހުޅުވާލައިގެން ބާއްވާ ޝަރީއަތްތަކުގައި ނިންމާ ނިންމުންތައް އާންމު ނުކޮށް ހުރެގެން ނުވާނެ އެވެ. ކޯޓުތަކުން ނިންމާ ނިންމުމަކީ ނުވަތަ ކަނޑައަޅާ އުސޫލުތައް (ޕްރެސީޑެންޓްތަކުން) އެހެން މައްސަލަތަކުގެ ނަތީޖާއަށް އޭގެ އަސަރު ފޯރުމުގެ ފުރުސަތު އޮވެ އެވެ.

މަތީ ކޯޓަކުން އުސޫލެއް ކަނޑައަޅައިފި ނަމަ އެފަދަ އެހެން މައްސަލައެއްގައި ހިމެނޭ މީހަކަށް އެ މީހެއްގެ ޝަރީއަތުގައި ދިފާއެއްގެ ގޮތުގައި ބޭނުންކުރެވެ އެވެ. މައްސަލަތަކުގައި ހިމެނޭ މީހުންނާއި ވަކީލުންނާއި ދަރިވަރުންނަށް ވެސް އެފަދަ މައުލޫމާތުތައް މުހިންމެވެ. ކޯޓުތަކުގެ ނިންމުންތައް އާންމުކުރަން ޖެހެނީ މި ސަބަބުތަކަށްޓަކަ އެވެ. ހަމަ އެއާ އެކު އޭގެ ސަބަބުން ޝަރީއަތްތަކުގެ ހާމަކަން ބޮޑުވެ، އާންމުން ވެސް ޝަރުއީ ދާއިރާއާ މެދު ހޭލުންތެރިވެ، ކޯޓުތަކާ މެދު އިތުބާރު އުފައްދަން އެޅޭ ބާރަކަށް ވެސް އެކަން ވާނެ އެވެ.