ކަލާފާނު ސްކޫލުގެ 30 އަހަރު ކުލަގަދަކޮށް ފާހަގަކުރަނީ
ކަލާފާނު ސްކޫލުގެ 30 އަހަރު ކުލަގަދަކޮށް ފާހަގަކުރަނީ

ކަލާފާނު ސްކޫލަށް މި އަހަރު 30 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަން ނިންމައިފި އެވެ.

އެ ސްކޫލުގެ 30 އަހަރުގެ ފާހަގަކުރުމުގެ ފުރަތަމަ ހަރަކާތެއްގެ ގޮތުން ހާއްސަ ލޯގޯ މިއަދު އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ.

އެ ލޯގޯ ޑިޒައިންކުރީ އެ ސްކޫލުގެ ގްރޭޑް ފަހެއްގެ ދަރިވަރު އައިޝާ ޝައިމަލް ޝާކިރު އެވެ.

ކަލާފާނު ސްކޫލުގެ ލީޑިން ޓީޗަރު އަބްދުލް ފައްތާހު ވިދާޅުވީ އެ ސްކޫލަށް 30 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައި ވަނީ މުޅި އަހަރަށް ދެމިގެންދާ ގޮތަށެވެ. އޭގެ ތެރޭގައި އެ ސޫކުލުން ތައުލީމް ހާސިލްކޮށްފައިވާ ކުދިންގެ، "ޕާސްޓް ޕިއުޕިލް" އެސޯސިއޭޝަނެއް އުފެއްދުމާއި، ޓީޗަރުންނާއި މުވައްޒަފުންގެ އާއިލާތަކަށް ހާއްސަ އުމްރާ ދަތުރެއް ދިނުމުގެ އިތުރުން ޓީޗަރުންނަށް ތައުލީމީ ކަންކަން ބަލައި، ތަޖުރިބާކުރުމުގެ ދަތުރެއް އިންތިޒާމްކުރުން ވެސް ހިމެނެ އެވެ.

ކަލާފާނު ސްކޫލަކީ، ފައްތާހު ވިދާޅުވި ގޮތުގައި، ދަރިވަރުންގެ ދުޅަހެޔޮކަން ކުރިއަރުވަން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ސްކޫލެކެވެ. އެގޮތުން ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ސްކޫލްގައި ޓާފު އަޅަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްކޫލްގައި ދުޅަހެޔޮ ދިރިއުޅުން ކުރިއަރުވަން ރާވާފައިވާ އެންމެ ބޮޑު ހަރަކާތަކީ 30 ގަޑިއިރަށް ކުރިއަށް ދާ ދުވުމެވެ. ފައްތާހު ވިދާޅުވި ގޮތުގައި އެ ސްކޫލަށް ނިސްބަތްވާ ކުދިންނާއި މީހުން އެކި ގަޑިތަކަށް ބަހާލައިގެން 30 ގަޑިއިރު ވަންދެން ދުވާނެ އެވެ.

"މި ދުވުމުގައި ކަލާފާނު ފެމިލީގެ ކޮންމެ މީހަކު [އެ 30 ގަޑި އިރު] އަބަދުވެސް ދާނީ ދުވަމުން،" ފައްތާހު ވިދާޅުވި އެވެ.

މީގެ 30 އަހަރު ކުރިން، ޖުލައި 25، 1989 ގައި، ހުޅުވި ކަލާފާނު ސްކޫލްގައި ފުރަތަމަ ކިޔަވައިދިނީ ގްރޭޑް އެކަކާއި ފަހަކާ ދެމެދުގެ ގްރޭޑްތަކަށެވެ. އޭގެ 11 އަހަރު ފަހުން އެ ސްކޫލުން ގްރޭޑް ހަތަކާއި ހަމައަށް ކިޔެވޭ ގޮތަށް ހަމަޖެއްސި އެވެ. މިހާރު އެ ސްކޫލްގައި ގްރޭޑް 10އާ ހަމައަށް ކިޔަވައިދެ އެވެ.