13 ޖެނުއަރީ 2019 - 12:27

އަބޫޖާ (ޖެނުއަރީ 13) - މާލީ ބަޔާން ހާމަނުކުރި ނައިޖީރިއާގެ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުވާ ކުރަން ނިންމައިފި އެވެ.
ކޯޑް އޮފް ކޮންޑަކްޓް ޓްރައިބިއުނަލްގެ ތިން ފަނޑިޔާރުންގެ ކުރިމައްޗަށް އުއްތަމަ ފަނޑިޔާރު ވޯލްޓާ ސެމިއުލް ކާނޫ އޮނޮގެން މާދަމާ ހާޒިރުކުރާނެ އެވެ. އޭނާގެ މައްޗަށް ހަ ދައުވާއެއް ވަނީ އުފުލައިފަ އެވެ. މި ޓްރައިބިއުނަލުން ބަލަނީ މާލީ ބަޔާން ހާމަނުކުރާ މައްސަލަތަކާއި ދޮގު ބަޔާންތަކުގެ މައްސަލަތަކެވެ.
ސަރުކާރުގެ ޕްރެސް ރިލީޒްތައް އާއްމުކުރާ ޕީއާރް ނައިޖީރިއާ އިން ބުނީ އުއްތަމަ ފަނޑިޔާރުގެ ޑޮލަރު އެކައުންޓްތައް ވެސް އާއްމުކޮށްފައި ނުވާ ކަމަށެވެ. ނައިޖީރިއާގެ ގާނޫނު ބުނާ ގޮތުން ދައުލަތުގެ އިސްވެރިންގެ މާލީ ބަޔާން އާއްމު ކުރަން ޖެހެ އެވެ. އަދި ބޭރު ފައިސާ އިން ބޭންކް އެކައުންޓް ހުޅުވުން ހުއްދަކޮށްފައެއް ނުވެ އެވެ.
ސެނެޓުގެ ލީޑަރު ބުކޮލާ ސަރަކީ ވެސް ވަނީ 2015 ވަނަ އަހަރު ޓްރައިބިއުނަލަށް ހާޒިރުކޮށްފަ އެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ދޮގު މާލީ ބަޔާނެއް ހާމަކުރުމެވެ.