ބާސެލޯނާ އިން ފޯވާޑެއް ބޭނުންވޭ، އެކަމަކު މޮރާޓާއެއް ނޫން
ބާސެލޯނާ އިން ފޯވާޑެއް ބޭނުންވޭ، އެކަމަކު މޮރާޓާއެއް ނޫން

ބާސެލޯނާ (ޖެނުއަރީ 13) – މުނީރް އެލް ހައްދާދީ ދިއުމުން ހުސްވެފައިވާ ޖާގައަށް ބާސެލޯނާ އިން ފޯވާޑެއް ބޭނުންވާ ކަމަށް ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނި ނަމަވެސް ޗެލްސީގެ ފޯވާޑް އަލްވާރޯ މޮރާޓާ ގަންނަން ލިބުނު ފުރުސަތު އެ ކްލަބުން ދޫކޮށްލައިފި އެވެ.

ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން މުނީރް ސެވިއްޔާއާ އަށް ބަދަލުވުމާ އެކު، ފޯވާޑް ލުއިސް ސުއަރޭޒްގެ ބަދަލުގައި އަރާނެ ސީނިއާ ކުޅުންތެރިއަކު ބާސެލޯނާގައި ނުހުންނާނެ އެވެ.

"އަހަރެން ބޭނުންވޭ އިތުރު ފޯވާޑެއް. މުނީރް ދިއުމުން ޖާގައެއް ހުސްވެއްޖެ. އަދަދުން ބަލާއިރު އެބަ މަދުވޭ ސްކޮޑް. ހާއްސަކޮށް ރަފީނާގެ އަނިޔާއާ ވެސް އެކު. ޓްރާންސްފާ ބާޒާރު ވެސް މިހާރު ހުޅުވިފައިވާތީ އަހަރެމެންނަށް މަސައްކަތްކުރެވިދާނެ،" ވަލްވާޑޭ ބުންޏެވެ.

އޭނާ ބުނީ ކުޅުންތެރިން ހޯދާއިރު މާލީ ގޮތުން ވެސް ވިސްނާނެ ކަމަށާއި ކުޅުންތެރިއަކު ގަތުމަކީ މިވަގުތު ކުރެވެން ނެތް ކަމަކަށްވާ ނަމަ ދެން ވިސްނާނީ ޔޫތު ޓީމުން ކުޅުންތެރިއަކު ގެންނަން ކަމަށެވެ.

"އަހަރެމެން ބޭނުންވަނީ ވަރަށް އަވަހަށް ޓީމުގެ ތެރެއަށް ހޭނޭނެ ކުޅުންތެރިއަކު. ލީގު ވެސް އެނގޭ އަދި ވަގުތުން ވަގުތަށް ކުޅެވޭނެ ކުޅުންތެރިއަކު،" ވަލްވާޑޭ ބުންޏެވެ.

ބާސެލޯނާ އިން ގެނެސްފާނެ ކަމަށް ބެލެވުނު ދެ ފޯވާޑުންނަކީ ކުރިން ރެއާލް މެޑްރިޑަށް ކުޅުނު މޮރާޓާގެ އިތުރުން ކުރިން ސްޕެނިޝް ލީގުގައި ކުޅުނު އަދި މިހާރު ޓޮޓެންހަމަށް ކުޅެމުން އަންނަ ފެނާންޑޯ ލޮރެންޓޭ އެވެ.

އެކަމަކު ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާ އިން ވަނީ މޮރާޓާ ގެންނަން ލިބުނު ފުރުސަތު މިހާރު ދޫކޮށްލައިފަ އެވެ. މޮރާޓާގެ އޭޖެންޓް ހުށަހެޅީ ހަ މަސް ދުވަހުގެ ލޯނެއްގެ ދަށުން އޭނާ ބާސެލޯނާ އަށް ކުޅޭށެވެ. އެކަމަކު މައްސަލައަކީ މުސާރަ ކަމަށްވެ އެވެ. އެވަރުގެ ހަރަދެއްކޮށްގެން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ގެނައުމުގެ ބަދަލުގައި ޒުވާން ކުޅުންތެރިއަކަށް ފުރުސަތު ދޭން ބާސެލޯނާ އިން ބޭނުންވަނީ ކަމަށްވެ އެވެ.

ރެއާލް މެޑްރިޑާއި ޔުވެންޓަސް އަށް ކުޅެފައިވާ އުމުރުން 26 އަހަރުގެ މޮރާޓާ ޗެލްސީއާ ގުޅުނީ މިދިޔަ ސީޒަނުގަ އެވެ. އޭނާ އަށް އެ ޓީމުން ލިބޭ ފުރުސަތުތަކާ ބަލާއިރު އެކަށީގެންވާ ކުޅުމެއް ނުދެއްކެ އެވެ.