ދިހައެއް: ސެކްރެޓަރީ
ދިހައެއް: ސެކްރެޓަރީ

(އޮގަސްޓް 18 ގައި ޖެހި ބަޔާ ގުޅޭ)

"އެއްވެސް ޝައްކެއް ނެތް. އެކަން އެ އޮތީ އެގޮތަށް ނިމިފައި މިހާރު. އަހަރެން ތިން ވަނަ ކައިވެންޏެއް ކުރާނެ ހަމައެކަނި ޝަރުތަކީ ސުހާނާ ވެސް ކައިވެންޏެއް ކުރުން،" ފާތިރު ޖަވާބުދިނެވެ. މިހާރު ސުހާނާ އަށް ޔަގީންވެއްޖެ އެވެ. ފާތިރު އެ ދައްކަނީ ސީރިއަސް ވާހަކައެކެވެ. އެކަމަކު އެއީ ކިހާ ހެއްވާ ކަމެއް ހެއްޔެވެ؟ ޒާތީ ވާހަކަތައް އެންމެ ފަހުން ގޮސް މި ޖެހުނީ ދެ މީހުންގެ އެންމެ ނާޒުކު ހާލަތަށެވެ. އަނެއްކާ ފާތިރު އޭނާއާ މެދު އެހެން ނަޒަރަކުން ބަލަނީ ހެއްޔެވެ؟ އެ ސުވާލުން ސުހާނާގެ ހިތަށް ދިޔައީ ފިނިވެގެންނެވެ. އޭނާ ފާތިރާ ދިމާއަށް ކަޅި ޖަހާނުލައި ބަލަން އިނެވެ. އެވަގުތު ފާތިރު ޖީބުން ފޯނު ނަގައި، އެއަށް ނަޒަރު ހުއްޓާލި އެވެ. އޭނާގެ މޫނުމައްޗަށް ކުއްލި ބަދަލެއް އައިކަން ސުހާނާ އަށް ޔަގީންވި އެވެ.

ފާތިރު މަޑުމަޑުން ތެދުވި އެވެ.

"އެބަ އަންނަން ފޯނެއް ކޮށްލާފައި،" ފާތިރު ބުންޏެވެ. ދެން އޭނާ ގޮސް ރެސްޓޯރެންޓްގެ އެއް ފަރާތުގައި އޮތް ބަގީޗާއެއް ކަހަލަ ތަނަކަށް ނުކުމެ، ފޯނުން ވާހަކަ ދައްކަން ފެށި އެވެ. ސާފު ބިއްލޫރިގަނޑުން ސުހާނާ އަށް ރަނގަޅަށް ފާތިރު ފެނެ އެވެ. އޭނާ އަށް ފުރަގަސްދީގެން ހުރެ އެ ވާހަކަ ދައްކަނީ ކާކާ ކަމެއް ސުހާނާއަކަށް ނޭނގެ އެވެ. އެކަމަކު ފާތިރުގެ މޫނުމައްޗަށް ފުރަތަމަ އައި ބަދަލުން ކޮންމެވެސް މުހިންމު ކަމެއް ދިމާވީކަން އެނގުނެވެ.

އެއް ކޯލް ކަނޑާލާފައި، އަނެއް ކޯލެވެ. އެގޮތަށް އެތައް ކޯލެއް ކުރަމުން، ބޮލުގައި ބައެއް ފަހަރަށް އަތް ހާކަމުން ދިޔަ އެވެ. އަނެއްކާ ކޮން ކަމެއް ވީ ހެއްޔެވެ؟ ސުހާނާގެ ހިތަށްއެރި އެވެ. އޭނާ ކޮފީ ފޮދެއް ބޯލި އެވެ. ދެން ރެސްޓޯރެންޓްގެ އެކި ދިމަދިމާލުގައި ތިބި މީހުންނަށް ނަޒަރު ހުއްޓާލި އެވެ. އެއް ބަޔަކު ވަރަށް އުފަލުން، އެކި ވާހަކަތަކުގަ އެވެ. އަނެއް ބަޔަކު، ކުޑަކޮށް ވާހަކަ ދައްކާލާފައި ހިމޭންކަމުގަ އެވެ. އެހާ ދިގުކޮށް ދައްކާނެ ވާހަކައެއް ނެތީ އެވެ. ނުވަތަ ދިގުކޮށް ދައްކަން ބޭނުންވިޔަސް، ދިމާވި ކަމެއްގެ ބާވަތުން، ދޭތެރެ ދޭތެރެއިން ހިމޭންކަން ވެރިވަނީ އެވެ. ބައެއް ލޯބިވެރިން، ކައިރިކައިރީގައި އިށީދެ ތިބެ، އެކަކު އަނެކަކުގެ އަތުގައި ހިފައި، ފިރުމަމުން ދެ އެވެ. އެއީ ކޮން އިރަކު އުފެދުނު ލޯތްބެއް ކަމެއް ނޭނގެ އެވެ. ސުހާނާގެ ލޯބި ވެސް، ކައިވެންޏާ ހަމައަށް ދިޔައީ ނުހަނު ހިތްގައިމު ގޮތަކަށެވެ. އެކަމަކު ފިރިމީހާގެ އަޅާލުން ކުޑަކަމާއި ދިރިއުޅުމުގެ ވާޖިބުތައް ހަނދާން ނައްތާލުމުން، ކައިވެނި ބަދަލުވީ އަނިޔާއަކަށެވެ.

ސުހާނާގެ ހަނދާނުން ފާތިރާއި އެ ދެ މީހުންގެ މެދުގައި ބަދަލުކުރި ވާހަކަތައް، ކުޑަ އިރުކޮޅަކަށް ކެހިގެން ދިޔަ އެވެ. އޭނާއާ ބެހުމެއް ނެތް ކިތައްމެ ކަމެއް ފާތިރުގެ ހުންނާނެ އެވެ. މުހިންމު ކޯލްތަކެވެ. މުހިންމު މީޓިންތަކެވެ. މުހިންމު މީހުންނެވެ.

ރެސްޓޯރެންޓް ތެރެއަށް ނުވަދެ، ފާތިރު މަޑުކޮށްލައިގެން ހުރީ، ހަގީގަތުގައި، އާދައިގެ ކަމެއް ކުރިމަތިވެގެންނެއް ނޫނެވެ. އެ ވާހަކަ އޭނާ ބުނާނެ ގޮތެއް ފުރަތަމަ ހޯދަން ޖެހެ އެވެ. އޭނާގެ މޫނުމަތިން ކުއްލި ޝޮކެއް، ކުއްލި ހިތާމައެއް ދައްކާކަށް މިވަގުތު ބޭނުމެއް ނުވެ އެވެ. އޭނާ ހަމަޖެހެން މަސައްކަތްކުރި އެވެ. ފޯނުގެ މެސެޖްތައް ކިޔާލި ވަގުތު އޭނާގެ މޫނު މައްޗަށް އެރި ކުލަތައް ސުހާނާ އަށް ފެންނާނެ އެވެ. ފޯނުކުރަން ކުއްލިއަކަށް ނުކުމެވުނީ، ފާތިރަށް އެވަގުތު އަމިއްލަ ނަފުސު ކޮންޓްރޯލް ކުރަން އުނދަގޫވުމުންނެވެ.

ރެސްޓޯރެންޓަށް އަލުން ވަން އިރު، ސުހާނާ އިނީ އެހެން ދިމާލަކަށް ބަލަހައްޓައިގެންނެވެ. ފާތިރު ގޮސް ގޮނޑީގައި އިށީނުމުން ސުހާނާ އޭނާއާ ދިމާއަށް ބަލައިލި އެވެ. ފާތިރު ކުޑަ ހިނިތުންވުމެއް ގެނަ އެވެ.

"ވިސްނާލަބަލަ، މި ތަނުގައި އެތިބި ކޮންމެ މީހެއްގެ ފަރާތުން ވެސް އެ ފެންނަނީ މުޅިން ތަފާތު މަންޒަރުތަކެއް. އެއް ބަޔަކު އެތިބީ ހިމޭނުން. އަނެއްކާ އަހަރެމެންނާ ދިމާއަށް ބަލާފައި އެމީހުންގެ ހިތަށް އަރާނީ ކީކޭ ބާ؟" ސުހާނާ، ވަރަށް ހަމަޖެހިގެން އިނދެ ބުންޏެވެ.

"ޖަޖުކުރާނީ އަބަދުވެސް ބޭރު ފުށުން ދޯ. ކޮންމެ އެއްޗެއް ހިތަށްއެރިޔަސް އެއަކު ނޯންނާނެ ކުރާނެ ކަމެއް. އެމީހުން ޔަގީންކޮށްފާނެ އަހަރެމެންނަކީ ދެމަފިރިންނޭ ވެސް، އެކަމަކު އެއީ ހަގީގަތެއް ނޫންތާ،" އޭނާގެ މޫނުގެ އަސަރުތަކަށް ބަދަލެއް އަޔަސް އެކަން މިވަގުތު ސުހާނާ އަށް ނޭނގުނީތީ ހަމަޖެހިލަމުން ފާތިރު ބުންޏެވެ.

"ތި ބުނީ ހަމަ ތެދެއް. ކޮންމެ މީހެއްގެ ވެސް އޮންނާނެ ސިއްރެއް. އެހެން މީހުންނަށް ނޭނގޭ ކިތައްމެ ކަމެއް. މީހަކު ހިތަށް ވެސް ނާރާނެ ފަދަ ބޮޑެތި ކުށްތައް ވެސް ކުރެވިފައި ހުރެދާނެ،" ސުހާނާ ބުންޏެވެ. އެއީ ފާތިރަށް އަމާޒުކުރި ވާހަކައެއް ކަމެއް، ނުވަތަ ދުނިޔޭގެ ހަގީގަތެއް ބުނެދިނުމުގެ ގޮތުން ބޭރުކުރި ޖުމްލައެއް ކަމެއް ފާތިރަކަށް ނޭނގެ އެވެ. އެކަމަކު ސުހާނާ އެބުނީ މުޅިން ރަނގަޅަށެވެ. ސިއްރުތައް ވަރަށް ގިނަ އެވެ. ކުށެއް ނެތް ކަމަށް އެހެން ބަޔަކަށް ޔަގީންވާ މީހެއްގެ މުޅި ހަޔާތް ލެއިން ތެމިފައި އޮވެދާނެ އެވެ. ގާތިލުން ހަމަޖެހިލައިގެން ދިރިއުޅެ އެވެ.

ފާތިރަކީ އޭގެ ތެރެއިން އެކެކެވެ. ނަމަވެސް ސުހާނާ އަށް އޭގެ ކުޑަ ވެސް ހިލަމެއް ނުވާނެ އެވެ. އެހެންކަމުން ސުހާނާ ވާހަކަ އެ ދައްކަނީ ހަމައެކަނި މިހާރު އެ އިން މާހައުލުން ފެންނަ މަންޒަރުތަކަށް ބިނާކޮށެވެ.

"ކޮބާ، ހިނގާ ދަމާ! ހޮޓަލަށް ގޮސް އަރާމު ވެސް ކޮށްލަން އެބަ ޖެހޭ ދޯ،" ފާތިރު ބުންޏެވެ.

"އާނ، ހިނގާ. އަހަރެންގެ ފޯނު ޗާޖު ވެސް އެބަ ކުރަން ޖެހޭ. ނިވިފައި އޮތީ. ރޭ ހަނދާން ނެތުނީ ޗާޖުކުރަން،" ސުހާނާ ބުންޏެވެ.

ވޭޓަރަކަށް ގޮވާލުމުން ބިލް ގެނައުމާ އެކު ކްރެޑިޓް ކާޑުން ބިލް ކަނޑާލި އެވެ. ދެން ދެ މީހުން ނުކުމެ، ހޮޓަލަށް ދާން ކާރަކަށް އެރި އެވެ. ދިޔަ މަގުމަތީގައި ސުހާނާ އިނީ ބޭރުން ފެންނަ ތަންތަނަށް ކަޅި ހުއްޓާލައިގެންނެވެ. މިއީ ލަންޑަނެވެ. ތަރައްގީގެ ދުނިޔޭގެ އެންމެ މުހިންމު އެއް ސަހަރެވެ. އެހެންކަމުން އެތަނުގެ މަންޒަރުތަކުގެ ތެރެއަށް ވިސްނުން ގެއްލިގެން ދިޔުމަކީ މައްސަލައެއް ނޫނެވެ.

ފާތިރު އިނީ ސުހާނާ އަށް ނަޒަރު ދޫކޮށްލައިގެންނެވެ. އޭނާގެ ހިތަށް އަރަމުން ދިޔަ އެއްޗެހިން ލޯ ކުޑަކޮށް މަރާލެވި، ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. ދުނިޔޭގައި ކުރިމަތިވާ ކަންކަމެވެ. ފާތިރުގެ ހިތާހިތާ ބުނެލެވުނެވެ. އޭނާގެ ކޮއްކޮގެ ކުއްލި މަރުގެ ޝޮކުން އަދި ނުނިކުމެވެ އެވެ. އެ ހިތާމަވެރި ހާދިސާގެ އަސަރުތަކާ ދުރަށް ކިރިޔާ ވެސް ދެވުނީ ސުހާނާއާ އެކު ހޭދަކޮށްލެވުނު ވަގުތުތަކުގެ ސަބަބުންނެވެ. ދެއްކުނު ވާހަކަތަކުގެ ސަބަބުންނެވެ.

އެކަމަކު މާލެ އިން އޭނާ އަށް އެ ލިބުނު ހަބަރުން އަނެއްކާވެސް އަނެއް ޝޮކެވެ. އޭނާގެ ހިތް ހަމްދަރުދީން ފުރި ބަންޑުންވަނީ އެވެ. އޭނާގެ ހިތް ފަޅައިގެންދަނީ އެވެ.

ހޮޓަލުގެ ކުރިމައްޗަށް ކާރު މަޑުކޮށްލި އެވެ. ސުހާނާ ދޮރު ހުޅުވާލީ ފާތިރު ލާރި ދައްކާ ނިމި، ފުރަތަމަ އޭނާ ކާރުން ފޭބުމުންނެވެ. ދެ މީހުންގެ ކޮޓަރި ހުރީ ޖެހިޖެހިގެންނެވެ. ކޮޓަރި އަށް ދިޔަ އިރު އެއްވެސް މީހަކު ވާހަކައެއް ނުދައްކަ އެވެ. ސުހާނާ ތަޅު ހުޅުވަން އުޅުނު ވަގުތު ފާތިރު ބުނީ އޭނާގެ ފަހަތުން އައުމަށެވެ. ސުހާނާ ހައިރާންވި އެވެ. ސުވާލުގެ ނަޒަރަކުން ބަލާ ވެސް ލި އެވެ. އެކަމަކު ފާތިރު ކުރިއަށް ގޮސް އޭނާގެ ކޮޓަރި އަށް ވަނީ ސުހާނާއާ ދިމާއަށް ބަލާ ވެސް ނުލަ އެވެ. އެހެންކަމުން ސުހާނާ އަށް ފަހަތުން ދިއުން ނޫން ގޮތެއް ނެތެވެ.

އެއީ ވަރަށް ބޮޑު ކޮޓަރިއެކެވެ. އެނދު ހުރި ތަނާ ދުރުގައި ބޮޑު ސިޓިން ރޫމެއް ވަރުގެ ބައެއް ވެސް ހިމެނެ އެވެ. ފާތިރު ގޮސް މޭޒު މަތީގައި ހުރި ފެން ފުޅިން ބިއްލޫރި ތައްޓަށް ފެން އަޅާލި އެވެ. ދެން އެއް ފަހަރުން ހުސްކޮށްލި އެވެ. ސުހާނާ ހުރީ ބަލަހައްޓައިގެން، ސުވާލެއްގެ ތެރޭގަ އެވެ. އޭނާގެ ބޮސް ކުރަން އެ އުޅެނީ ކޮން ކަމެއްކަން ނޭނގި އެވެ. އަނެއްކާ އެއީ ސިއްރުން ފުރިފައި ހުރި މީހެއް ހެއްޔެވެ؟ ބޭރު ފުށުން ރީތި ނަމަވެސް އެތެރެ ފާފައިން ފުރިފައި ހެއްޔެވެ؟ ހަމްދަރުދީ ފާޅުކުރަނީ އެހެން މީހުންނަށް ދެއްކެއް ހެއްޔެވެ؟ އެހީތެރިކަން ފޯރުކޮށްދެނީ ވެސް ހެޔޮކަން އެންގުމަށްޓަކައި ހެއްޔެވެ؟

އެތައް ސުވާލެއް ސުހާނާގެ ހިތަށް އަރައި ފައިބަމުން ދިޔައީ ކޮންޓްރޯލެއް ނެތި އެވެ. ފާތިރު ހުރީ މޭޒު ކައިރީ ގުޑާ ވެސް ނުލާ، ސުހާނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެއީ ދައުވަތަކަށް ވެސް ވެދާނެ އެވެ. ސުހާނާއަށް އަންނަ ހަރަކާތެއް ބަލަން ކަމަށް ވެސް ވެދާނެ އެވެ.

މި ވާ ގޮތެއް ސުހާނާއަކަށް ނޭނގުނެވެ. އޭނާގެ ހިތުގައި ބިރުވެރިކަމެއް އުފެދެން ފެށީ ދެނެވެ. ފާތިރު މަޑުމަޑުން އޭނާއާ ދިމާއަށް އާދެ އެވެ. ސުހާނާގެ ހަށިގަނޑަށް ފިނިކަން ވެރިވެ، އައްސިވާ ގޮތްވި އެވެ.

"އެނދު މަތީ އިށީދެ ބަލަ،" ސުހާނާގެ ކުރިމައްޗަށް ހުއްޓި ފާތިރު ބުންޏެވެ.

"ކިހިނެއް ވީ އަނެއްކާ؟" ސުހާނާ އަށް، ބިރުވެރިކަމާ އެކު، ބުނެވުނެވެ.

"ވަރަށް ދެރަ ކަމެއް ވެއްޖެ،" ފާތިރު، އެންމެ ފަހުން، ބުންޏެވެ. ދެން އޭނާ އަށް ކުރިއަށް ގެންދަން އުނދަގޫވި އެވެ. ފާތިރުގެ ލޮލުން ސުހާނާ އަށް ފެނުނީ އަންހެނަކަށް ބޭނުންވެގެން ފިރިހެނަކު އުޅޭ ކަހަލަ އަސަރުތަކެއް ނޫނެވެ. އެ ބެލުމުގައި އެ އެދުމެއް ނެތެވެ. އޭނާ އަށް ފާހަގަވީ ކަރުނައިގެ ތެންކަމެވެ.

ކޮންމެވެސް ބޮޑު ކަމެއް ވެއްޖެ އެވެ. ކޮންމެވެސް ކަމެއް ހިނގައިފި އެވެ.

"މާއިޝް މަރުވެއްޖެ،" ފާތިރު، އިތުރަށް މަޑުނުކޮށް ބުންޏެވެ.

"ފާތިރު، ސަމާސާ ނުކުރޭ!" ސުހާނާ އަށް ގަބޫލެއްނުކުރެވުނެވެ.

"މިއީ ސަމާސާއެއް ނޫން،" ފާތިރު ބުންޏެވެ. އޭރު އޭނާގެ ލޮލުން ކަރުނަ ފޭދެން ފަށައިފި އެވެ. އެހާ ހިސާބުން ސުހާނާ އަށް ޔަގީންވި އެވެ.

"ނުވާނެ ތިހެންނެއް، ކޮބައި ފޯނު؟" ސުހާނާ އަށް ރޮއިގަނެވުނެވެ. އޭނާގެ ދަބަސް އަވަސް އަވަހަށް ހާވަން ފެށި އެވެ. ފޯނު ނެގި އެވެ. އެކަމަކު އެ އޮތީ ނިވިފަ އެވެ. އަތުން ދޫވެގެން ދަބަސް ވެއްޓުނެވެ.

"އަން މި އޮތީ މަންމައާ ގުޅާފައި،" ފާތިރުގެ ފޯނު ސުހާނާ އަށް ދިއްކޮށްލަމުން ބުންޏެވެ. ސުހާނާ އެ ފޯނު ޖަހައިގަތީ އެވެ. އޭނާ ރޮމުން، ސުވާލުތައް ކުރަމުން، ހަޅޭއްލަވަމުން ގެންދިޔަ އެވެ. ތަކުރާރުކޮށް އެތައް ސުވާލެކެވެ. އެކަމަކު އޭނާ އަށް އެ ނޫން ހަބަރެއް ނުލިބުނެވެ. ސުހާނާގެ ބައްޕައާ އެކު ސައިކަލްގައި ދަނިކޮށް އެހެން ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެކެވެ. ބައްޕަގެ އެއް ފައި އޮތީ ބިނދިފަ އެވެ. މާއިޝްގެ ބޯ ދުވާރު މަތީގައި ޖެހުނު ގޮތަށް އެ ކުއްޖާ ހެއެއް ނޭރި އެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރު އޮތީ މަރުވެފަ އެވެ.

ސުހާނާ އަށް އެ ވާހަކަތައް، އޭނާގެ މަންމަ އެތައް ފަހަރަކު ކިޔައިދިނެވެ. ހުއްޓުމެއް ނެތި އޭނާ ދިޔައީ އަހަމުންނެވެ. އޭނާގެ އަޑު ކުރަކިވެ، އަޑު ދަންދެން ވެސް އޭނާ ސުވާލުތައް ކުރި އެވެ. ފާތިރު ހުރީ އެހުރިހާ ކަމަކަށް ދޫކޮށްލައިގެންނެވެ. ހުއްޓުވުމުގެ ބޭނުމެއް ނެތެވެ. އެއީ މަންމައެއްގެ އިހުސާސްތަކެވެ. އެންމެ ހަތަރު އަހަރުގެ ކުޑަ ފިރިހެން ދަރިފުޅު ހަމަ ކުއްލިއަކަށް މަރުވެދިޔައީ އެވެ. އޭނާ އަށް ނުފެނި، އޭނާއާ މާ ދުރުގަ އެވެ.

ފާތިރުގެ ފޯނު ސުހާނާގެ އަތުން ދޫވި އެވެ. އޭނާ އަށް އެނދުގައި އިށީދެވުނެވެ. ދެން ބަންޑުން އޮށޯވެ، ގަދައަށް، އޭނާ އަށް ރޮވޭނެ އެންމެ ބާރަކަށް، ރޯން ފެށީ އެވެ.

ފާތިރު ފޯނު ނެގި އެވެ. އޭނާ ސުހާނާ ކައިރީގައި އިށީނެވެ. ދެ އަތުން ބޮލުގައި ހިފަހައްޓާލި އެވެ. އެއީ ކިހިނެއް ވީ ކަމެއް ހެއްޔެވެ؟ އޭނާގެ އެއްވެސް ރޯލެއް އެކަމުގައި އެބަ އޮތް ހެއްޔެވެ؟ އޭނާއާ އެކު ސުހާނާ ލަންޑަނަށް އައުމަކީ ހެދުނު ގޯހެއް ހެއްޔެވެ؟ ސުހާނާއާ މެދު އޭނާގެ ހިތުގައި އުފެދެން ފެށި އިހުސާސްތައް ނުރައްކަލަކަށް ވީ ހެއްޔެވެ؟ އޭނާގެ ދިރިއުޅުމުގެ ހުރިހާ ކަމަކަށް ގޮތް ނޭނގޭ ބާރެއް ވެރިވެގަންނަނީ ހެއްޔެވެ؟ އޭނާގެ ލޭގެ ގުޅުން ދެމިގެންދާނެ އެއްވެސް ފުރުސަތެއް ނުދޭން އެ ބަޔަކު މަސައްކަތް ފެށީ ހެއްޔެވެ؟ މިކަމާ ދަލޭކަދައިތަގެ ބައްދަލުކުރުމާ އެއްވެސް ގުޅުމެއް ވޭ ހެއްޔެވެ؟

ފާތިރު ދިޔައީ ވިސްނަމުންނެވެ. އޭނާގެ ސެކްރެޓަރީގެ ދިރިއުޅުން އޭނާގެ ސަބަބުން މިހާރު އެވަނީ ހަލާކުވެފަ އެވެ. އާއެކެވެ. އޭނާގެ ސަބަބުންނެވެ. ސާއިގާ މަރުވެދިޔަ ބިރުވެރި އަދި އާދަޔާ ހިލާފު ގޮތް އޭނާ އަށް އެނގެން ޖެހޭނެ އެވެ. އެހެންކަމުން ސާއިގާ ވަޅުލަން އައި އިރު ސުހާނާ ގެނެސްގެން ނުވާނެ އެވެ. އޭނާ އަންނަން ޖެހޭނީ އެކަނިމާއެކަންޏެވެ. އެއީ އެހެން މީހަކަށް ނޭނގޭ ސިއްރު ހާދިސާއެކެވެ. އެ ހާދިސާއާ ގުޅޭ އެއްވެސް ކަމެއްގައި، އެކަކު ވެސް ބައިވެރިކޮށްގެން ނުވާނެ އެވެ.

ސުހާނާ ގެނައުމަކީ ހެދުނު ވަރަށް ބޮޑު ގޯހެކޭ، ފާތިރުގެ ހިތަށްއެރި އެވެ. މާއިޝް އަކީ ސުހާނާގެ ފުރާނަ އެވެ. ސާއިގާ ދެކެ ފާތިރު ވާ ލޯތްބަށް ވުރެ، މާއިޝް ދެކެ ސުހާނާގެ ހިތުގައި އޮތް ލޯބި އެތައް މިލިއަން ގުނަ ބޮޑުވާނެ އެވެ.

ސުހާނާއާ ދިމާއަށް ފާތިރު ބަލައިލި އެވެ. ބަންޑުން އޮވެ، ރޮމުން ގެންދިޔަ އެވެ. މިވަގުތު ރުއިން ނޫން ކަމަކަށް ފުރުސަތެއް ނެތެވެ. ހަޔާތުގެ އެހާ މުހިންމު އެއްޗެއް، ކުއްލިއަކަށް އަތުން ގެއްލި ދިއުމުން ދެން ކުރެވޭނެ އެހެން ކަމެއް ނޯންނާނެ އެވެ. ދުނިޔޭގައި ހުރި މީހަކަށް ވިއްޔާ އޮތީ ރުއިމެވެ.

"މާލެ ދިއުމުގެ ހުރިހާ ކަމެއް އެބަ ހަމަޖައްސަން. މާއިޝް ވަޅުލާނީ ސުހާނާ ގޮސް،" ފާތިރު މަޑުމަޑުން ބުންޏެވެ. ދެން އޭނާ އެނދުން ތެދުވެ، އެ ބޮޑު ކޮޓަރީގެ އެއްކޮޅުގައި ހުރި ގޮނޑި ސެޓް ކައިރިއަށް ގޮސް އިށީނެވެ. ކުއްލިއަކަށް މާލެ ދިއުމުގެ ތައްޔާރީތަކަށް އޭނާ ފޯންކުރަން ފެށި އެވެ. އޭނާގެ ޒިންމާ އަކީ ވީހާވެސް އަވަހަކަށް ސުހާނާ މާލެ ގެންދިއުމެވެ.

ވަކި ހިސާބަކުން އޭނާގެ ހިތަށްއެރީ މުޅިން އެހެން އެއްޗެކެވެ. އޭނާ ވިސްނަން ފެށި އެވެ. މިއިން އެއްވެސް ކަމެއް އެގޮތަށް ހިނގަން ދޫކޮށްލައިގެން ނުވާނެ އެވެ. އޭނާ އަށް ވެސް ކުރެވޭނެ ކަންކަން ހުންނާނެ އެވެ. ވަކި ބާރެއް އޭނާއާ ދެކޮޅަށް ތެދުވެއްޖެ ނަމަ، އެ ބާރު ބަލިކުރާނެ މަގެއް ވެސް ޖެހޭނީ ހޯދާށެވެ. އެ ވިސްނުމުގައި އިނދެ އޭނާ އަޒުމް ކަނޑައެޅި އެވެ.

ދެން ސުހާނާ ދޫކޮށްލުމެއް ނެތެވެ. ވާ ގޮތެއް އެނގިދާނެތާ އެވެ. (ނިމުނީ)

"ދިހައެއް" ސިލްސިލާ މިހާ ހިސާބަށް ދިޔައިރު ކިއުންތެރިން ވަނީ ވަރަށް ތަފާތު ޝުއޫރުތައް ފާޅުކޮށްފަ އެވެ. އެކި ވާހަކަތަކާ މެދު އެކި މީހުން ހިތްހަމަޖެހޭނީ އެކި ވަރަށެވެ. އެކަމަކު މިއީ ސިލްސިލާއެއް ކަމުން، އެކި ޝަހުސިއްޔަތުތައް، އެކި ގޮތްގޮތަށް މީގެ ތެރެއަށް އެބަ ވައްދަން ޖެހެ އެވެ. ދެން އޮތީ "ބައްޕައަށްޓަކައި" ބަ އެވެ. މަހުޖަނު އިބްރާހިމްގެ ދަރިފުޅު ތައްޔާރުވެގެން އެހެރީ ފާތިރާ ބައްދަލުކުރާށެވެ.