14 ޖެނުއަރީ 2019 - 06:21

މި ވީޑިއޯ ބެލީމާ ހިތަށް އަރަނީ މިހެންނެވެ؛ މަޑުކޮށްގެން ތިބޭށެވެ. އަހަރެމެން ހައިވޭގައި ހިނގާލަނީ އެވެ.
އިންޓަނެޓްގައި ވައިރަލްވެފައިވާ ވީޑިއޯއެއްގައި ފެންނަނީ ކާރުބާރު ބޮޑު ހައިވޭއެއްގައި ބިޔަ ހަތަރު ސިންގާއެއް ވަރަށް ހަމަޖެހިލައިގެން ހިނގާފައި ދާތަނެވެ. ވެހިކަލްތައް ދާން ޖެހުނީ ސިންގާތަކުގެ ފަހަތުން މަޑުމަޑުންނެވެ. ދެ ކޮޅަށް ދުއްވާ ހައިވޭގައި ވެހިކަލްތަކުގައި ތިބި މީހުން މި މަންޒަރު ވީޑިއޯ ކޮށްފައިވެ އެވެ.
އޭގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ "ލަޔަންސް އޮގް ކްރުގާ ޕާކް އެންޑް ސާބީ ސޭންޑް" ގެ ނަމުގައި ހަދާފައިވާ ފޭސްބުކް ޕޭޖްގައި އިން ވީޑިއޯ އެވެ.
އެއަށް ދެ މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައި އެވެ. އަދި ވަރަށް ގިނަ މީހުން އެއަށް އެކި ކަހަލަ ކޮމެންޓްތައް ކޮށްފައިވެ އެވެ. ވީޑިއޯ 34،0000 އަށް ވުރެ ގިނަ މީހުން ވަނީ ޝެއާ ކޮށްފަ އެވެ.
ސިންގާތައް ހަމަޖެހިލައިގެން ހައިވޭމަތިން ހިނގަމުން، ވެހިކަލްތަކުގެ ދުވެލި ގަޑިއިރުތަކަކަށް މަތަކޮށްލީ ދެކުނު އެފްރިކާގެ ކްރުގާ ނެޝަނަލް ޕާކްގަ އެވެ. ބައެއް މީހުން ބުނި ގޮތުގައި މި ހައިވޭގައި ދުއްވާ އިރު، މިއީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. އަދި ބައެއް ފަހަރު ގިނަ އަދަދެއްގެ ސިންގާތަކެއް ނުކުމެ ހައިވޭމަތީގައި އޮށޯވެގެން ވެސް ތިބޭ ކަމަށް ބުންޏެވެ.