"ރޭސް" ފްރެންޗައިޒަށް ސައިފް އަލީ ހާން އަލުން ގެނެވޭތޯ މަސައްކަތް ފަަށައިފި
"ރޭސް" ފްރެންޗައިޒަށް ސައިފް އަލީ ހާން އަލުން ގެނެވޭތޯ މަސައްކަތް ފަަށައިފި

ސައިފް އަލީ ހާން ކުޅެމުން ދިޔަ މަގުބޫލު ސަސްޕެންސް ތުރިލާ ފްރެންޗައިޒް "ރޭސް 3" ސަލްމާން ހާނާ އެކު ގެނެސް ދީގެން ކުރިމަތިވި ބޮޑު ނާކާމީޔާއާ ގުޅިގެން މި ސީރީޒަށް އަލުން ސައިފް ގެނެވޭތޯ، ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ މަސައްކަތް ފަށައިފި އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި އޭނާ މިހާރު ވަނީ ސައިފާ އެތައް ފަހަރަކު ބައްދަލުކޮށް، "ރޭސް 4" ގައި ހިއްސާވާން އެދިފަ އެވެ. ނަމަވެސް އެކަމަށް ސައިފް އެއްބަސްވި ކަމެއް އަދި ކަށަވަރެއް ނޫނެވެ.

އޭނާ ކުރިން ބުނެފައިވާ ގޮތުގައި ސަލްމާނަށް "ރޭސް 3" ދިނުމަށް ފަހު، އެއިން ސަޕޯޓިން ރޯލެއް ހުށަހެޅި ނަމަވެސް ފިލްމު ގަބޫލު ނުކުރީ ކުޅެން ދިން ކެރެކްޓާގައި މާ ބޮޑު ބުރަދަނެއް ޝައުގުވެރި ކަމެއް ނެތުމުންނެވެ. ބޮބީ ޑިއޯލް "ރޭސް 3" ގައި ކުޅުނީ ސައިފަށް ދިން ރޯލެވެ.

ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ބޮލީވުޑްގައި ސަސްޕެންސް ތުރިލާތަކުގެ ބަފައިންގެ ގޮތުގައި ލޭބަލް ކުރެވޭ އައްބާސް-މަސްތާން ޑައިރެކްޓް ކުރަމުން ދިޔަ "ރޭސް" ގެ ފިލްމުތަކުގެ އެންމެ މުހިއްމު މީހަކީ ސައިފް ކަމެވެ. އޭނާއަކީ 2008 ގައި ރިލީޒް ކުރި "ރޭސް" އާއި "ރޭސް 2" ގެ ވެސް އެންމެ މުހިއްމު ކެރެކްޓާ އެވެ.

އެކަމަކު ތިން ވަނަ ބައި ސަލްމާނަށް ދިނުމުގެ އިތުރަށް ރަމޭޝް ވަނީ ފިލްމުގެ ޑައިރެކްޝަން ވެސް އައްބާސް-މަސްތާނުގެ އަތުން ނަގައި، ސަލްމާންގެ ބަހަށް ރެމޯ ޑި ސޫޒާއާ ހަވާލުކޮށް، "ރޭސް 3" އަށް ބެލުންތެރިން ކުރި އުންމީދު ފެނަށް ދުއްވާލައިފަ އެވެ.

މިދިޔަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރި މި ފިލްމަކީ ސަލްމާނަށް މި ފަހުން ކުރިމަތިލާން ޖެހުނު އެންމެ ފާޑުކިޔުން ބޮޑު ފިލްމެވެ. އެގޮތުން ފިލްމުގެ ސްކްރީންޕްލޭ އާއި ޑައިރެކްޝަނުގައި ހުރި ދޯހަޅި ކަންތައްތައްކުން މި ފްރެންޗައިޒް ހަލާކުކޮށްލައިފައިވާ ކަމަށް ގިނަ ކްރިޓިކުން ބުންޏެވެ. އަނެއްކޮޅުން ފިލްމުން ސައިފް ނުފެނުމަކީ ވެސް ބެލުންތެރިން "ރޭސް 3" ފުރަގަސް ދިން އެއް ސަބަބުގެ ގޮތުގައި ކްރިޓިލުން ފާހަގަކޮށްފައިވެ އެވެ.

އެހެންވެ މި ފްރެންޗައިޒަށް އަލުން ބެލުންތެރިންގެ އިތުބާރު ހޯދަން ބޭނުންވާ ނަމަ ސައިފް ވަރަށް މުހިއްމުކަން ރަމޭޝް އަށް ވިސްނިގެން ސައިފްގެ ފަހަތުން މިހާރު ދުވަނީ ކަމަށް މީޑިއާތަކުން ބުންޏެވެ. އެކަމަކު އޭނާ އެހެން ޕްރޮޖެކްޓްތަކެއްގައި ވަރަށް ބިޒީކޮށް މިހާރު އުޅޭތީ "ރޭސް" އަށް އަލުން ސައިފް ރުޖޫއާވާނެތޯ ނޫންތޯ އަދި އޮތީ ސުވާލު މާކެއްގެ ތެރޭގަ އެވެ.

ސައިފްގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި "ތާނަޖީ: ދި އަންސަންގް ވޮރިއާ"، "ހަންޓާ"، "ޖަވާނި ޖާނެމަން" އަދި ވެބް ސީރީޒް "ސެކްރެޑް ގޭމްސް" ގެ ދެވަނަ ސީޒަން ހިމެނެ އެވެ.