14 ޖެނުއަރީ 2019 - 06:23

ޕޮޓީ ސްޓޫލް ނުވަތަ ފާހާނާކުރަން ތަށީގައި އިށީނދެ އިންނައިރު، އުޑަފައިން އިނދެވޭ ގޮތަށް ފައި ދަށަށް އެއްޗެއް ލައްވައިގެން އިންނަ ނަމަ ބޮޑުކަމު ދިއުމުގައި ދިމާވާ އެކި މައްސަލަތައް ލުއިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
"މި ޓޮއިލެޓް ސްޓޫލް މަޝްހޫރުވީ ސޯޝަލް މީޑިއާ އާއި ވައިރަލް ވީޑިއޯތަކުން. އެކަމަކު މިއީ ސިއްހީ ގޮތުން ފައިދާއެއްކުރާ ކަމެއްކަން މެޑިކަލް ގޮތުން ސާބިތުވެފައެއް ނެތް،" ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި، އޮހާޔޯ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަ އޮފް ގެސްޓްރޮއެންޓެރެލޮޖީ، ހެޕަޓޮލޮޖީ އެންޑް ނިއުޓްރިޝަން ޑރ. ޕީޓާ ސްޓެނިޗް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓޮއިލެޓް ސްޓޫލުން ފައިދާއެއް ކުރޭތޯ ބެލިއިރު މިއީ ބަނޑު ހަރުވުމާއި ރަނގަޅަށް ބަނޑު ހުސްނުވުން އަދި ވައި ހެދުން ފަދަ ކަންކަމަށް ހައްލެއް ލިބިދާނެ ވަރަށް އާދައިގެ ވަސީލަތެކެވެ.
މި ދިރާސާކުރުމަށް 52 މީހަކު ބައިވެރިކުރި އެވެ. އެވްރެޖް އުމުރު 29 އަހަރުގައި އުޅޭ މި މީހުންގެ ތެރެއިން 40 ޕަސެންޓަކީ އަންހެނުންނެވެ. މި އެންމެންނަކީ ވެސް ސިއްހީ ހާއްސަ މައްސަލައެއް ނެތް މީހުންނެވެ. ނަމަވެސް މީގެ ތެރެއިން 44 ޕަސެންޓް މީހުންނަކީ އުނދަގުލުން ބޮޑުކަމުދެވޭ ކަމަށް ބުނި މީހުންނެވެ. އަދި ތިން ބައިކުޅަ އެއް ބައި މީހުން ބުނެފައިވަނީ ބޮޑުކަމުދާއިރު ރަނގަޅަށް ބަނޑު ހުސްނުވާ ކަމަށެވެ.
މި މީހުންނަށް، ހަތަރު ހަފުތާ ވަންދެން ޓޮއިލެޓް ސްޓޫލް ބޭނުންކުރަން ދިނެވެ. އަދި އޭގެ ފަހުން ސުވާލުކުރުމުން 71 ޕަސެންޓް މީހުން ބުނީ ބޮޑުކަމުދާން ހޭދަވާ ވަގުތު އަވަސްވި ކަމަށެވެ. އަދި 90 ޕަސެންޓް މީހުން ބުނި ގޮތުގައި ބޮޑުކަމުދާއިރު ހުންނަ އުނދަގޫކަން ކުޑަވި އެވެ.
ޖާނަލް އޮފް ކްލިނިކަލް ގެސްޓްރޮއެންޓެރެލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނި ގޮތުގައި ޓޮއިލެޓް ސްޓޫލް ބޭނުންކުރަން ދިން މީހުންގެ ތެރެއިން ތިން ބައިކުޅަ ދެ ބައި މީހުން، އާންމު ގޮތެއްގައި އެ ބޭނުންކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ޑރ. ސްޓެނިޗް ވިދާޅުވީ ޓޮއިލެޓް ސްޓޫލް ބޭނުންކުރުމުން، ބޮޑުކަމު ދިއުމުގައި ފަސޭހަވަނީ ހަށިގަނޑުގެ ޕޮޒިޝަނަށް އަންނަ ބަދަލުން ކަމަށެވެ. ބޮޑުކަމުދާއިރު ހަށިގަނޑު އިންނަން ޖެހޭނީ އުޑަފައިން އިންނަ ގޮތަށް ކަމަށާއި އެކަމަކު ފާހާނާ ތަށިމަތީގައި އިންނައިރު، ނަޖިސް ބޭރުވާ ހިސާބު ފިތި، ބަނޑު ހުސްކޮށްލަން އުނދަގޫވަނީ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްޓެނިޗް ވަނީ ބޮޑުކަމުދިއުމުގައި އެކި ކަހަލަ ދަތިތަކާ ކުރިމަތިވާ މީހުން، ޑޮކްޓަރުގެ ލަފަޔާ އެކު، ޓޮއިލެޓް ސްޓޫލް ބޭނުންކުރުން ރަނގަޅުވާނެ ކަމަށް ވިދާޅުވެފަ އެވެ.