12 ޖެނުއަރީ 2019 - 17:30

ވޮޝިންޓަން (ޖެނުއަރީ 12) - އެމެރިކާ ސަރުކާރުގެ ބޮޑު ބައެއް ހުއްޓިފައި އޮންނަތާ މިއަދަށް 22 ދުވަސްވީއިރު މިއީ އެ ގައުމުގެ ތާރީޚުގައި ވެސް މިހާ ދިގު މުއްދަތަކަށް ސަރުކާރު ހުއްޓުމަކަށް އައި ފުރަތަމަ ފަހަރެވެ.

ސިޔާސީ ދެބަސްވުމުގައި ސަރުކާރުގެ ގިނަ އޮފީސްތައް ހުއްޓިފައި އޮންނަތާ ހޮނިހިރު ދުވަހަށް 22 ދުވަސް ހަމައިރު މީގެ ކުރިން ސަރުކާރު ހުއްޓިފައި އެންމެ ގިނަ ދުވަހު އޮތީ ކުރީގެ ރައީސް ބިލް ކްލިންޓަންގެ ވެރިކަމުގައި 1995-1996 އަށް 21 ދުވަހަށެވެ.
ސަރުކާރު ހުއްޓިފައި އޮތުމުގެ މައިގަނޑު ސަބަބަކީ ބަޖެޓް އެޕްރީވް ކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހައްދަވަމުން ގެންދިއުމެވެ. ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ މެކްސިކޯ ބޯޑަރުގައި ފާރެއް ރޭނުމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ޖެހުމުން ނޫނީ އެޕްރޫވް ނުކުރާނެ ކަމަށެވެ. ފާރު ރޭނުމަށް ޓްރަމްޕް ހުށަހަޅުއްވާ 5.7 ބިލިއަން ޑޮލަރު ބަޖެޓުގައި ޖެހުމަށް ޑިމޮކްރެޓުން ގެންދަނީ ދެކޮޅު ހަދަމުންނެވެ.
އާ އަހަރު ފެށިގެންދާ އިރު ބަޖެޓް ނެތުމުން ފެޑެރަލް ސަރުކާރުގެ ހަތަރު ބައިކުޅަ އެއްބައި އޮފީހުގެ އޮޕަރޭޝަންތައް ވަނީ ހުއްޓިފަ އެވެ. ގާތްގަނޑަކަށް 800،000 މުވައްޒަފުންނަށް މުސާރަ ދޭނެ ގޮތެއް ނެތެވެ. ޖަލުގެ ގާޑުންނާއި އެއާޕޯޓް ސްޓާފުންނާއި އެފްބީއައިގެ އެޖެންޓުގެ އަހަރުގެ ފުރަތަމަ މުސާރައިން ހުކުރު ދުވަހު ވަނީ މަހްރޫމްވެފަ އެވެ.
ކޮންގްރެސްގެ ތެރޭން ބަޖެޓް ހަމަނުޖެހުމުން ނޭޝަނަލް އިމަޖެންސީއެއް އިއުލާންކޮށް ކޮންގްރެސް ބައިޕާސްކޮށް، ފާރަށް ފައިސާ ހޯދަން ޓްރަމްޕް އުޅުއްވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ. މެކްސިކޯ ބޯޑަރުގައި ފާރެއް ރޭނުމަކީ ޓްރަމްޕުގެ އިންތިޚާބީ ވައުދެކެވެ.
"ކޮންގްރެސް އަށް މިކަން ނުކުރެވިއްޖެ ނަމަ ނޭޝަނަލް އިމަޖެންސީއެއް އަޅުގަނޑު އިއުލާން ކުރާނަން،" ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
ޓްރަމްޕް މިފަދަ ކަމެއް ކުރައްވައިފި ނަމަ ކޯޓަށް ދިއުމަށް ޑިމޮކްރެޓުން ތިބީ ތައްޔާރަށެވެ.