13 ޖެނުއަރީ 2019 - 07:31

ކަރުދާސް ފޮށިގަނޑަކަށް ލައިފައި ބުޅަޅެއް ޕޯސްޓްކުރި މީހަކު ޓައިވާނުގައި ޖޫރިމަނާކޮށްފި އެވެ.

ޔޫޑީއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔަންގް ކިޔާ 33 އަހަރުގެ ފިރިހެން މީހާ، އެނިމަލް ޕްރޮޓެކްޝަން އެންޑް ހެލްތު އިންސްޕެކްޝަން އޮފީހުން ޖޫރިމަނާކުރީ 60،00 ޓައިވާން ޑޮލަރު (1،952 ޑޮލަރު) އިންނެވެ. އެއީ ޖަނާވަރުން ރައްކާތެރިކޮށް، ހިމާޔަތް ކުރާ ގާނޫނުގެ ދަށުންނެވެ.
އޭނާ ބުޅާ ޕޯސްޓް ކުރީ ޓައިވާނުގެ ސިޓީއެއް ކަމަށްވާ ބަންކިއާއޯގައި ޖަނަވާރުން ބަލަހައްޓާ ތަނަކަށެވެ. އެތަނަށް ޕޯސްޓުން ބުޅަލެއް ލިބުމުން ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓް ކުރީ އެވެ. އަދި އެ ބުޅަލަށް ސިއްހީ ގޮތުން ދޭން ޖެހޭ ފަރުވާ އާއި ވެކްސިން ވެސް ދީފައި ނުވާތީ އެކަމަށް ވެސް ޔަންގް އިހުމާލުވެފައިވާ ކަމަށް ބުނެ އެކަމުގެ އަދަބެއްގެ ގޮތުން އިތުރު 30،000 ޓައިވާން ޑޮލަރުގެ ޖޫރިމަނާއެއް ވެސްކޮށްފައިވެ އެވެ.
އޭނާ ބުނި ގޮތުގައި ޕެޓެއްގެ ގޮތުގައި ގެންގުޅުނު ސްކޮޓިޝް ފޯލްޑް ބުޅާ ދޫކޮށްލަން ނިންމީ މި ވަގުތު މަސައްކަތް ހުރި ގޮތުން ބުޅާ ބަލަހައްޓަން ވަގުތު ދެވެން ނެތުމުގެ އިތުރުން ފަޔަށް ލިބުނު ގެއްލުމަކާ ގުޅިގެން ބުޅަލަށް މިހާރު ހިނގަން ވެސް ދަތިވެފައިވާތީ އެވެ.
ޔަންގް ބުނި ގޮތުގައި ބުޅަލުގެ ފައި ރަނގަޅު ކުރެވޭތޯ ޑޮކްޓަރީ ފަރުވާގެ އިތުރަށް ހަކީމީ ބޭހުގެ ފަރުވާތަކެއް ވެސް ދީފައިވެ އެވެ. އެކަމަކު ރަނގަޅު ނުވާ ކަމަށް ބުންޏެވެ.
ޓައިވާނުގެ ޖަނަވާރުތަކާ ބެހޭ އޮތޯރިޓީގެ ޑިރެކްޓަރު ވިދާޅުވި ގޮތުގައި ބުޅާ ފަދަ ޖަނާވަރުންނަށް ރަހުމު ކުޑަވާ ގޮތަށް އަމަލު ކުރުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އަދި އެފަދަ ގޮތްގޮތަށް ޖަނަވާރުންނާ ދޭތެރޭ އަމަލު ނުކުރަން އޭނާ ވަނީ އިލްތިމާސް ވެސް ކޮށްފަ އެވެ.
"ގެންގުޅޭ ޖަނަވާރެއް ދޫކޮށްލާ ނަމަ ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް އަމަލު ކުރަން އަހަރެމެން ހުރިހާ އެންމެންނަށް އިލްތިމާސް ވެސް ކުރަން،" އޭނާ ވިދާޅުވި އެވެ.