14 ޖެނުއަރީ 2019 - 06:27

ފޭސްބުކާއި އޭގެ ބާނީ މާކް ޒުކަބާގްގެ ވާހަކަ ކިޔައިދިން 2010 ގެ ފިލްމު "ދަ ސޯޝަލް ނެޓްވާކް" ގެ ދެވަނަ ބައެއް ހަދަންޖެހޭ ކަމަށް އެ ފިލްމުގެ ސްކްރީން ރައިޓަރު އާރޮން ސޯކިން ބުނެފި އެވެ.
އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ 57 އަހަރުގެ ލިޔުންތެރިޔާ އޭޕީ އެންޓަޓައިންމަންޓަށް ދިން އިންޓަވިއުއެއްގައި ބުނީ ފޭސްބުކްގައި އަދިވެސް ކިޔައިދެވިދާނެ ވަަރަށް ގިނަ ވާހަކަަތައް އެބަހުރި ކަމަށެވެ.
"ފޭސްބުކާ ބެހޭ ގޮތުން އަދިވެސް ދައްކަންޖެހޭ ވަރަށް ގިނަ ވާހަކަތައް އެބަހުރި. ވަރަށް ގިނަ ވާހަކަތައް އެއާ ބެހޭ އަހަރެމެންނަށް އަދިވެސް ކިޔައި ދެވެން އެބައޮތް،" ގިނަ ބައެއްގެ ޕްރައިވެޓް ޑާޓާތަކެއް ފޭސްބުކުން ބޭރިވި މައްސަލަ އަށް އިޝާރާތްކޮށް ސޯކިން ބުންޏެވެ. "އެހެންވެ އަހަންނަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ދަ ސޯޝަލް ނެޓްވާކްގެ ދެވަނަ ބައެއް ހަދަން ޖެހޭކަން. މިސާލަކަށް ފިލްމުގެ ފުރަތަމަ ބައި ނިންމައިލި އިރު ގެނެސް ދިފައި އޮތް ކޯޓް ކޭހަށް ބިނާކޮށް، ވާހަކަ އިތުރަށް ފުޅާކޮށްލެވި ދާނެ މިހާރު."
ޑޭވިޑް ފިންޗާ ޑައިރެކްޓް ކުރި އެ ފިލްމުގެ ޕްރޮޑިއުސަރު ސްކޮޓް ރޫޑީން ވެސް ކުރިން ބުނެފައިވާ ގޮތުގައި "ދަ ސޯޝަލް ނެޓްވާކް" ގެ ދެވަނަ ބައެއް ހަދަން އޭނާ ވެސް ވަރަށް ބޮޑަށް ޝައުގުވެރިކަން އެބަ ހުއްޓެވެ. އަދި އެ ފިލްމުގެ ވަރަށް ގިނަ އަދަދެއްގެ ފޭނުންގެ ފަރާތުން ހުއްޓުމެއް ނެތި ދެވަނަ ބައެއް ގެނެސް ދޭން އެދި އީމެއިލްތައް ވެސް ލިބެމުން އަންނަ ކަމަށް ބުނެފައިވެ އެވެ.
"ދަ ސޯޝަލް ނެޓްވާކް" ހަދާފައި ވަނީ ބެން މެޒްރިޗް ލިޔުނު ފޮތް "ދި އެކްސިޑެންޓަލް ބިލިއަނާޒް" އަށް ބިނާކޮށެެވެ. ފިލްމުގައި ޒުކަބާގްގެ ރޯލް ކުޅުނީ ޖެސީ އެއިޒެންބާގެވެ.
މި ފިލްމަކީ 83 ވަނަ އޮސްކާ އެވޯޑްސްގައި 8 ކެޓަަގަރީއަކުން ނޮމިނޭޓްވެ، ތިން އޮސްކާ ހިއްލައިލި ފިލްމެކެވެ. އެއީ އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ އާއި އެންމެ މޮޅު އޮރިޖިނަލް ސްކޯގެ އިތުރުން އެންމެ މޮޅު އެޑިޓިން އެވެ.
ސާޅީސް މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ދަ ސޯޝަލް ނެޓްވާކް" އަށް ބޮކްސް އޮފީހުގައި 224.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.