13 ޖެނުއަރީ 2019 - 07:35

ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯންއަކީ އޭނާ އަށް ތަޖުރިބާކުރަން ޖެހުނު ވޭން ގަދަ ޑިޕްރެޝަނުގެ ވާހަކަ ހާމަކަން ބޮޑުކޮށް، ހިއްސާކުރި ފުރަތަމަ އޭ ލިސްޓް ބަތަލާ އެވެ. މިހާރު ބޮލީވުޑް އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ ދީޕިކާ ޑިޕްރެޝަނުގެ ވާހަކަ ދެއްކީ 2015 ގަ އެވެ.
ފަހުން ދީޕިކާ ވަނީ ޑިޕްރެޝަން ފަދަ ނަފުސާނީ މައްސަލަތައް ހުންނަ މީހުންނަށް އެހީވާން "ދަ ލިވް ލަވް ލާފް" ގެ ނަމުގައި ފައުންޑޭޝަނެއް ވެސް އުފައްދައިފަ އެވެ. މިހާރު ވަނީ މި ބަތަލާގެ ޑިޕްރެޝަން ތަޖުރިބާ ކުޑަކުދިންނަށް ވެސް ކިޔައިދޭން ކުޑަކުދިންގެ ފޮތެއްގެ ބާބެއްގައި ހިމަނަން ނިންމައިފަ އެވެ.
"ދަ ޑޮޓް ދެޓް ވެންޓް ފޮ އަ ވޯކް" ގެ ނަމުގައި ގެނެސްދޭ މި ފޮތުގެ މުސައްނިފުންނަކީ ލަކްޝްމީ ނަމްބިއާ، ރޫމް ގުޕްތާ އަދި ސަރާޑާ އަކިނޭނީ އެވެ. ތިން ލިޔުންތެރިން ގެނެސްދޭ ކުޑަކުދިންނަށް ހާއްސަ މި ފޮތުގައި އިންޑިއާގެ ނުފޫޒު ގަދަ 51 އަންހެނެއްގެ ހަޔާތުގެ ތަފާތު އެކި ކަހަލަ ތަޖުރިބާތައް، ކިޔައި ދޭނެ އެވެ.
ދީޕިކާގެ ޑިޕްރެޝަނުގެ ވާހަކަ ފޮތުގައި ހިމަނަން ނިންމި ސަބަބާ ބެހޭ ގޮތުން ލަކްޝްމީ މިޑް-ޑޭ އަށް ބުނީ ޑިޕްރެެޝަނަކީ ކުދިންނަށް ކިޔައިދީ ހޭލުންތެރިކަން އުފައްދައި ދޭން ޖެހޭ މައްސަލައެއް ކަމަށެވެ. އެގޮތުން އުމުރުގެ ކޮންމެވެސް ހިސާބަކުން އޭގެ ޝިކާރަކަށް ވެދާނެ ކަމަށާއި ކުޑަކުދިން މި ބައްޔަށް އަހުލުވެރި ކުރުވުމަކީ މުސްތަގަބުލަށް އެޅޭ ރައްކާތެރިކަމުގެ ފިޔަވަޅަކަށް ވާނެ ކަމަށެވެ.
"ދީޕިކާގެ ވާހަކަ އަހަރެމެން ފޮތުގައި ހިމަނަން ނިންމީ އޭނާއަކީ އިންޑިއާގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރެެއިން އެކަކަށްވެފައި ޑިޕްރެޝަނުން އަރައި ގަތުމަށް އޭނާ ކުރި މަސައްކަތާއި އެ ވާހަކަ ފާޅުގައި ދައްކަން ދެއްކި ހިތްވަރު ކުދިންނަށް އަންގައި ދިނުމުގެ ގޮތުން،" ލަކްޝްމީ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ދީޕިކާގެ ތަޖުރިބާ އެ މީހުން ދިރާސާ ކުރި ވަރަކަށް އެއީ "އިންސްޕިރޭޝަނަލް ސްޓޯރީއަކަށްވެފައިވާ" ކަމަށެވެ.
"މުސްތަގުބަލުގެ ޖީލަށް ދީޕިކާގެ ވާހަކައަކީ ނަމޫނާއަކަށް ވާނެ. ޖިސްމާނީ ދުޅަހެޔޮކަމާ އެއްވަރަށް ނަފުސާނީ ދުޅަހެޔޮކަން ވެސް މީހާ އަށް ކިހާ މުހިއްމުވާކަން ދީޕިކާގެ ޑިޕްރެޝަނުން ތަޖުރިބާ އިން ވަރަށް ސާފުކޮށް ފެންނަން އެބަ އޮތް،" ލަކްޝްމީ ބުންޏެވެ. "އެހެންވީމާ މިއީ ޒުވާނުންނަށް ވެސް ކިޔައި ދޭން ޖެހޭ ވާހަކައެއް. އަދި މިއީ އަންހެނުން ބާރުވެރި ކުރުވަން ކުރާ މަސައްކަތަށް ވެސް އޮތް ހިތްވަރެއް."