ޖެނިފާ އެނިސްޓަންގެ މަންމަ މަރުވެއްޖެ
ޖެނިފާ އެނިސްޓަންގެ މަންމަ މަރުވެއްޖެ

ޓީވީ ސިލްސިލާ "ފްރެންޑްސް" އިން ވިދާލި ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޖެނިފާ އެނިސްޓަންގެ މަންމަ އަދި ކުރީގެ ބަތަލާ ނޭންސީ ޑައު މަރުވެއްޖެ އެވެ.

އާއިލާ އިން ނެރެފައިވާ ބަޔާނެއްގައި ބުނީ ނޭންސީ މަރުވީ ވަރަށް ގިނަ ދުވަހު ބަލިވެ އުޅުމަށް ފަހު، އަންގާރަ ދުވަހު ކަމަށެވެ. މަރުވި އިރު އުމުރަކީ 79 އަހަރެވެ.

އެނިސްޓަން، 47، ބުނީ މަންމަ ވަކިވެގެން ދިއުމަކީ ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށާއި އޭނާ އާއި ފިރިހެން ކޮއްކޮ ޖޯން އަށް މި ދަނޑިވަޅަކީ ވަރަށް ހިތްދަތި ވަގުތެއް ކަމަށެވެ.

ނޭންސީ އަށް ވަނީ ދެ ފަހަރެއްގެ މަތިން ސްޓްރޯކެއް ވެސް ޖެހިފަ އެވެ. އެންމެ ފަހުން ސްޓްރޯކެއް ޖެހުނީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ އުޅުނީ ވަރަށް ބަލިކޮށެވެ.

ނޭންސީއަކީ ކުރީގެ ވަރަށް މަޝްހޫރު ސިލްސިލާތަކެއް ކުޅެފައިވާ ބަތަލާއެކެވެ.

އޭގެ ތެރޭގައި ދަ ބެވަލީ ހިލްބިލީސް (1966) އާއި ދަ ވައިލްޑް ވައިލްޑް ވެސްޓް (1967) ހިމެނެ އެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ 2004 ވަނަ އަހަރު "ޕިޔޯ" އިންނެވެ.