12 ޖެނުއަރީ 2019 - 07:44

ޗައިނާގެ އަންހެނެއްގެ ކަންފަތަށް ދިމާވި ނާދިރު ސިއްހީ މައްސަލައަކާ ގުޅިގެން އޭނާ އަށް ހަމައެކަނި އަންހެނުން ދައްކާ ވާހަކަ އަޑުއިވޭ ގޮތަށް ބަދަލުވެއްޖެ އެވެ.
ޑެއިލީ މެއިލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗައިނާގެ ޒިއަމެން ސިޓީގައި ދިރިއުޅޭ، ޗެން ކިޔާ މީހާ އަށް މިހާރު އެއްވެސް ގޮތަކަށް ފިރިހެނުން ދައްކާ ވާހަކައެއް އަޑެއް ނީވެ އެވެ.
މި މައްސަލަ އަށް އޭނާ ދިމާވިކަން އެނގުނީ ހެނދުނު ހޭލި ވަގުތު ލޯބިވެރިޔާ ގުޅާފައި ވާހަކަ ދެއްކި ނަމަވެސް އޭނާ ދެއްކި އެއްވެސް ވާހަކައެއް ޗެން އަށް އަޑު ނީވިގެން އެކަމާ ކަންބޮޑުވެގެން އީއެންޓީ ޑޮކްޓަރަކަށް ދެއްކުމުންނެވެ. ޗެންގެ ޓެސްޓްތައް ހެދި ޑރ. ލިން ޒިއާއޮގިންގް ވިދާޅުވި ގޮތުގައި ޗެން އަށް ދިމާވެފައި ވަނީ ވަރަށް މަދުން ނޫނީ ދިމާ ނުވާ ކަންފަތުގެ މައްސަލައެެއް ކަމަށްވާ ރިވާޒް-ސްލޯޕް ހިއަރިން ލޮސް (އާރްއެސްއެލް) އެވެ. މިކަމުގެ ސަބަބުން އިވޭނީ ހައި ފްރިކްއެންސީ އަޑުތަކެވެ.
"އަހަރެން ދެއްކި ހުރިހާ ވާހަކައެއް ޗެން އަށް ވަރަށް ސާފުކޮށް އިވުނު ކަމަށް ބުނި. އަދި އަހަރެން ދެއްކި ހުރިހާ ވާހަކައަކަށް އޭނާ ހަމަ އާދައިގެ މީހަކަށް އަޑު އިވޭ އުސޫލުން އިޖާބަ ވެސް ދިން،" ލިން ވިދާޅުވި އެވެ. "އެކަމަކު ޕޭޝަންޓް ރޫމްގައި ފިރިހެން ޕޭޝަންޓަކު ގެނެސްގެން ވާހަކަ ދެއްކުވީމަ އެއްގޮތަކަށް ވެސް ޗެންއަކަށް އޭނާގެ އަޑެއް ނީވޭ."
ދިރާސާތަކުން ދައްކާ ގޮތުގައި މި މައްސަލަ ދިމާވުމުގެ ފުރުސަތު އޮންނަނީ ކޮންމެ 13،000 މީހުންގެ ތެރެއިން އެކަކަށެވެ.
ޑރ. ލިން ވިދާޅުވި ގޮތުގައި އާރްއެސްއެލް ދިމާވެދާނެ ސަބަބުތަކުގެ ތެރޭގައި ޖެނެޓިކުން ދިމާވާ މައްސަލަތަކާއި މާ ބުރަކޮށް އުޅެން ހަދައިގެން ސްޓްރެސް ބޮޑުވެ، ހަށިގަނޑަށް އަރާމު ލިބުން މަދުވުން ހިމެނެ އެވެ.
"މި ކަހަލަ މައްސަލައެއް ދިމާވެއްޖެ ނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަކަށް ދެއްކުން ވަރަށް މުހިއްމު." އޭނާ ވިދާޅުވި އެވެ.
ޗެން ޑޮކްޓަރަށް ކިޔައި ދިން ގޮތުގައި ހެނދުނު ހޭލި އިރު، ކަންފަތަށް ދިމާވި މައްސަލައިގެ ކުރިން، އޭގެ ކުރީ ރޭ އޭނާ ނިދީ މަސައްކަތުގައި ވަރަށް ބުރަކޮށް އުޅެފައި ވަރަށް ލަހުންނެވެ. އަދި ބިޒީވެގެން ހަމަނިދި ނުލިބޭތާ ދުވަސްކޮޅެއްވެފައިވާ ކަމަށާއި ނިދި އިރު ކަންފަތުގައި ރިހުމެއް ވެސް ހުރި ކަމަށް ބުންޏެވެ.
އެހެންވެ ޑރ. ލިން ވިދާޅުވީ ޗެން މަސައްކަތް ލުއިކޮށްފައި، ހަށިގަނޑަށް ބޭނުންވާ އަރާމު ހޯދަން ފެށުމުން ކަންފަތަށް ދިމާވި މައްސަލަ މާ ލަހެއް ނުވެ ހައްލުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.