22 އޯގަސްޓް 2016 - 06:32

"ހެޕީ ބާގް ޖާއޭގީ" އުފެއްދިއިރު ޕްރޮޑިއުސަރުން ބުނީ މި ފިލްމަކީ އިންޑިއާ އާއި ޕާކިސްތާނުގެ ލޯބި ދައްކުވައިދޭ ފިލްމެއް ކަމަށެވެ. ނަމަވެސް މިހާރު ބެލެވެނީ މި ގުޅުން ބަދަހިވާނެ ގޮތެއް ނެތް ކަމަށެވެ.
ހިންދުސްތާން ޓައިމްސގައި ބުނެފައިވާ ގޮތުގައި ޑައެނާ ޕެންޓީ އާއި އަބޭ ޑެއޯލްގެ މި ފިލްމު ދެއްކުން މިހާރު ޕާކިސްތާނުން ވަނީ މަނާކޮށްފަ އެވެ.
މި ފިލްމުގައި ދައްކަނީ ޑައެނާ ޕެންޓީ ކައިވެނި ނުކުރަންވެގެން ފިލައިގެން އުޅެނިކޮށް އޮޅިގެން ޕާކިސްތާނަށް އެތެރެވެވޭ ގޮތެވެ.
މި ފިލްމު ދެއްކުން ޕާކިސްތާނުން މަނާކުރީ އެ ފިލްމުގައި ޕާކިސްތާނުގެ ބާނީ މުހައްމަދު އަލީ ޖިނާހުގެ ފޮޓޯއެއް ދައްކާތީ ކަމަށްވެ އެވެ. އަދި ޕިޔޫޝް މިޝްރާ ކުޅެފައިވާ ޕާކިސްތާނު ފުލުސް މީހެއްގެ ކެރެކްޓާއާ ވެސް ސެންސަރު ބޯޑުން ހިތްހަމައެއް ނުޖެހެ އެވެ. ނަމަވެސް ފިލްމުގެ އެ މަންޒަރުތައް ކަނޑާލުމުގެ ބަދަލުގައި އެ ފިލްމު މަނާކުރަން ޕާކިސްތާނު ސެންސަރު ބޯޑުން ނިންމާފައިވާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ވަނީ ބުނެފަ އެވެ.
ޕްރޮޑިއުސަރު ބުނި ގޮތުގައި ޕާކިސްތާނުގެ ސެންސަރު ބޯޑުގެ މެމްބަރުންނަށް ފިލްމު ދެއްކުމުން އެމީހުންނަށް ފިލްމު ވަރަށް ކަމުދިޔަ އެވެ. އަދި ހަމައެކަނި ދެ ތަނެއް އެޑިޓްކޮށްލައިގެން ފިލްމު ދެއްކުމުގެ ހުއްދަ ލިބޭނެ ކަމަށް ވެސް ބުންޏެވެ. ނަމަވެސް ފަހުން އެ ގައުމުގެ އިންފޮމޭޝަން މިނިސްޓްރީން ފިލްމު މަނާކުރަން ނިންމީ ކަމަށް އޭނާ ބުންޏެވެ.
މުދައްސަރް އަޒީޒް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އަލީ ފަޒާލް އާއި ޖިމީ ޝާގިލް އަދި ޕާކިސްތާނު އެކްޓަރު މޯމަލް ޝެއިޚް ވެސް މުހިއްމު ރޯލުތައް ކުޅެފައި ވެއެވެ. މި ފިލްމުގައި ޕާކިސްނުގެ ލާހޯރުގެ ވަރަށް ރީތި މަންޒަރުތަކެއް ވެސް ފެނެ އެވެ.