10 ޖެނުއަރީ 2019 - 16:19

ގައުމީ އިނާމާބެހޭ ކޮމެޓީއަށާއި ހާއްސަ އިނާމާބެހޭ ކޮމެޓީއަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބޭފުޅުން އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ގައުމީ އިނާމާބެހޭ ކޮމެޓީގެ ޗެއާޕާސަނަކަށް ކުރީގެ ޖެންޑާ މިނިސްޓަރު މ. ލޮނުވެލި އަނީސާ އަހުމަދު ހަމަޖައްސަވާފައިވާ ކަމަށެވެ. ކޮމެޓީއަށް ދެން އައްޔަންކުރެއްވި ބޭފުޅުންނަކީ އެޑިއުކޭޝަންގެ ކުރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލާއި ޅ. ކުރެންދޫ، ނޫރަންގޭ ޒުލްފާ އިބްރާހިމާއި ހ. އިރުވައި އާއިޝަތު ނާޒެވެ.
އެ ބޭފުޅުންގެ އިތުރުން ކޮމިޓީގައި މިހާރު ހިމެނިވަޑައިގަންނަވަނީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސްގެ ސެކްރެޓަރީ ހުސައިން އާމިރާއި މއ. ފިޔަވަނި އަހުމަދު އަލިމަނިކާއި މ. ކާނިމާގޭ މުހައްމަދު އިކްރާމާއި މ. މާހިޔާ ރަހީމާ އާދަމާއި ކ. ވިލިނގިލީ ކަންދު ހަސަން މަނިކެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމާބެހޭ ކޮމިޓީގެ ޗެއާމަނަކަށް ހަމަޖެއްސެވީ ހަޔަ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަނެވެ. ދެން އައްޔަންކުރެއްވި ބޭފުޅުންނަކީ މއ. މާނިކަ ޑރ. އަހުމަދު އަލި މަނިކާއި މ. ތާނގީދޮށުގޭ މަރިޔަމް ނޫރައްދީނާއި މ. ހިޔަލީ ގުލްޝަން މަރިޔަމް ޝިފްޒާނެވެ.
ހާއްސަ އިނާމާބެހޭ ކޮމިޓީގައި މިހާރު ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ މ. ދާޝިން ޑރ. ޒަކަރިއްޔާ މޫސާ އާއި ކ. ވިލިނގިލީ އަކީލާ ޑރ. އަބްދުލްއަޒީޒް ޔޫސުފާއި މއ. ވިލާރޮދި އާއިޝަތު ޝާހީނެވެ.