"ރުސްތުމް" އަށް ނުވަ ދުވަހުން 100 ކްރޯޑު
"ރުސްތުމް" އަށް ނުވަ ދުވަހުން 100 ކްރޯޑު

އަކްޝޭ ކުމާރުގެ "ރުސްތުމް" އެންމެ ނުވަ ދުވަހުގެ ތެރޭގައި 100 ކްރޯޑު (1000 މިލިއަން ރުޕީސް) ހޯދައިފި އެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ފިލްމު ދައްކަން ހަމަޖެހިފައިވާތީ ފިލްމަށް ލިބޭ އާމްދަނީ އިތުރު ވެގެންދާނެ ކަމަށް ބެލެވެ އެވެ.

އަކްޝޭ ކަނޑުގެ ސިފައިންގެ އޮފިސަރެއްގެ ރޯލު އަދާކުރާ މި ކޯޓު ޑްރާމާ އަކީ މިއަހަރު ރިލީޒްކުރި އަކްޝޭގެ ފިލްމުތަކުގެ ތެރެއިން ބޮކްސް އޮފީހުގައި 100 ކްރޯޑު ހޯދި ތިން ވަނަ ފިލްމެވެ.

މިއަހަރު ރިލީޒްވި އޭނާގެ "އެއާލިފްޓް" އާއި "ހައުސްފުލް 3" އަށް ވެސް ވަނީ ބޮޑު ކާމިޔާބެއް ލިބިފަ އެވެ.
"ރުސްތުމް" އަކީ 100 ކްރޯޑު ހޯދި އަކްޝޭގެ ހަ ވަނަ ފިލްމެވެ.

އަކްޝޭގެ ފިލްމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ "ރައުޑީ ރާތޯޑް" އަށެވެ. އެ ފިލްމަށް 134 ކްރޯޑު (1340 މިލިއަން ރުޕީސް) ލިބިފައިވެ އެވެ.

އިލައިނާ ޑިކްރޫޒް އާއި އީޝާ ގުޕްތާ ބަތަލާގެ ބައި އަދާކޮށްފައިވާ މި ފިލްމަށް އިންޑިއާ އިން ބޭރުގެ ގައުމުތަކުގައި ވެސް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ "ރުސްތުމް" އަށް ބައިނަލްއަގުވާމީ ބާޒާރުތަކުން 3.77 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. މިއީ ގާތްގަނޑަކަށް 25.32 ކްރޯޑު ރުޕީސް އެވެ. އެހެންކަމުން މިހާތަނަށް މުޅި ޖުމްލަ 1256 މިލިއަން ރުޕީސް މި ފިލްމަށް ވަނީ ލިބިފަ އެވެ.

މި ފިލްމު އުފައްދާފައި ވަނީ އެންމެ 50 ކްރޯޑު (500 މިލިއަން ރުޕީސް) ގެ ބަޖެޓަކުން ކަމަށް ވާތީ މިހާރު ފިލްމު އުފެއްދި ޚަރަދު ފޫބެދި ފިލްމު އުފެއްދި އަގުގެ ދެ ގުނައަށް ވުރެ ވެސް މައްޗަށް ފައިދާ ވަނީ ލިބިފަ އެވެ.

"ރުސްތުމް" ރިލީޒްކުރީ ރިތިކް ރޯޝަންގެ "މޮހެންޖޯ ދަރޯ" އާ އެއް ދުވަހަކު އެވެ. ނަމަވެސް އެ ފިލްމަށް މާ ބޮޑު ތަރުހީބެއް ލިބިފައެއް ނެތެވެ. އަދި މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އަބޭ ޑެއޯލްގެ "ހެޕީ ބާގް ޖާއޭގާ" ގެ ސަބަބުން ވެސް "ރުސްތުމް"ގެ ހިނގުމަށް ބަދަލެއް އައިސްފައެއް ނުވެ އެވެ.

"ހެޕީ ބާގް ޖާއޭގޭ" ރިލީޒްކުރިތާ ދެ ދުވަސް ވީއިރު ފިލްމަށް ލިބިފައިވަނީ އެންމެ 50 މިލިއަން ރުޕީސް އެވެ.