22 އޯގަސްޓް 2016 - 06:30

"ވާށޭ މަށާއެކީ" ބެލި މީހުންގެ ހަނދާނުގައި ހަމަ ގައިމު ވެސް އެ ފިލްމުގެ ވަރަށް ހާއްސަ މަންޒަރެއް ހަނދާން ހުންނާނެ އެވެ.

ހީވެސް ނުކޮށް ހުއްޓައި އަންނަ އެ މަންޒަރުގައި މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު އަހުމަދު ނިމާލާއި އެ ފިލްމުގެ ލީޑް އެކްޓަރު ޖުމައްޔިލް ނިމާލް (ޖުމަލް) ކުއްލިއަކަށް ރެސްޓޯރަންޓެއްގެ ތެރެއިން ދިމާވެ އެވެ. އަދި އެ މަންޒަރުގައި ވަރަށް ހައިރާންވެފައި ޖުމަލް، ނިމާލާ ދިމާއަށް ބަލަން ހުރެ "ބިރު ކުޑަ އަލީއޭ" ބުނެ މުހާތަބު ކުރެ އެވެ.

ރައްދުގައި ވަރަށް ރުންކުރުވެފައި ނިމާލު ޖުމަލް އާ ދިމާއަށް ބުނަނީ ކަލޭގެ ބަފައާ އަހަރެން ވައްތަރީ ހެއްޔެވެ؟ އެ ސުވާލަށް މިހާރު ދޭން އޮތް ޖަވާބަކީ އާއެކެވެ.
"ވާށޭ މަށާއެކީ" ގައި ހިމެނޭ ނިމާލްގެ އެ ހާއްސަ ފެނިލުމާ އެކު، ނިމާލާއި ޖުމަލްގެ ވެސް ފޭނުން އުންމީދު ކުރާނެ އެއް ކަމަކީ ދެ މީހުން އެކުގައި ސްކްރީނުން ހަގީގީ ބައްޕަ/ދަރިފުޅުގެ ރޯލުން ފެނުމެވެ. އެ ދުވަސް މިހާރު އޮތީ މާ ދުރަކު ނޫނެވެ.
ނިމާލް މިހާރު އަންނަނީ ދަރިފުޅު ޖުމަލް ލީޑް ރޯލަށް ލައިގެން ވަރުގަދަ ފިލްމެއް ހަދަން ތައްޔާރުވަމުންނެވެ.
ޖުމަލް ފިލްމީ ދާއިރާ އަށް ތައާރަފުވީ ބައްޕަ 2014 ގައި ގެނެސް ދިން "އަނިޔާ" އިންނެވެ. އެ ފިލްމަށް ފަހު، އޭނާއަކީ މިހާރު ފިލްމީ ދާއިރާގައި ހުރި އެންމެ އުންމީދީ އެކްޓަރެވެ.
ނިމާލް ބުނީ ޖުމަލް ވަރަށް ތަފާތު ދެ ކެރެކްޓާއަކުން ފެނިގެންދާ ފިލްމުގެ ސްކްރީންޕްލޭ މިހާރު އޮތީ އެއްކޮށް ނިމިފައި ކަމަށެވެ. އަދި އަންނަ އޮކްޓޯބަރު ހިސާބުގައި ފިލްމުގެ ޝޫޓިން ފެށޭތޯ ވެސް އަންނަނީ ބަލަމުންނެވެ.
"ސްކްރިޕްޓް މިހާރު އޮތީ ނިމިފައި. ދެން އިތުރަށް އޭތި ފުރިހަމަކޮށްލަން ކުރަން ޖެހޭ ކުދިކުދި ބައެއް ކަންކަން މި ދުވަސްކޮޅު މިހާރު ކުރިއަށް ދަނީ،" ޒުވާނުންގެ ތެރޭގައި ހިނގާ ހާދިސާތަކެއްގެ މައްޗަށް ނިމާލް އަމިއްލަށް ލިޔެފައިވާ ސްކްރީންޕްލޭއާ ބެހޭ ގޮތުން ނިމާލް ބުންޏެވެ.
އޭނާ ބުނީ އަދި ވަކި ނަމެއް ހަމަޖައްސައިފައި ނުވާ ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ވެސް ސިކުނޑީގައި ޖުލަމް ބައިންދައިގެން ކަމަށެވެ.
"އަހަރެން ބުނާނީ ޖުމަލްގެ އަނެއްކާ ވެސް ވަރަށް ތަފާތު ކެރެކްޓާތަކެއް މި ފިލްމުން ފެނިގެން ދާނޭ،" ނިމާލް ބުންޏެވެ. "އަދި ފިލްމުން ޖުމަލްއާ އެކު އަހަރެން ވެސް ފެނިގެން ދާނެ. އެންމެ ގާތީ ބައްޕަގެ ރޯލުން ފެނުން. ބެލުންތެރިންނަށް އަހަރެމެން ދެ މީހުން އަދި އެގޮތަށް ފިލްމަކުން ފެނިފައެއް ނުވާނެ. އެހެންވެ އެ ވެސް ބެލުންތެރިންނަށް ތަފާތަކަށް ވާނެ."
މި ފިލްމުގެ ބަތަލާއަކަށް ނިމާލް ނަގަން ބޭނުން ވަނީ އަޒޫ އެވެ. އަދި އަލީ ޝަމީލް ވެސް މުހިއްމު ރޯލެއް ކުޅޭނެ އެވެ.
"އަޒޫ ބަތަލާއަކަަށް ލާން ބޭނުން ވަނީ. އެއީ ހަމަ ފުރަތަމަ ޗޮއިސް. އަޒޫ ގެނެވޭ ގޮތް ނުވެއްޖިއްޔާ ދެވަނަ ބަތަލާއަކާ ދޭތެރޭ ވިސްނާނީ ވެސް،" ބޮޑު ބައި އަތޮޅުތެރޭގެ ރަށެއްގައި ޝޫޓް ކުރާ ފިލްމާ ބެހޭ ގޮތުން ނިމާލް ބުންޏެވެ.
އޭނާ ބުނީ އޮކްޓޯބަރު މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފެށިއްޖެ ނަމަ އަންނަ އަހަރު ކުރީކޮޅު ފިލްމް ސްކްރިނަށް ގެނެވޭނެ ކަމަށެވެ.
"އެކަމަކު ޖުމަލް މިހާރު ރެޑީވޭ އެބަ ޑާކް ރެއިންގެ ފިލްމަކަށް ވެސް. އެހެންވެ އޭގެ މަސައްކަތް ނިމެންވާ އިރަށް މި ފިލްމުގެ މަސައްކަތް ފަށަން ތައްޔާރުވެގެން ހުންނާނީ." ނިމާލް ބުންޏެވެ.
އޭނާ ދޭ ޔަގީން ކަމަކީ އަންނަ އަހަރު ދަރިފުޅާ އެކު ސްކްރީނުން ފެންނާނެ ކަމެވެ. އިންތިޒާރުކޮށްލަމާ ހިނގާށެވެ.