ހައި ކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި
ހައި ކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

ހައި ކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލާން މިމަހުގެ ފުރަތަމަ ދުވަހު ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލީ އެންމެ ދެ ބޭފުޅުންނެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކޮށްފައިވާ އިއުލާނެއްގައިވަނީ ހައި ކޯޓަށް ފަނޑިޔާރުން ހޯދަން ކުރިން ކުރި އިއުލާން ބާތިލްކުރާ ކަމަށެވެ. އަދި އެ މަގާމަށް ކުރިމަތިލާން އަލުން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ފުރަތަމަ ދުވަހު ބަންދުވާ އެ ދެ މަގާމުގެ ޝަރުތަކީ ގާނޫނީ ދާއިރާއިން ނުވަތަ އިސްލާމީ ޝަރީއާގެ ދާއިރާއިން ޑިގްރީއެއް އޮތުމާ އެކު ވަކީލު ކަމުގައި ނުވަތަ ފަނޑިޔާރު ކަމުގައި މަދުވެގެން ފަަސް އަހަރުގެ ތަޖްރިބާ ހުރުމެވެ.

ނުވަ ފަނޑިޔާރުން ތިބެންޖެހޭ ހައި ކޯޓު ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ޑރ. އަޒްމިރަލްދާ ޒާހިރު އިސްތިއުފާ ދެއްވުމާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އައްބާސް ޝަރީފް އަމިއްލަފުޅަށް ފަނޑިޔާރުކަމުން ރިޓަޔާވެ ވަޑައިގަތުމުންނެވެ.

މިހާރު ހައި ކޯޓުގެ ބެންޗުގައި ތިއްބެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަބްދުޣަނީ މުހައްމަދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

އޭގެ ތެރެއިން އަބްދުލްޣަނީ އާއި ޝުއައިބު އަދި ޝުޖާއު އަކީ އައްޑޫގައި ހުންނަ އެ ކޯޓުގެ ދެކުނު ގޮފީގައި ތިއްބަވާ ފަނޑިޔާރުންނެވެ. ހދ. ކުޅުދުއްފުށީގައި ގާއިމްކުރާ އުތުރު ގޮފި އަދި ގާއިމެއް ނުކުރެ އެވެ.

ހައި ކޯޓު ފަނޑިޔާރަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 54،000ރ. އާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސް ލިބޭނެ އެވެ.