09 ޖެނުއަރީ 2019 - 22:30

ބަންގްލަދޭޝް މަގުން 1.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރަން އުޅުނު އެ ގައުމުގެ މީހަކު އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.

އުމުރުން 31 އަހަރުގެ ބަންގްލަދޭޝް މީހާ ހިފައިގެން އައި ދަބަހުގެ ތެރެއިން ފެނުނީ އެމްޕެޓަމައިން (ޔާބާ) ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ އޭނާގެ އަމަލްތައް ހުރި ގޮތުން ޝައްކުވެގެން ޗެކްކުރި އިރު އޭނާގެ ފޮށީގައި ރައްކާކޮށްފައި ހުރި ޕެކެޓްތަކުގައި އޭގެ 2084 ގުޅަ އޮތް ކަމަށެވެ. އޭގެ ބަރުދަން 282 ގްރާމަށް އަރާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
"މި މައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފަ އެވެ،" ކަސްޓަމުން ނެރުނު ބަޔާނުގައިވެ އެވެ.
ޔާބާއަކީ އާންމުކޮށް ތައިލެންޑާއި މިޔަންމާގައި، ލެބޯރަޓަރީތަކުގައި، އުފައްދާ މަސްތުވާއެއްޗެކެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައިގައި ސިފައިން ލައްވާ ބުރަކޮށް މަސައްކަތް ކުރުވަން ޖަރުމަނުގެ ޑިކްޓޭޓަރު އެޑޯލްފް ހިޓްލަރުގެ އޯޑަރަށް އުފެއްދި އެއްޗެއް ކަމަށްވެ އެވެ.
ޔާބާ ބޭނުން ކުރާ މީހުންނަށް ބޮޑެތި ނުރައްކާތައް ކުރިމަތިވެ އެވެ. އޭގެ ތެރޭގައި އަމިއްލަ އަށް މަރުވުން ފަދަ ކަންކަން ވެސް ދިމާވެ އެވެ.