ކަސްރަތުގައި އުޅުއްވަނިކޮށް ސިފައިންގެ އޮފިސަރަކު ކުއްލިއަކަށް އަވަހާރަވެއްޖެ
ކަސްރަތުގައި އުޅުއްވަނިކޮށް ސިފައިންގެ އޮފިސަރަކު ކުއްލިއަކަށް އަވަހާރަވެއްޖެ

ޅ. މާފިލާފުށީގައި ސިފައިންގެ ކަސްރަތުގައި އުޅުއްވަނިކޮށް ސިފައިންގެ އޮފިސަރަކު މިއަދު ކުއްލިއަކަށް އަވަހާރަވެއްޖެ އެވެ.

ސިފައިންގެ ހިދުމަތުގައި އުޅުއްވާތާ 23 އަހަރަށް ވުރެ ގިނަ ދުވަސްވީ ކެޕްޓަން މުހައްމަދު ރާމިޒު، 48، ހަވީރު އޮތް ފިޓްނެސް އެކްސަސައިޒެއްގެ ތެރޭގައި ހިމެނޭ ދުވުމުގައި އުޅުއްވަނިކޮށް ކުއްލިއަކަށް ވެއްޓުނީ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އޭނާ މިވަގުތު މަސައްކަތްކުރައްވަމުން ގެންދެވީ ނޯދަން އޭރިޔާގެ ސިފައިންގެ ތެރޭގަ އެވެ.

އެމްއެންޑީއެފުން ބުނީ ރާމިޒަށް ފަރުވާދޭން ވަގުތުން ނައިފަރަށް ގެންދިޔަ ކަމަށެވެ.

އޭނާއަށް ދިމާވީ ކޮން މައްސަލައެއް ކަމެއް އެމްއެންޑީއެފުން އަދި ނޭނގެ އެވެ.

ކެޕްޓަން ރާމިޒަށް ވަނީ ސިފައިންގެ ހިދުމަތުގެ މެޑައްޔާއި އަހުލާގީ މެޑައްޔާއި ރާއްޖޭގައި އެންމެ ފަހުން އޮތް ސާކް ސަމިޓުގެ މެޑަލް ވެސް ލިބިވަޑައިގެންފަ އެވެ. އަހުލާގުގެ ކުލަ ތިން ފަހަރަށް ލިބިވަޑައިގެންފައިވާ ކަމަށް، އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނީ ރާމިޒުގެ ހަށިގަނޑު މިރޭ މާލެ ގެންނާނެ ކަމަށެވެ.