10 ޖެނުއަރީ 2019 - 07:08

އެމެރިކާގެ ހިޔުންޑޭ ކުންފުނިން "ހިނގާ" ކާރެއް ދައްކާލައިފި އެވެ.
އެމެރިކާގެ ލަސް ވެގަސްގައި މިހާރު ކުރިއަށްދާ ސީއީއެސް ޓެކް ޝޯގައި ދައްކައިލި، "ހިޔުންޑޭ އިލެވޭޓް" ގެ ނަން ދީފައިވާ މި އުފެއްދުމަކީ ހަތަރު ރޮބޮޓިކް ފައި ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ އުޅަނދެކެވެ.
މިއީ ކުއްލިއަކަށް ދިމާވާ ގުދުރަތީ އެކި ކަހަލަ ހާދިސާތަކުގައި މީހުން ސަލާމަތްކުރަން ބޭނުން ކުރެވޭނެ އުޅަނދެއް ކަމަށް ހިޔުންޑޭ އިން ބުންޏެވެ.
އެގޮތުން އިލެވޭޓް ފަރުމާކޮށްފައި ވަނީ ފަސް ފޫޓްގެ ފާރެއްގެ މަތިން ވެސް ފުންމައިލެވޭ އަދި ފަސް ފޫޓް ދުރަށް ވެސް ފުންމައިލެވޭ ގޮތަށެވެ. ހިޔުންޑޭ އިން ބުނި ގޮތުގައި "ހިނގާ" ކާރަކީ ތިން އަހަރު ދުވަހުގެ މަސައްކަތެވެ.
"މީގެ އެންމެ ހާއްސަ ކަމަކީ، މިސާލަކަށް ސުނާމީ ކަހަލަ ކުއްލިއަކަށް ދިމާވެދާނެ ގުދުރަތީ ހާދިސާތަކުގައި އަވަހަށް އަދި ފަސޭހަ އިން މީހުން ސަލާމަތްކުރަން ބޭނުން ކުރެވިދާނެ އެއްޗަކަށް މީތިވުން،" ހިޔުންޑޭގެ ނައިބް ރައީސް ޖޯން ސޫ ވިދާޅުވި އެވެ. "މި އުޅަނދު ފަރުމާކޮށްފައި މި ހުރީ ކުނިބުނީގެ ތެރޭގައި ވެސް ފަސޭހައިން ހަރަކާތްތެރިވެވޭ ގޮތަށް. އެހެންވެ މިއީ ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރި އެއްޗަކަށް ވާނެ."
އޭނާ ފާހަގަކުރި ގޮތުގައި އިމާރާތްތަކުގެ ތެރޭގައި، ފުރޮޅުލީ ގޮނޑި ފަދަ އެއްޗެހީގައިި ތިބޭ މީހުން އަވަހަށް ބޭރަށް ނެރެ ސަލާމަތްކުރަން "ހިނގާ" ކާރަކީ ވަރަށް ވެސް ބޭނުންތެރި ވަސީލަތަކަށް ވާނެ އެވެ.
ހިޔުންޑޭގެ މި އުފެއްދުމާ ބެހޭ ގޮތުން އެމެރިކާގެ އެސްޓަން ބިޒްނަސް ސްކޫލްގެ ޕްރޮފެސަރު ޑޭވިޑް ބެއިލީ ވިދާޅުވީ "އެކްސްޓްރީމް" ހާލަތްތަކަށް ހާއްސަކޮށްގެން ކާރު އުފައްދާ ކުންފުންޏަކުން އާ އިޖާދެއް ނެރުމަކީ ވަރަށް ވެސް ބޮޑަށް ހިތްވަރު ދޭން ޖެހޭ ކަމެއް ކަމަށެވެ.
"އިމަޖެންސީ ހާލަތްތަކަށް ހިޔުންޑޭގެ މި ކާރު ވަރަށް ވެސް ބޭނުންތެރި އެއްޗަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ. "ޓެކްނޮލިޖީ ބޭނުން ކުރާ ކުންފުނިތަކުން އެބަޖެހޭ އާ ވިސްނުންތަކާ އެކު މި ކަހަލަ އުފެއްދުންތައް ތައްޔާރު ކުރަން."