21 އޯގަސްޓް 2016 - 14:20

ވޮޝިންޓަން (އޮގަސްޓް 21) - ރިޔާސީ ކެމްޕޭން ތެރޭގައި ބުނެވުނު ބައެއް ބަސްތަކާ މެދު ދެރަވާ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ ބައެއް ފަހަރު ބަހުސުގެ ޖަރުބާތުގައި ޖެހި އަދި ތަފާތު މައްސަލަތަކާ މެދު ވާހަކަ ދައްކާއިރު އެންމެ ރަނގަޅު ނޫން ބަސްތައް ބޭނުން ކުރެވިދާނެ ކަމަށެވެ.
"އަޅުގަނޑަށް ވެސް ވަނީ އެގޮތަށް ކަންތައް ކުރެވިފައި. އެކަމާ މެދު ދެރަވޭ. އެކަމަކު އަބަދުވެސް އަޅުގަނޑު ވާހަކަ ދައްކާނީ ތެދަށް،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕުގެ ރާގު ބަދަލު ކުރައްވާ މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ އޭނާގެ ކެމްޕޭން ޓީމަށް ބޮޑު ބަދަލެއް ގެނެސް ބޭއްވި ފުރަތަމަ އެއްވުމުގަ އެވެ. ބައެއް އޮފިޝަލުން ބުނީ މިއީ ޓްރަމްޕުގެ ކެމްޕޭން އާ އެޑްވައިޒަރުންގެ ލަފާގެ މަތިން ޓްރަމްޕް ދެއްކެވި ވާހަކަތަކެއް ކަމަށެވެ.
މާޒީގައި ބުނެވުނު ބައެއް ބަސްތަކާ މެދު ދެރަވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެފަދަ ވާހަކައަކަށް އޭނާ އިޝާރާތް ކުރައްވައިފައެއް ނުވެ އެވެ. ނަމަވެސް މާޒީގައި ޓްރަމްޕް ދައްކަވާފައިވާ ބައެއް ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އޭގެ ތެރޭގައި އެމެރިކާ އަށް މުސްލިމުން ވަނުން މަނާކުރުމަށް ވިދާޅުވުމާއި އިރާގު ހަނގުރާމައިގައި މަރުވި މުސްލިމް ސިފައިންގެ މީހާގެ މައިންބަފައިންނަށް އިޝާރާތްކޮށް ދެއްކެވި ވާހަކަ އާއި އެމެރިކާގައި ބަޑި ގެންގުޅުމުގެ ހުއްދަ އޮތް މީހުން ހިލަރީ ކްލިންޓަން ވެރިކަމަށް ވަޑައިގަތުން ހުއްޓުވަން ޖެހޭނެ ކަމަށް ވިދާޅުވުން ހިމެނެ އެވެ.