09 ޖެނުއަރީ 2019 - 12:40

މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އެތުލެޓިކްސްގެ އަމާޒަކީ މަދުވެގެން ފަސް މެޑަލް ހޯދުން ކަމަށާއި އެކަމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފި އެވެ.
އެތުލެޓިކްސް އަކީ ފަހަކަށް އައިސް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް އެންމެ ގިނަ މެޑަލް ހޯދައިދިން ކުޅިވަރެވެ. އެގޮތުން 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދުވުންތެރިޔާ ހަސަން ސާއިދު ވަނީ ރަން މެޑަލް ހޯދައި ތާރީހުގެ ތެރެއަށް ވަދެފަ އެވެ. އަދި އެ މުބާރާތާއި ޖެހިގެން އައި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.
އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ވިދާޅުވީ ތަޖުރިބާ ހޯދަން އެސޯސިއޭޝަނުން އެތުލީޓުން ނުފޮނުވާނެ ކަމަށާއި ބައިވެރިވާނީ މެޑަލް ލިބޭނެ އިވެންޓްތަކުގައި ކަމަށެވެ.
"އެތުލީޓުންގެ މިދިޔަ ދެ އަހަރުގެ ޕާފޯމަންސާއި އެހެނިހެން ޑޭޓާތައް އެއްކޮށް ކޯޗުންނާ މަޝްވަރާކުރަމުން މި އަންނަނީ އަޅުގަނޑުމެންނަށް މެޑަލް ހޯދޭނެ އިވެންޓްތައް ބެލުމަށް. އެއަށް ފަހު ގޮތެއް ނިންމާނީ،" މޮރިޝަސްގައި ޖުލައި މަހު އޮންނަ ގޭމްސްއާ ބެހޭގޮތުން މުންތަގިމް ވިދާޅުވި އެވެ.
އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ ބައިވެރިކުރާ ހުރިހާ އެތުލީޓުންނަށް ރާއްޖޭން ބޭރުން ތަމްރީނުގެ ފުރުސަތު ހޯދައިދޭނެ ކަމަށެވެ.
"އެކަމަށް މަސައްކަތްކުރަމުން މިއަންނަނީ. ކޮންމެ ގޮތެއް ވިޔަސް ރާއްޖޭގައި ތިބެގެން އެ އަމާޒަށް ވާސިލެއްނުވެވޭނެ. ވަޒީފާ އާއި އާއިލާތައް ޒިންމާތައް ނަގަމުން އެދޭންވާ ވަގުތު ނުދެވޭނެ. އަނެއްކާ ސިންތެޓިކް ޓްރެކެއް އޮތަސް އެހެނިހެން ވަސީލަތްތަކެއް ވެސް ނެތް ރާއްޖޭގައި. އެހެންވެ ބޭރުން ތަމްރީނުގެ ފުރުސަތު ހޯދައިދެވޭނެ،" ތޮލާލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޓާގެޓަކީ މަދުވެގެން ފަސް މެޑަލް."