ބައިނަލްއަގްވާމީ ކޯސް ހިންގުމަށް އެސްޕީ އެކްރެޑިޓް ކޮށްފި
ބައިނަލްއަގްވާމީ ކޯސް ހިންގުމަށް އެސްޕީ އެކްރެޑިޓް ކޮށްފި

އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަންސް (އައިއޭއޭއެފް) އިން ބައިނަލްއަގްވާމީ ކޯސްތައް ހިންގުމަށް ރާއްޖޭގެ ތަޖުރިބާކާރު އެތުލެޓިކްސް ކޯޗު މޫސާ ރަޝީދު (އެސްޕީ) އެކްރެޑިޓްކޮށްފި އެވެ.

ރާއްޖޭގައި ހިންގާ ކޯސްތަކުގައި ކިޔަވައިދިނުމުގެ ލައިސަންސް ބައެއް ދިވެހި ކޯޗުންގެ އަތުގައި އޮތް ނަމަވެސް، އެސްޕީ އަކީ އެތުލެޓިކްސްގެ ބައިނަލްއަގްވާމީ ކޯޗިން އިންސްޓްރަކްޓާ ލައިސަންސް ލިބުނު ފުރަތަމަ ދިވެއްސެވެ.

އެސްޕީ ކިޔަވައިދޭ ބައިނަލްއަގްވާމީ ފުރަތަމަ ކޯހަކީ، އަންނަ މަހު ސްރީ ލަންކާގައި ބާއްވާ އައިއޭއޭއެފް ލެވެލް އެކެއްގެ ކޯހެކެވެ.

ކުޅިވަރުގެ ދާއިރާއިން 2013 ގައުމީ އިނާމް އަދި ކުޅިވަރުގެ ދާއިރާ އިން 2004 ވަނަ އަހަރު ޒުވާނުންގެ ގައުމީ އިނާމް ހާސިލްކޮށްފައިވާ އެސްޕީ އަކީ ރާއްޖޭގެ އެންމެ ހިދުމަތްތެރި އެއް ކޯޗެވެ. އެގޮތުން އޭނާ ވަނީ 1990 ވަނަ އަހަރުން ފެށިގެން މާލެ އަދި އަތޮޅުތެރޭގެ ބައެއް ސްކޫލްތަކުގައި އެތުލެޓިކްސް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. މީގެ އިތުރުން ސްކޫލް ކުދިންނަށް ޖިމްނާސްޓިކުގެ ހުނަރު ދަސްކޮށްދިނުމަށް ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީން 1995 ވަނަ އަހަރު ފެށި ޕްރޮގްރާމުގައި އެންމެ އިސް ދައުރެއް އަދާކުރީ ވެސް މޯލްޑިވްސް ޕޮލިސް ސާވިސަސްގައި ވަޒީފާއަދާކުރަމުން އަންނަ އެސްޕީ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުގެ ނައިބް ރައީސްގެ މަގާމް ވެސް އަދާކޮށްފައިވާ އެސްޕީ ވަނީ ގައުމީ އެތުލެޓިކްސް ޓީމުގެ ކޯޗުކަންވެސް ކޮށްފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ބައެއް މުބާރާތްތައް ހިންގައި ރާއްޖޭން ބޭރުގެ ބައެއް މުބާރާތްތަކުގައި އޮފިޝަލެއްގެ ގޮތުން މަސައްކަތްކުރި އެވެ.

މީޑިއާ މެދުވެރިކޮށް ކަސްރަތަށް މީހުން އަހުލުވެރިކުރުވަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އެސްޕީ އަންނަނީ މޫދުގެ ބައެއް ކުޅިވަރުތަކާއި މާޝަލް އާޓްސްގެ ހުނަރުތައް ދަސްކޮށްދިނުމަށް ވެސް ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.