08 ޖެނުއަރީ 2019 - 14:08

ވޮޝިންޓަން (ޖެނުއަރީ 8) - ވޯލްޑް ބޭންކުގެ ރައީސް ޖިމް ޔޮންގް ކިމް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފި އެވެ.
މަގާމުގައި ހަ އަހަރު ދުވަހު ކުރެއްވި ކިމް މަގާމުން ވަކިވެވަޑައިގަންނަވާނީ ފެބްރުއަރީ 1 ވަނަ ދުވަހު އެވެ. އުމުރުން 59 އަހަރުގެ ކިމްގެ ފަސް އަހަރުގެ މަގާމުގެ މުއްދަތު ހަމަވާނީ 2022 ވަނަ އަހަރު އެވެ. ވޯލްޑް ބޭންކުގެ ރައީސްގެ ދެ ވަނަ ދައުރަކަށް އޭނާ އިންތިޚާބުވެވަޑައިގެންނެވީ 2017 ވަނަ އަހަރު އެވެ.
ވޯލްޑް ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޭންކާ ކިމް ވަކިވެވަޑައިގެންނެވި ނަމަވެސް ތަރައްގީވަމުން އަންނަ ގައުމުތަކުގައި އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ގާއިމް ކުރުމުގެ މަސައްކަތުގައި އޭނާ ދެމި ހުންނަވާނެ ކަމަށެވެ.
ކިމް އިސްތިއުފާ ދެއްވާ ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. ކިމްގެ ބަދަލުގައި ވަގުތީ ރައީސެއްގެ ގޮތުގައި ހުންނަވާނީ ބޭންކުގެ ސީއީއޯ ކްރިސްޓަލީނާ ޖޯޖިއެވާ އެވެ.
ސައުތު ކޮރެއާ އަށް އުފަން ކިމް ތަމްރީނުވެފައި ވަނީ މެޑިކަލް ޑޮކްޓަރެއްގެ ގޮތުގަ އެވެ. ވޯލްޑް ބޭންކުގެ ރައީސްގެ މަގާމަށް ކިމް ނޮމިނޭޓްކޮށްފައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އެވެ. ވޯލްޑް ބޭންކުގެ ރައީސް އާއްމުކޮށް ނޮމިނޭޓް ކުރަނީ އެމެރިކާ އިންނެވެ. އެކަމަކު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ރައީސް ނޮމިނޭޓް ކުރަނީ ޔޫރަޕުގެ ގައުމުތަކުންނެވެ.