09 ޖެނުއަރީ 2019 - 06:23

"ސޯލް" ގެ ނަމުގައި ކުރު ފިލްމެއް ހެދުމުގެ މަސައްކަތް އެކްޓަރު އަލީ ސީޒަން ފަށައިފި އެވެ.
މިހާރު އއ. މަތީވެރީގައި ޝޫޓް ކުރަމުން އަންނަ މި ފިލްމަކީ މި އަހަރު ބާއްވާ ސާކް ފިލްމު ފެސްޓިވަލްގެ ކުރު ފިލްމު ކެޓަގަރީ އަށް ހާއްސަކޮށްގެން ހަދާ 15 މިނިޓްގެ ފިލްމެކެވެ. "ސޯލް" އަކީ ސީޒަންގެ ފިލްމު ކުންފުނި އެސް ޕްރޮޑަކްޝަނާއި ބައިސްކޯފް ގުޅިގެން ހަދާ އެއްޗެކެވެ.
ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ބިނާކޮށް ހަދާ ފިލްމުގެ ތަރިންގެ ތެރޭގައި ސްރީ ލަންކާގެ ދެ ފަންނާނަކު ވެސް ހިމެނޭ އިރު، މީގެ ކާސްޓުން ޖުމައްޔިލް (ޖުމަލް) ނިމާލާއި ނުޒުހަތު (ނުޒޫ) ޝުއައިބް ވެސް ފެނިގެން ދާނެ އެވެ.
"ސޯލް" ގެ މަންޒަރުތަކެއް މަތިވެރީގެ އިތުރުން މާލެ އާއި މާލެ ކައިރި ރަށްތަކެއް ވެސް ވަނީ ނަގަން ހަމަޖެހިފަ އެވެ. ސީޒަން ޑައިރެކްޓްކޮށް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ 2016 ގައި ރިލީޒް ކުރި "ވަފާތެރި ކެހިވެރިޔާ" އެވެ.
ސާކް ފިލްމު ފެސްޓިވަލަށް ހާއްސަކޮށްގެން އޭނާ ކުރު ފިލްމެއް ހަދާ އިރު، މީގެ ކުރިން ސީޒަންގެ ދެ ފީޗާ ފިލްމެއް ސާކް ފިލްމު ފެސްޓިވަލްގައި ވާދަކޮށްފައިވެ އެވެ. އެއީ 2014 ގެ "އިންސާނާ" އާއި 2015 ގެ "އަހުޝަމް" އެވެ. "އިންސާނާ" އަކީ ފެސްޓިވަލުގައި ބައިވެރިކޮށްގެން ބްރޯންޒް މެޑެލް ވެސް ލިބުނު ފިލްމެކެވެ.
ސީޒަން ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ އަންނަ މަހުގެ 27 ގައި ރިލީޒް ކުރާ ހޮރޯ ކޮމެޑީ "40+" އިންނެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ޓީވީއެމުން ގެނެސް ދިން މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ގަދަ ތިނެކުށް ޖާގަ ހޯދި ޝަމްވީލް (ބަރޯ) މުހައްމަދުގެ ފުރަތަމަ އޮރިޖިނަލް ލަވަ އެހުންތެރިންނަށް ދޫކޮށްލަން ތައްޔާރުވެއްޖެ އެވެ.
މި މަހުގެ 10 ވަނަ ދުވަހު ނެރޭ މި ލަވައަކީ އޭނާގެ އަލަތު އަލްބަމް "ސޮރު" ގައި ހިމެނޭ "އޮޑިދީލަ" އެވެ. މަސްވެރިންގެ ވާހަކަ ކިޔައިދޭ ލަވައިގެ އޯޑިއޯ ޓީޒާއެއް ވެސް މިހާރު ވަނީ އިއްވާލައިފަ އެވެ. ޔަގީނުން ވެސް މި ލަވަ ވެގެން ދާނީ ބަރޯގެ ފޭނުންނަށް ވަރަށް ވެސް ހާއްސަ ލަވައަކެވެ. މުޅި ލަވަ އަޑު އަހާލަން ލިބެންދެން ޓީޒާ އަޑުހައިލާށެވެ.
މިއީ އަމިއްލަ ރާގަކަށް ހަދާފައިވާ ދިވެހިވަންތަ ލަވައެކެވެ. "ސޮރު" ގެ ލަވަތައް ބަރޯ ނެރެން ނިންމާފައި ވަނީ ވަކިވަކިން އެކި ފަހަރު މަތިންނެވެ.
އަންނަ މަހުގެ 4 ވަނަ ދުވަހު އޮލިމްޕަސް ސިނަމާ އަށް ގެންނަ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމު "ގޮށްރާޅު" ގެ ލަވަ "ރާޅެއްހެން" ލަވަފޮށްޓަށް ދޫކޮށްލައިފި އެވެ.
މި ލަވައަކީ މޯލްވިޑިއަން އައިޑޮލްގެ ޖަޖެއްގެ ގޮތުގައި ފެނިގެން ދިޔަ ހުނަރުވެރި ލަވަކިޔުންތެރިޔާ އިސްމާއީލް އައްފާން ކިޔާފައިވާ ލަވައެކެވެ. "ރާޅެއްހެން" އަކީ އޭނާ ކިޔާފައިވާ ލަވަތަކުގެ ތެރެއިން ވެސް ކުރިން ވެސް އެހުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ލަވައެކެވެ.
"ގޮށްރާޅު" އަކީ އަހުމަދު ޝިނާން ޑައިރެކްޓްކޮށް ގެނެސްދޭ ކްރައިމް ތުރިލާއެކެވެ. މި ފިލްމުގެ މައި ތަރިއަކީ ޖުމަލް އެވެ.
އަންނަ މަހު ރިލީޒް ކުރާ ފިލްމު "ގޮށްރާޅު" އިން ފިލްމީ ދާއިރާ އަށް ތައާރަފުވާ ލަވަކިޔުންތެރިޔާ ހަސަން (ޒަކިއްޓެ) އިރުފާންގެ ފުރަތަމަ އޮރިޖިނަލް ލަވަ "ހީލާށޭ" ގެ ޓީޒާއެއް ވެސް ސައުންޑްކްލައުޑަށް ފޮނުވާލައިފި އެވެ،
ޒަކިއްޓެއަކީ މޯލްޑިއަން އައިޑޮލް ސީޒަން ދޭކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ފަންނާނެކެވެ. އޭނާ ބުނި ގޮތުގައި "ހީލާށޭ" ލަވަ ނެރެން ނިންމާފައި ވަނީ މި މަހުގެ ފަހުކޮޅު އެވެ.
އެހެންވެ މި ލަވައަށް ޒަކިއްޓެގެ ފޭނުން އިންތިޒާރު ކުރާނެ އެވެ. ލަވަ ނެރޭ އިރު މީގެ ވީޑިއޯ ވެސް ބެލުންތެރިންނަށް ގެނެސް ދޭން ވަނީ އަމާޒު ހިފައިފަ އެވެ.