09 ޖެނުއަރީ 2019 - 06:25

މިދިޔަ އަހަރު ރިލީޒްކޮށް، ބޮޑު ތަރުހީބެއް ލިބުނު ޓޮމް ހާޑީގެ ސުޕަހީރޯ ފިލްމު "ވެނަމް" ގެ ދެވަނަ ބައެއް ހަދަން ނިންމައިފި އެވެ.
ސޮނީ ޕިކްޗާޒުން މި ފިލްމުގެ ދެވަނަ ބައެއް ހަދަން ނިންމި ނަމަވެސް، އެ ކުންފުނިން ވަނީ އިތުރު އެއްވެސް މައުލޫމާތެއް އަދި ދެވެން ނެތް ކަމަށް ބުނެފަ އެވެ. އެކަމަކު ހޮލީވުޑް ރިޕޯޓާ އިން ބުނީ "ވެނަމް" ގެ ދެވަނަ ބައިގެ ސްކްރީންޕްލޭ ލިޔަން ވެސް ކެލީ މާސެލްއާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭނާގެ ކުރިއަށް ފިލްމަކީ ޑިޒްނީން ގެނެސްދޭ "ކްރުއެލާ" އެވެ.
ރޫބެން ފްލެއިޝާ ޑައިރެކްޓް ކުރި "ވެނަމް" ގެ ސްކްރޫންޕްލޭގައި ކެލީއާއާ އެކު ޖެފް ޕިންކްނާ އާއި ސްކޮޓް ރޮޒެންބާގް ހިއްސާވައިވެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރިލީޒް ކުރި މި ފިލްމަކީ ބޮކްސް އޮފީހުގައި 855.6 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ފިލްމު ހަދަން ހޭދަ ކުރީ ގާތްގަނޑަކަށް 116 މިލިއަން މިލިއަން ޑޮލަރެވެ.
މާވެލް ކޮމިކްސްގެ ކެރެކްޓާ "ވެނަމް" އަށް ބިނާކޮށް ހެދި ފިލްމުގައި ހާޑީއާ އެކު މުހިއްމު ރޯލްތަކުން ފެނިގެން ގޮސްފައި ވަނީ މިޝެލް ވިލިއަމްސް، ރިޒް އަހުމަދު، ސްކޮޓް ހޭޒް އަދި ރީޑް ސްކޮޓް އެވެ.
ހާޑީގެ ކުރިއަށް އޮތް ފިލްމަކީ އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ އަލް ކެޕޯންގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ކްރައިމް ފިލްމު "ފޮންޒޯ" އެވެ.