މަދުން ނޫނީ ނުފެންނަ އެމެއް އާދަޔާ ހިލާފަށް ގިނަވެއްޖެ
މަދުން ނޫނީ ނުފެންނަ އެމެއް އާދަޔާ ހިލާފަށް ގިނަވެއްޖެ

ރާއްޖެއިން ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ އެމެއް ކަމަށްވާ "ކަރަވަތި" މި ދުވަސްވަރު އާދަޔާ ހިލާފަށް ގިނަވެ، ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަން ފަށައިފި އެވެ.

މަދުން ނޫނީ ނުފެންނަ އެމެއް އާދަޔާ ހިލާފަށް ގިނަވެއްޖެ
މަދުން ނޫނީ ނުފެންނަ އެމެއް އާދަޔާ ހިލާފަށް ގިނަވެއްޖެ

"މިހާރު" އާ ވާހަކަދެއްކި ހުވަދު އަތޮޅު މަސްވެރިޔެއް ކަމަށްވާ ހަސަން ސާޖިން ބުނީ މި ދުވަސްވަރު "ވަރަށް ބޯކޮށް" ރާއްޖޭގެ އެކި ހިސާބުތަކުން ކަރަވަތި ފެންނަ ކަމަށެވެ.

"ބޭރު ކަނޑުން ފެންނަ އިރު ވެސް ފެންނަނީ ބޮޑެތި އެތިގަނޑުގަނޑުން. ހުވަދު އަތޮޅުން ވެސް ވަރަށް ގިނައިން ފެނޭ. އަދި މުޅި ރާއްޖެއިން ވެސް މިދުވަސްވަރު އެބަ ފެނޭ،" ސާޖިން، 20، ބުންޏެވެ.

މިއީ ކޮންމެ 40 އަހަރަކުން އެއް ފަހަރު ރާއްޖޭން ފެންނަ މަހެއް ކަމަށް، މަސްވެރިކަން ކުރާތާ ގިނަ ދުވަސްވީ މީހުންނާ ހަވާލާދީ ސާޖިން ބުންޏެވެ.

"އަހަރުމެން ދޯނީގެ ކެޔޮޅު ވެސް ބުނީ އޭނާއަށް މީގެ ކުރިން އެއް ފަހަރު ކަމަށް ކަރަވަތި ފެނުނީ. އޭނާ މަސްވެރިކަން ކުރާތާ 40 އަހަރުވެއްޖެ. އުމުރުން 80 އަހަރުގެ އެހެން މަސްވެރިޔަކު ބުނީ އޭނާގެ އުމުރުން އެންމެ ތިން ފަހަރު ކަމަށް ފެނުނީ،" އޭނާ ބުންޏެވެ.

ކަރަވައްޗަކީ ހިޖުރަކުރާ މަހެއް ކަމަށާއި ރާއްޖެ އަށް ވަންނަނީ ކޯރަކުން އައިސް ކަމަށް، ދުވަސްވީ މަސްވެރިންގެ ފަރާތުން މައުލޫމާތު ލިބޭ ކަމަށް ސާޖިން ބުންޏެވެ.

"ވަރަށް މަދު ފަހަރަކު ފަރަށް ވެސް ވަދެ އޮންނަ ކަމަށް ވަނީ. ހަމަ އެއްކޮޅުން އަރައިގެން ރާއްޖޭގެ އަނެއް ކޮޅުން ފައިބައިގެން ދާ ކަމަށް ވަނީ،" އޭނާ ބުންޏެވެ.

ސާޖިދު ބުނީ ކަރަވަތި އެންމެ ވައްތަރީ ރާއްޖެއިން އާންމުކޮށް ފެންނަ އެމުގެ ބާވަތެއް ކަމަށްވާ މިޔަރެންއާ ކަމަށެވެ.

"މޫދުގައި ދުވެ ދުވެ އޮންނަ އިރު ހަމަ ހީވަނީ މިޔަރެންހެން. ފެނުނީމަ ބައެއް މީހުން ބުނަނީ މިޔަރެން ކަމަށް. އަނެއް ބަޔަކު ބުނަނީ ކަރަވަތި ކަމަށް. އެހާ ވައްތަރު،" ސާޖިން ބުންޏެވެ.

މަސްވެރިން ބުނާ ގޮތުގައި މިއީ ދޯނީގައި، މަރުނުވެ ދެތިން ދުވަހު ގެންގުޅެވޭ އަދި ބޮޑެތި މަހަށް މީރު އެމެކެވެ. އަދި އާންމުކޮށް ހިފާ އެން ކަމަށްވާ ބޯއްޖާ ހިލާފަށް، ޑައިވް ނުކޮށް ރޭގަނޑު ބޮކި ދިއްލައިގެން، ދޯނީގައި ތިބެގެން ފަސޭހައިން މި އެން ހިފޭ ކަމަށް ވެސް މަސްވެރިން ބުނެ އެވެ.