08 ޖެނުއަރީ 2019 - 10:27

ލަންޑަން (ޖެނުއަރީ 8) – ބާސެލޯނާގެ ކޯޗުކަމުގައި އާނެސްޓޯ ވަލްވާޑޭ މަގާމުގައި ދެމިހުރެއްޖެ ނަމަ ވަރަށް އުފާވާނެ ކަމަށް އެ ޓީމުގެ ސީނިއާ ކުޅުންތެރިޔާ ޖެރާޑް ޕީކޭ ބުނެފި އެވެ.
ވަލްވާޑޭ ބާސެލޯނާގައި މަޑުކުރާނެ ކަމާ މެދު ވަނީ ސުވާލުތައް އުފެދިފަ އެވެ. ދާދި ފަހުން އޭނާ ބުނީ އަންނަ ސީޒަނުގައި މަގާމުގައި ހުންނާނެ ކަމަށް ނޭގޭ ކަމަށް ބުނެފަ އެވެ. ބާސެލޯނާ އިން ވަނީ ވަރަށް އަވަހަށް ގޮތެއް ނިންމަން އޭނާ އަށް އަންގައިފަ އެވެ.
"އަހަރެމެން ވަރަށް އުފާވާނެ އޭނާ މަޑުކުރާ ގޮތަށް ނިންމައިފިއްޔާ. އޭނާ އަންނަނީ ވަރަށް ރަނގަޅަށް މަސައްކަތްކުރަމުން. އޭނާ ޓީމަށް ހަމަޖެހުން ގެނެސްދޭ. ވަލްވާޑޭ އަންނަނީ ނަތީޖާ ނެރެމުން އަދި އޭނާގެ މަސައްކަތް ކާމިޔާބުކަން ސާބިތުކޮށްދެމުން،" ޕީކޭ ބުންޏެވެ.
ސްޕެނިޝް ލީގުގައި ބާސެލޯނާ އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އަދި ވާދަވެރި ރެއާލް މެޑްރިޑުގެ މައްޗަށް 10 ޕޮއިންޓުގެ ލީޑެއް ވަނީ ނަގައިފަ އެވެ.
އެކަމަކު ވަލްވާޑޭއާ މެދު ހިތްހަމަނުޖެހުންތަކެއް އުޅެ އެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި ބާސެލޯނާގެ ކުޅުމުގެ ސްޓައިލް ބަދަލުވުން ވެސް ހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާ އިން ވަނީ އަންނަ ސީޒަނުގައި ޓީމު ހަވާލުކުރާނެ ކޯޗެއް ހޮވަން ލިސްޓެއް ވެސް އެކުލަވާލައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް އާއި އާސެން ވެންގާ އަދި ތިއެރީ އޮންރީ ހިމެނެ އެވެ.