09 ޖެނުއަރީ 2019 - 06:19

ފޮޓޯއެއް ނުވަތަ ވީޑިއޯއަކުން ފެންނަ މީހެއްގެ ބޮލުގެ އިސްތަށިގަނޑު ހުރި ގޮތަށް ކޮށަން ބޭނުންވާ ނަމަ މިހާރަށް ވުރެ ބޮޑު ސަމާލުކަން ދޭށެވެ. އެހެން ނޫނީ ޗައިނާގެ މި ޒުވާނާ އަށް ލިބުނު ކަހަލަ ލަނޑެއް ލިބިދާނެ އެވެ.

ބޯކޮށަން ދިޔަ ތަނުގެ މީހާ އަށް އޭނާ ވީޑިއޯއެއް ޕޯސްކޮށްފައި، އޭގައި އެ ފެންނަ ގޮތަށް ބޯކޮށަން ބޭނުން ކަމަށް ބުންޏެވެ. އޭގައި ފެންނަ މީހާގެ ބޯ ދެ ފަރާތުން ތުނިކޮށްފައި މަތިން އިސްތަށިގަނޑު ސްޓައިލްކޮށްފައި ހުރި އިރު އެއް ފަރާތުން ފެންނަނީ "ޕްލޭ ބަޓަން" އެކެވެ.
ކަސްޓަމަރަށް ސަމާލުކަން ނުދެވުނު ކަމަކީ އޭނާގެ ޕޯސް ކުރި ވީޑިއޯގެ މަތީގައި ތިނެސްކަނަށް އިން ޕްލޭ ބަޓަން އިންކަމެވެ.
ނަތީޖާއަކީ އެ ބަޓަން ވެސް ހިމެނޭ ގޮތަށް ކޮށާލުމެވެ. އެންމެ ބަޓަނެއް ވެސް ނޫނެވެ. ބޮލުގެ ދެ ފަރާތުގައި ބޮޑު ދެ ބަޓަން ހެދި އެވެ.
މި މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވެ، ވަރަށް ގިނަ ބަޔަކު ޖޯކް ވެސް ޖަހާފައިވެ އެވެ. އެއް ބަޔަކު ބުނެފައި ވަނީ "ތިއޮތީ އެހެން މީހެއްގެ ސްޓައިލް ކޮޕީކުރަން ހަދައިގެން އަމިއްލަ ސްޓައިލެއް ހެދިފައި" ކަމަށެވެ.
"އަހަންނަށް ވަރަށް ޔަގީން މި ސްޓައިލް ޓްރެންޑަކަށް ވެސް ބަދަލުވެގެން ދާނެކަން،" ޗައިނާގެ ސޯޝަލް މީޑިއާ ވެބްސައިޓް، ވެއިބޯގައި މީހަކު ބުންޏެވެ.
އެހެން މީހަކު ބުނީ ލިބޭ ލަނޑަކުން ވެސް ރަނގަޅެއް ވެދާނެ ކަމަށާއި މިއީ އެކަހަލަ ކަމެއް ކަމަށެވެ.