ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގެންފި
ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގެންފި

ނައިބު ރައީސް ފައިސަލް ނަސީމް، އާއިލާއާ އެކު ދައުލަތުގެ ރަސްމީ ގެކޮޅު ހިލާލީގެއަށް އިއްޔެ ބަދަލުވެވަޑައިގެންފި އެވެ.

ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގެންފި
ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގެންފި

ނައިބު ރައީސްގެ އަރިސް ބޭފުޅަކު ވިދާޅުވީ އެމަނިކުފާނާ އެކު އަނބިކަނބަލުންނާއި ދެ ދަރިކަލުން ވެސް އެ ގެކޮޅަށް ބަދަލުވެވަޑައިގެންފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދިރިއުޅުއްވަމުން އަންނަނީ މުލިއާގޭގަ އެވެ.

ހިލާލީގެޔަކީ ކުރިން އާންމުކޮށް ނައިބު ރައީސުން އުޅުއްވި ތަނެކެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަހު ތިން އަހަރު ދިރިއުޅުއްވީ އެ ގޭގަ އެވެ. މުލިއާގެ ބޭނުންކުރެއްވީ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ ސިޔާސީ މަސައްކަތްތަކަށެވެ.

ހިލާލީގެ އަކީ ރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރުގެ ގެކޮޅެކެވެ. ނަމަވެސް އެމަނިކުފާނު ދައުލަތަށް ހިޔާނާތްތެރިވެވަޑައިގެންފައިވާކަން ކޯޓަށް ސާބިތުވުމުން، ބައެއް މުދާތައް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ދައުލަތަށް ނެގި އިރު ހިލާލީގެއަކީ އޭގެ ތެރެއިން އެއް ބިމެވެ.

މައުމޫންގެ ވެރިކަމުގައި ހިލާލީގެ ބޭނުންކުރީ ސަރުކާރުގެ ހާއްސަ މެހެމާނުން ތިބޭ ތަނަކަށެވެ. އެގޮތުން ރާއްޖޭން ބޭރުން ވަޑައިގަންނަވާ ބައެއް ބޭފުޅުން އެތަނުގައި ތިއްބެވި އެވެ.

ނައިބު ރައީސަށް ހާއްސަ ގެކޮޅަކަށް ހިލާލީގެ ހެއްދެވީ މައުމޫންގެ ވެރިކަމަށް ފަހު ރައީސްކަމަށް ވަޑައިގެންނެވި މުހައްމަދު ނަޝީދުގެ ސަރުކާރުންނެވެ. އެގޮތުން އެ ސަރުކާރުގެ ނައިބު ރައީސް އަދި ފަހުން ރައީސްގެ މަގާމާ ހަވާލުވަޑައިގެންނެވި މުހައްމަދު ވަހީދު ދިރިއުޅުއްވީ އެތަނުގަ އެވެ. އަދި އޭގެ ފަހުން ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް މުހައްމަދު ޖަމީލު ވެސް އުޅުއްވީ ހިލާލީގޭގަ އެވެ.