22 އޯގަސްޓް 2016 - 06:34

"ލަވް ސްޓޯރީ" އަކީ ހިންދީ ފިލްމުތަކަށް ޒުވާނުން ލޯބިޖެހުމުގެ އަސްލަކަށް ވެގެން ދިޔަ ފިލްމެކެވެ. އެ ފިލްމުގައި ލީޑް ރޯލު ކުޅުނު ކުމާރު ގޯރަވް އާއި ވިޖެޔާތާ ޕަންޑިތު ނޭނގޭ މީހަކު ވަރަށް މަދުވާނެ އެވެ. އެ ފިލްމު 1981 ގައި ރިލީޒްކުރުމާ އެކު އިސާހިތަކު ކުމާރު ގޯރަވްގެ ފޭނުންގެ އަދަދު އިތުރުވެގެން ދިޔަ އެވެ. ޚާއްސަކޮށް އެ ދުވަސްވަރުގެ ޒުވާން އަންހެންކުދިން ތިބީ އޭނާއާ ހެދި މޮޔަ ވެފަ އެވެ.
ފިލްމުގައި ކުމާރު ގޯރަވްގެ އެކްޓިން އަށް ވުރެ ގިނަ ޒުވާނުންނަށް ކަމުދިޔައީ އޭނާގެ ރީތި ސިފަ އެވެ.

އޭނާގެ އިސްތަށިގަނޑާއި ހެދުންއެޅުމުގެ ސްޓައިލް ކޮޕީކުރި މީހުން ވެސް އެ ދުވަސްވަރު މަދެއް ނޫނެވެ.
"ލަވް ސްޓޯރީ" އާއި ކުމާރު ގޯރަވްގެ މަގްބޫލުކަން ބޮޑުވުމުގެ ސަބަބުން ސިނަމާގައި އެ ފިލްމު ދިގު މުއްދަތަކަށް ދައްކާފައިވެ އެވެ.
އެ ދުވަސްވަރު ކުމާރު ގޯރަވް އާއި "ލަވް ސްޓޯރީ"ގެ ބަތަލާ ވިޖެޔާތާ ޕަންޑިތާ އެކު ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް އޮތެވެ. ނަމަވެސް ދެ ފަރާތުގެ އާއިލާގެ ނުރުހުމުގެ ސަބަބުން މި ދެ ތަރިންނަށް ގުޅެވޭ ގޮތެއް ނުވި އެވެ.
ކުމާރު ގޯރަވްގެ އަސްލު ނަމަކީ މަނޯޖް ތުލީ އެވެ. މިހާރު އޭނާ އަކީ ބޮޑު ވިޔަފާރިވެރިއެކެވެ.
ބޮލީވުޑްގައި އޭނާ ހޭދަކުރި ކުރު މުއްދަތުގެ ތެރޭގައި ވަރަށް ކާމިޔާބު ރީތި ފިލްމުތަކެއް ކުޅެފައިވެ އެވެ.
ތޭރީ ކަސަމް، ލަވާޒް، ސްޓާ އަދި ރޮމޭންސް ލޯބީގެ ފިލްމުތަކުން އޭނާ އެދުވަސްވަރު ޒުވާނުންގެ ހިތް އަތުލަމުން ދިޔަ ނަމަވެސް ވިޔަފާރި އާއި އާއިލާގެ ހައްގުގައި އޭނާ ފިލްމީ ކެރިއަރާ ދުރަށް ދިޔަ އެވެ. އަދި އޭގެ ފަހުން ފާއިތުވީ ދުވަސްތަކުގައި އެއްވެސް ވަރަކަށް އޭނާ އެކަމަކާ ހިތާމައެއް ނުކުރެ އެވެ.
ކުމާރު ގޯރަވް އަކީ ހިންދީ ފިލްމުތަކުގައި ކުރިން މަސައްކަތްކުރި މަޝްހޫރު އެކްޓަރެއް ކަމަށްވާ ރާޖެންދުރަ ކުމާރުގެ ދަރިފުޅެކެވެ. ކުމާރު ގޯރަވް ކައިވެނިކުރީ ވެސް މަޝްހޫރު ދެ އެކްޓަރުންގެ ދަރިއަކާ އެވެ. ސުނިލް ދަތާއި ނަރްގިސްގެ ދަރިފުޅު ނަމްރަތާ އާ އެވެ.
މިހާރު ކުމާރު ގޯރަވްގެ އުމުރުން 56 އަހަރެވެ. ނަމްރަތާ އާއި އޭނާއަށް ލިބިފައިވާ ދެ އަންހެން ދަރިން ކަމަށްވާ ސާޗީ އާއި ސިޔާ ބޮޑުވެއްޖެ އެވެ. ނަމްރަތާ އާއި ކުމާރު ގޯރަވްގެ ދެ އަންހެންދަރިން އެބަތިއްބެވެ. ސާޗީ އާއި ސިޔާ އެވެ. މި ދެ ކުދިންނަކީ ވެސް މިހާރު ބޮޑުވެ ޒުވާން ވެފައި ތިބި ދެ ކުދިންނެވެ. އަދި ސާޗީ މިހާރު ވަނީ ކައިވެނި ވެސް ކޮށްފަ އެވެ.
ސާޗީ ކައިވެނި ކުރީ ކުރީގެ މަޝްހޫރު ފިލްމު ޑައިރެކްޓަރެއް ކަމަށްވާ ކަމާލް އަމްރޯހީގެ ކާފަ ދަރިފުޅެއް ކަމަށްވާ ބިލާލް އަމްރޯހީ އާ އެވެ.
ފިލްމު ކުޅުން ހުއްޓާލި ވަރަށް ގިނަ ތަރިން އަލުން ފިލްމީ ދުނިޔެއަށް އެނބުރި އައިސްފައިވެ އެވެ. ނަމަވެސް އަލުން ފިލްމީ ދުނިޔެއަށް އެނބުރި އައުމުގެ ވިސްނުމެއް ކުމާރު ގޯރަވްގެ ނެތެވެ.
އަންހެންކުދިންގެ ހިތްތަކުގައި މީގެ 35 ވަރަކަށް އަހަރު ކުރިން ކުރަހާލި ކުމާރު ގޯރަވްގެ ޒުވާން ރީތި ތަސްވީރަށް އެއްވެސް ބަދަލެއް ގެންނަން އޭނާ ބޭނުން ނުވަނީ ކަމަށް ވެދާނެ އެވެ.