ގޭބޮން އަށް ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބުކޮށްލައިފި
ގޭބޮން އަށް ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބުކޮށްލައިފި

ބްރިޒިވިލް (ޖެނުއަރީ 7) - މެދުތެރޭ އެފްރިކާގެ ގޭބޮން އަށް ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބުކޮށްލުމަށް ފަހު ބަޣާވާތް ކުރަން އުޅުނު ސިފައިންގެ ފަސް މީހުންގެ ތެރޭން ދެ މީހުން މަރާލައިފި އެވެ.

ގޭބޮން އަށް ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބުކޮށްލައިފި
ގޭބޮން އަށް ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބުކޮށްލައިފި

ބަޣާވާތް ކުރަން ކުޅުނު ސިފައިންގެ ދެ މީހުން މަރާލީ ރޭޑިއޯ ބިލްޑިންގައި ތިއްބަ އެވެ. ރޭޑިއޯ ސްޓޭޝަން ވަނީ އެ މީހުންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ. އަނެއް ތިން މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ބަޣާވާތް ކުރި ޖޫނިއާ އޮފިސަރުން ބުނެފައި ވަނީ އެ މީހުން ބޭނުންވީ ގައުމުގައި ޑިމޮކްރެސީ އަލުން އިޔާދަކުރަން ކަމަށެވެ.

"ހާލަތު ކޮންޓްރޯލް ކުރެވިއްޖެ،" ގޭބޮންގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ބަޣާވާތުގެ ލީޑަރު ލެފްޓިނެންޓް އޮންޑޯ އޮބިއަން ފިލައިގެން އުޅެނިކޮށް ހޯދާފައި ވަނީ އެނދެއްގެ ދަށަށް ވަދެ އޮއްވަ އެވެ.

ސަރުކާރުގެ ތަރުޖަމާން ވިދާޅުވީ ބަޣާވާތަށް ވާގިވެރިވި ކަމަށް ބުނާ އެންމެންގެ މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީ، ކޯލިޝަން ފޯ ނިއު ރިޕަބްލިކުން ބުނެފައި ވަނީ ބަޣާވާތާ އެ މީހުންނާ ގުޅުމެއް ނެތް ކަމަށެވެ.

ގޭބޮންގައި އެއް އާއިލާއަކުން ވެރިކަންކުރާތާ ބައި ގަރުނެއްހާ ދުވަސްވެއްޖެ އެވެ. ބައްޕަ އުމަރު ބޮންގޯގެ ބަދަލުގައި މިހާރުގެ ރައީސް އަލީ ބޮންގޯ އަށް ވެރިކަން ލިބިވަޑައިގެންނެވީ 2009 ވަނަ އަހަރު އެވެ. އޭނާ ވަނީ 2016 ވަނަ އަހަރު ވެސް އިންތިޚާބު ކާމިޔާބު ކުރައްވައިފަ އެވެ. ނަމަވެސް ފަރުވާ އަށް އަލީ ބޮންގޯ ގައުމުން ބޭރުގައި އުޅުއްވާތާ މިހާރު ދެމަހެއްހާ ދުވަސްވެއްޖެ އެވެ. އޮކްޓޯބަރު މަހު ސައުދީގައި ހުންނަވަނިކޮށް ސްޓްރޯކެއް ޖެހުމުން އޭނާ އަށް މިހާރު ފަރުވާ ދެނީ މޮރޮކޯގަ އެވެ.