07 ޖެނުއަރީ 2019 - 22:23

މ. މުލީގައި ފާމަސީއެއްގެ ތެރޭގައި ބިދޭސީ ފިރިހެން މުވައްޒަފަކަށް ތޫނު އެއްޗަކުން ހަމަލާދީ މިރޭ ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަމިއްލަ މީހެއްގެ ފާމަސީގައި މަސައްކަތް ކުރާ އިންޑިޔާ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީގެން 7:57 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގުކުރަމުން އަންނާތީ އެކަމުގެ ތަފްސީލެއް ހިއްސާއެއް ނުކުރެ އެވެ.
އޭނާއަށް ފަރުވާ ދެމުން އަންނަ މުލީ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ މާރާމާރީގައި ޒަހަމްވި 31 އަހަރުގެ މީހާގެ ހާލު ރަނގަޅު ކަމަށެވެ. އޭނާގެ ވާއަތު އުޅަނބޮއްޓާ ދިމާލުން 4-5 އިންޗި ފުނަށް ކަފައިގެން ގޮސްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"މިހާރު އޮޕަރޭޝަން ކުރުމަށް ތިއޭޓަރަށް ވައްދާފައި ވަނީ. އޭނާގެ ކޮންޑިޝަން ރަނގަޅު،" އޮފިޝަލް ވިދާޅުވި އެވެ.
ހޮސްޕިޓަލާ ކައިރީގައި ހުންނަ ފާމަސީގައި އިތުރު މުވައްޒަފެއް ވެސް މަސައްކަތް ކުރެ އެވެ. ނަމަވެސް ހަމަލާދިން ވަގުތު ހުރީ ބިދޭސީ މީހާ އެކަންޏެވެ.