07 ޖެނުއަރީ 2019 - 18:47

ހުޅުމާލޭގައި ވިލާ ކޮލެޖުގެ ކެމްޕަހެއް މިއަދު ހުޅުވައިފި އެވެ.
ވީހާ ވެސް ގިނަ ދަރިވަރުންނަށް މަތީ ތައުލީމް ފަހިކޮށްދިނުމުގެ މަގުސަދުގައި ގާއިމްކުރި ކެމްޕަސް ހުޅުވައިދެއްވީ އެ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރެވެ.
އަލަށް ހުޅުވި ކެމްޕަހާ އެކު ވިލާ ކޮލެޖުގެ ކެމްޕަސްތަކުގެ އަދަދު ހަތަކަށް އަރާނެ އެވެ. އޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ ކޮލެޖުގެ 13 ލާނިން ސެންޓަރު ގާއިމްކޮށްފައިވެ އެވެ.
ހުޅުމާލޭ ރަބަރުގަސްމަގު ހަތް ނަމްބަރު ގޯޅީގައި ހުންނަ ކެމްޕަހުގައި އެންމެ ފުރަތަމަ ސެޓްފިކެޓް ލެވެލްގެ ހަތަރު ކޯހަަކާއި ބިޒްނަސް މެނޭޖްމަންޓް އެންޑް މާކެޓިން ދާއިރާގެ ޑިގްރީ ކޯހެއް ހިންގާނެ އެވެ.
ސެޓްފިކެޓް ލެވެލްގެ ކޯސްތަކަކީ؛ ބިޒްނަސް ސްޓަޑީޒްގެ ސެޓްފިކެޓް ލެވެލް ތިނަކާއި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ސެޓްފިކެޓް ހަތަރަކާއި އެކައުންޓިންގެ ސެޓްފިކެޓް ހަތަރަކާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ސެޓްފިކެޓް ހަތަރެއްގެ ކޯހެވެ.
ސަރުކާރުން ޑިގްރީއާ ހަމައަށް ހިލޭ ކިޔަވައިދޭން ނިންމާފައިވާއިރު، ދަރިވަރުންނަށް ބޭނުންވާނެ މުހިއްމު ދާއިރާތަކުން ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުމަށް ވިލާ ކޮލެޖު އޮތީ ތައްޔާރަށް ކަމަށް އެ ކޮލެޖުން ބުންޏެވެ.