07 ޖެނުއަރީ 2019 - 15:49

ކަރާކަސް (ޖެނުއަރީ 7) - ވެނެޒުއެލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ފިއްލަވައިގެން އެމެރިކާ އަށް ވަޑައިގެންފި އެވެ.
ފަނޑިޔާރު ކްރިސްޓިއަން ޒާޕާ ވިދާޅުވީ އޭނާ އެމެރިކާ އަށް ދާން ޖެހުނީ ރައީސް ނިކޮލަސް މަދޫރޯގެ ވެރިކަމުގެ ދެ ވަނަ ދައުރާ މެދު ހިތްހަމަނުޖެހިގެން ކަމަށެވެ. ފްލޮރިޑާގެ ރޭޑިއޯ ސްޓޭޝަނަކަށް ޒާޕާ ވިދާޅުވީ މިދިޔަ އަހަރު ބޭއްވި އިންތިޚާބުގެ ކަންކަން ދިޔައީ ރަނގަޅަށް ނޫން ކަމަށާއި އެއީ މިނިވަން އިންތިޚާބެއް ނޫން ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް ރައީސް މަދޫރޯ ބިރު ދައްކާ ބައެއް މައްސަލަތައް ނިންމަންވީ ގޮތް ވެސް ކިޔައިދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަނޑިޔާރު ޒާޕާ ވިދާޅުވެފައި ވަނީ މިދިޔަ އަހަރު ބޭއްވި އިންތިޚާބުގެ ވާހަކަ ދައްކަން އޭނާ މަޑުކޮށްގެން ހުރީ އާއިލާ އެކު އެމެރިކާ އަށް ދެވެންދެން ކަމަށެވެ.
އެކަމަކު ވެނެޒުއެލާގެ ސުޕްރީމް ކޯޓުން ބުނެފައި ވަނީ ފަނޑިޔާރު ޒާޕާ ފިއްލަވައިގެން އެމެރިކާ އަށް ވަޑައިގެންނެވީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ޖިންސީ ގޯނާގެ މައްސަލައިން ރެކެން ކަމަށެވެ.
ފަނޑިޔާރު ޒާޕާ އަކީ ކުރިން ރައީސް މަދޫރޯ ރުހޭ ގޮތަށް ހުކުމްތައް ނެރުއްވި ބޭފުޅެކެވެ.
އިންތިޚާބުގައި މަކަރާއި ހީލަތް ހަދާފައިވާތީ އެމެރިކާ އިން ވަނީ ވެނެޒުއެލާއާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. އަދި ފަނަރަ ގައުމަކުން ވަނީ ސަފީރުން އަނބުރާ ގެންގޮސްފަ އެވެ.
ވެރިކަމުގެ ދެ ވަނަ ދައުރުގެ ހުވާ މަދޫރޯ ކުރައްވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.