07 ޖެނުއަރީ 2019 - 14:31

ލިބްރެވިލް (ޖެނުއަރީ 7) - ހުޅަނގު އެފްރިކާގެ ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމެއް ކަމަށްވާ ގޭބޮން އަށް ސިފައިން މިއަދު ބަޣާވާތެއް ގެނެސްފި އެވެ.
ސިފައިން ބުނެފައި ވަނީ އެ މީހުން ބަޣާވާތެއް ގެންނަން ޖެހުނީ ގައުމަށް ޑިމޮކްރެސީ ގެންނަން ކަމަށެވެ. ސިފައިން ވަނީ ގައުމީ ޓީވީ ސްޓޭޝަނުގެ ކޮންޓްރޯލް ހޯދުމަށް ފަހު ވެރިކަން ހިންގުމަށް "ނޭޝަނަލް ރެސްޓޮރޭޝަން ކައުންސިލެއް" އުފައްދާފައިވާ ކަމަށް ބުނެފަ އެވެ.
ވެރިރަށް ލިބްރެވިލްގެ މަގުތަކުގައި ސިފައިން ބަރު ހަތިޔާރާ އެކު އުޅޭ މަންޒަރު ފެނިފައިވެ އެވެ.
ގޭބޮންގައި އެއް އާއިލާއަކުން ވެރިކަންކުރާތާ ބައި ގަރުނެއްހާ ދުވަސްވެއްޖެ އެވެ. ބައްޕަ އުމަރު ބޮންގޯގެ ބަދަލުގައި މިހާރުގެ ރައީސް އަލީ ބޮންގޯ އަށް ވެރިކަން ލިބިވަޑައިގެންނެވީ 2009 ވަނަ އަހަރު އެވެ. އޭނާ ވަނީ 2016 ވަނަ އަހަރު ވެސް އިންތިޚާބު ކާމިޔާބު ކުރައްވައިފަ އެވެ. ނަމަވެސް ފަރުވާ އަށް އަލީ ބޮންގޯ ގައުމުން ބޭރުގައި އުޅުއްވާތާ މިހާރު ދެމަހެއްހާ ދުވަސްވެއްޖެ އެވެ. އޮކްޓޯބަރު މަހު ސްޓްރޯކެއް ޖެހުމުން ފަރުވާ އަށް ވަނީ މޮރޮކޯ އަށް ވަޑައިގެންފަ އެވެ.
އާ އަހަރުގެ މެސެޖުގައި އޭނާ ވަނީ ހާލު ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ.
ސިފައިންގެ ބަޣާވާތާ ގުޅޭ ގޮތުން ސަރުކާރުން އަދި ވަކިއެއްޗެއް ނުބުނެ އެވެ.