ޔޫތު ޗެމްޕިއަންޝިޕަށް ޓީމުތަކުން ތައްޔާރީތައް ފަށައިފި
ޔޫތު ޗެމްޕިއަންޝިޕަށް ޓީމުތަކުން ތައްޔާރީތައް ފަށައިފި

ސީޒަނުގެ ފުރަތަމަ ފުޓްބޯޅަ މުބާރާތް ކަމަށްވާ 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕަށް ޓީމުތަކުން ތައްޔާރީތައް ފަށައިފި އެވެ.

އަންނަ މަހުގެ 3 ވަނަ ދުވަހު ފަށާ މުބާރާތަށް ނިއު ރޭޑިއަންޓް، އީގަލްސް، ފޯކައިދޫ، ގްރީންސްޓްރީޓްސް އިން ވަނީ މިހާރު ޕްރެކްޓިސް ފަށައިފަ އެވެ. މާޒިޔާ އިން މިއަދު ޕްރެކްޓިސް ފަށާނެ އެވެ. އެ ކްލަބުން ބުނީ ބައިވެރިވާން ބޭނުންވާ ކުދިންނަށް ޓްރަޔަލްގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ނިއު އިން މި ފަހަރު ކޯޗަކަށް ހަމަޖައްސާފައިވަނީ ސީނިއާ ލެވެލް ފުޓްބޯޅައަށް އާ ކޯޗެއް ކަމަށްވާ މުއާވިއަތު އިލްހާމެވެ. އޭ ލައިންސަންސް ނަގާފައިވާ މުއާވިތަކީ އިންޓަ ސްކޫލް މުބާރާތްތަކުގައި އަދި އެފްއޭއެމް ވައިޑީޕީގައި ވެސް މަސައްކަތްކޮށްފައިވާ ކޯޗެކެވެ.

ނިއުގެ އޮފިޝަލަކު ބުނީ ކޯޗަކަށް މުއާވިއަތު ހަމަޖެއްސީ ޒުވާން އާ ކޯޗުންނަށް ފުރުސަތު ދޭން ވެގެން ކަމަށާއި އޭނާއާ އެކު ރަނގަޅު ކާމިޔާބެއް ހޯދޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އީގަލްސްގެ ކޯޗަކީ މިދިޔަ އަހަރު ވެސް ކޯޗުކޮށްދިން އިބްރާހިމް ސައީދު (ކަކާ) އެވެ. އޭނާ އަކީ އީގަލްސްގެ ސީނިއާ ޓީމުގެ ވެސް ކޯޗިން ސްޓާފެކެވެ. މާޒިޔާ އަށް ކޯޗުކޮށްދޭނީ ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒައިރު (ކޮއްކޮ) އެވެ.

މި އަހަރުގެ މުބާރާތް 21 އަހަރުން ދަށަށް އޮތްއިރު އެފްއޭއެމުން ރާވާފައިވަނީ އެއް އަހަރު 21 އަހަރުން ދަށަށް، އަނެއް އަހަރު 19 އަހަރުން ދަށަށް ބާއްވާށެވެ. އޭރުން މި އަހަރު ވާދަކުރި ކުޅުންތެރިން އިތުރު ހަރުފަތަކަށް އަރައި އަންނަ އަހަރު ކުޅެން ފުރުސަތު ލިބިގެންދާނެ ކަމަށް އެފްއޭއެމުން ގަބޫލުކުރެ އެވެ. މިދިޔަ އަހަރު ބޭއްވީ 19 އަހަރުން ދަށަށެވެ.

އެފްއޭއެމުން 2011 ވަނަ އަހަރު ތައާރަފްކުރި މުބާރާތުން މިހާތަނަށް ގިނަ ކުޅުންތެރިންތަކެއް ވަނީ އުފެދިފަ އެވެ. އޭގެ ތެރޭގައި މާޒިޔާގެ އަމްދާން އަލީ (އެންޑީ) އާއި އެ ޓީމުގެ އަހުމަދު އިމާޒް (އާއްކޮ) އަދި މުހައްމަދު އިރުފާން (އިރޭ) ހިމެނެ އެވެ. އަދި އަންސަރު އިބްރާހީމް (އަންކޮ) އާއި އިބްރާހިމް މުބީން (މުއްކި)، ހަސަން ރާއިފް (ހަންނަ). ހުސެއިން ޝިފާއު ޔޫސުފް ވެސް ވިދާލީ މި މުބާރާތުންނެވެ. މީގެ ތެރެއިން ބައެއް ކުޅުންތެރިން ގައުމީ ޓީމުގައި ވެސް ހިމެނެ އެވެ.