އިމްރާނާއި އަންވަރު އިިބްރާހިމް ބައްދަލު ކުރައްވައިފި
އިމްރާނާއި އަންވަރު އިިބްރާހިމް ބައްދަލު ކުރައްވައިފި

މެލޭޝިއާގެ ވެރިކަން ކުރާ ކޯލިޝަންގެ ލީޑަރު އަންވަރު އިބްރާހިމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ބައްދަލު ކުރައްވައިފި އެވެ.

އަންވަރާއި އިމްރާން ބައްދަލު ކުރެއްވީ އިމްރާން މި ވަގުތު މެލޭޝިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އަދާލަތު ޕާޓީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އަންވަރާއި އިމްރާންގެ ބައްދަލު ކުރެއްވުމުގައި، އިސްލާމީ ހަރަކާތްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ދެ ގައުމަށް ވެސް ފައިދާ ހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް ދެ ބޭފުޅުން އެއްބަސްވެ ވަޑައިގަތް ކަމަށް ވެސް އެ ޓްވީޓްގައިވެ އެވެ.

ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި ޖަލުގައި ހުންނެވުމަށް ފަހު މިނިވަންވެ ވަޑައިގަތް އަންވަރަކީ މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް ދެން ވަޑައިގަންނަވާނެ ބޭފުޅާ އެވެ. މިހާރުގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު ދެ އަހަރު ފަހުން ބޮޑުވަޒީރުކަން ދޫކޮށްލައްވާނެ ކަން އިއުލާން ކުރައްވާފައިވާއިރު، އެ މަގާމަށް އަންވަރު ވަޑައިގަތުމަށްޓަކައި މިހާރު އޭނާ ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއެއް ވެސް ކާމިޔާބު ކުރައްވައިފަ އެވެ.